ލޯބީގެ މަންޒިލު-4

549

https://sandhaanu.today/13776/ އާގުޅޭ

ސުޝީލާ ބާޒާރުކުރަން ބާޒާރުމަތީގައި އުޅެއުޅެ ވަރުބަލި ވުމުން ރެސްޓޯރެންޓަކަށް ވަދެ އިނެވެ. އެއާކޯން ކޮށްފައިވާ ރެސްޓޯރެންގެ ތެރޭގައި ދައުރުވަމުން ދިޔައީ ތެތްފިނި ވައެވެ. ލައިގެން ހުރި ޓީޝާޓުގެ ކަރުގޮށް ނައްޓަމުން ސުޝީލާ އޭނާއާއެކު އައިސްއިން އަންހެންކުއްޖާގެ ގާތު ބުންޏެވެ.

“ހާދަ ހޫނުގަދަ ދުވަހެއް ދޯ!”

އެ ވަގުތު ވޭޓަރ އައިސް އެ ދެމީހުންނަށް ގެނެސްދޭންވީ އެއްޗަކާ ގުޅޭގޮތުން ސުއާލު ކުރިއެވެ.

އޯޑަރު ދިން އެއްޗެތީގެ ނަން ލިޔެގެން ވޭޓަރ ދިއުމުން ސުޝީލާ މޯޅިއަކަށް ދެމިލާފައި އާފުރެން އުޅޭ ގޮތަކަށް އަނގަމަތީގައި އަތް އަޅައި އޭނާގެ އެކުވެރި ޖޫލީއާ ދިމާއަށް ބަލައިލިއެވެ. އަދި އެއްލޯ މަރާލާފައި ހީލަމުން ބުނެލިއެވެ.

“ޖޫލީ! ކަލޭ ފިރިހެނެއްގެ ގޮތުގައި ދުނިޔެއަށް އުފަން ނުވީ ކީއްވެގެންތަ؟”

“އަހަރެން ފިރިހެނަކަށް ވީނަމަ ސިއްރުވެރިއަކަށް ކަލޭ ހަދާނީ ކާކު؟”

“ބަލަ ކަލޭ ފިރިހެނަކަށް ވީނަމަ ސިއްރުވެރިއަކު ބެހެއްޓުމުގެ ބޭނުމެއް ނޯންނާނެ.”

ސުޝީލާ އަނެއްފަހަރު މޯޅިއަކަށް ދެމިލަމުން ބުންޏެވެ.”ނިކަން ބަލާބަލަ! އަހަރެންގެ މުޅި ހަށިގަނޑުގައި ހީވަނީ އަލިފާން ރޯވެގެން އުޅޭހެން.”

“ޖަވާހިރާ ބައްދަލުނުވާތާ މާގިނަ ދުވަސްވީތަ؟”

“އައްޗީ! އެއީ އަހަރެން ވަރަށް ފޫހިވާ މީހެއް.”

“ކިހިނެއްވީ؟ ކަލޭގެ ހިތުގައި ތަސްވީރު ކުރެވިފައިވާ، ކަލޭގެ ލޯބިވެރިއާއަކީ ޖަވާހިރެއްނޫންތަ؟”

“ކުރެހުމުގެ ރޮގުން އޭނާ ވަރުގެ މީހެއް މުޅި އިންޑިއާގައި ވެސް ނެތް. އޭނާގެ ކޮންމެ ކުރެހުމެއްގައި ވެސް އޭނާ މަސައްކަތް ކުރަނީ ދެ ޖިންސުގެ ގުޅުން ވީހާވެސް ބޮޑަށް ފާޅުކޮށް ދިނުމަށް. ހަމައެކަނި އިންސާނުންގެ ގުޅުމެއް ނޫން. ގަސްގަހާގެއްސާއި ޖަނަވާރުންގެ ގުޅުން ވެސް އޭނާ ހާމަކޮށްދައްކާ. އޭނާގެ ކުރެހުމެއް އަހަރެން ވަރަށް ބޮޑުއަގުގައި ގަތިން. އަދި އޭނާއަށް ދައުވަތު ދީގެން ގެއަށް ވެސް ގެންދިޔައިން. އެ ދުވަހު އަހަރުމެން ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުން އަހަންނަށް އެނގުނީ އޭނާއަކީ އެހެން މީހުންނާ ވަރަށް ތަފާތު މީހެއް ކަން ސާބިތު ކުރުމަށް އޭނާ މަސައްކަތް ކުރިކަން. އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާއާ މެދު ކޮންމެވެސް ވަރަކަށް ޚިޔާލުކުރަންޖެހުނު. ފިރިހެން ބަކަރިއާއި އަންހެން ބަކަރި ކައިވެނި ކުރޭހޭ އޭނާ އަހަންނާ ސުއާލުކުރި. އަދި ކޯޓުތައް ނުހުންނައިރު މީހުން ކައިވެނިކުރަން ދަނީ ކޮންތާކަށްތޯ ވެސް އޭނާ ސުއާލު ކުރި.”

“އެއީ ރަނގަޅު ވާހަކައެއްނު!”

“ކޮން ރަނގަޅު ވާހަކައެއް؟ އަހަރުމެންނަށް ދެތިން ފަހަރު ބައްދަލު ވެވުނު އިރު މަށަކީ މިސްރުގެ ކިލިއޮޕެޓްރާ ކަމުގައި އޭނާއަށް ހީވާންފެށި. އަދި އިޓަލީއާއި ފަރަންސޭސިވިލާތުގެ އަންހެން ކުދީންނާއި އޭނާއާ ބައްދަލުވި ކަމަށާއި އެކަމަކު އެމީހުންގެ ހަށިގަނޑުގައި ނެތް ކިތަންމެ ކަމެއް އަހަރެންގެ ހަށިގަނޑުގައި އެބަހުރިކަމަށް ބުނި. އޭނާ ބުނި ގޮތުންނަމަ އަހަންނަށްވުރެ ރީތި ލޫޅާފަތި އަންހެނަކު މުޅި ދުނިޔޭގައި ވެސް ނެތް. އަދި ކޮބާ؟ އެއްދުވަހަކު އޭނާ އައިސް މަގޭ އަތުގައި ހިފަހައްޓައިގެން ހުރެ މުސްކުޅި ހިންދޫންގެ ރާގަށް އަހަންނާ އިންނާށޭ ކިޔައި އާދޭސްކުރަން ފެށި.”

“ހަމަ ރަނގަޅަށް؟”

“އަހަރެން އިންނަން އެއްބަސް ނުވެއްޖެނަމަ ކޮކަޑި ކައިގެން މަރުވެދާނަމޭ ވެސް ބުނި”

“މާތް ކަލާކޯ!” ޖޫލީ ހައިރާންކަމާއެކު ސުއާލުކުރިއެވެ. “ދެންވީ ކިހިނެއް؟”

“ދެންވާނީ ކިހިނެއް؟ ކާން އިނދެފައި އަހަރެން އޭނާ ސޯފިޔާއާ ހަވާލުކޮށްފައި އެތަނުން ނިކުމެގެން ރައްކާވީ. ބުނެއުޅޭތީ އިވޭ އަހަރެން ގެއްލުނު ކަމުގެ ހިތާމަ އޭނާ މިހާރު ސޯފިޔާ އާއެކު ފާޅުކުރަމުން ދާ ވާހަކަ.”

ދެން އެދެމީހުން ބާރަށް ހީގަތެވެ. އެ ހިނިގަނޑަށްފަހު ޖޫލީ ބުންޏެވެ.

“އިންޑިއާގެ ފިރިހެނުން އަހަންނަށް ކަމުނުދާ އެންމެ ބޮޑު ސަބަބަކީ ދެތިން ފަހަރަކު ބައްދަލުވާއިރަށް އިންނަން އަހައި ކައިވެނީގެ ވާހަކަ ދައްކަންފަށާތީ.”

“އިންސާނުން މިހާރު ހަނދަށް ހިނގައްޖެ. އެކަމަކު އަހަރެންގެ ހިތަށް އަރާ މި އިންޑިއާގެ ފިރިހެނުންގެ މުސްކުޅި އާދަކާދަ ބަދަލު ނުވެގެން އުޅެނީ ކީއްވެގެން ބާވައޭ!”

“އެ ގޮތް ބަދަލު ވާނީ ވެސް ކިހިނެއް؟ ހަގީގަތަށް ބަލާއިރު މި ގައުމުގެ ފިރިހެނުން ހަލާކު ކުރަނީ ވެސް އަންހެނުން. މީހަކާ އިނުމަށްފަހު އަންހެން މީހާ އޭނާއަކީ ފިރިމީހާގެ އަޅެއްކަމުގައި ހީކުރަން ފަށާނެ. އަންހެނުން ހީކުރަނީ ފިރިމީހާ އަކީ ކަނލާންގެ ކަމަށް. އެހެން ހީކުރާން ފެށުމުން ފިރިމީހާ އަނބިމީހާއަށް ހަދަނީ ހަދާނެ އެއްޗެއް.”

“އެހެން ވާންޖެހެނީ ތާކުންތާކު ނުޖެހޭ އާދަކާދަތަކަށް ތަބައަ ވެގެން އުޅޭތީ. ތާކުންތާކު ނުޖެހޭ ވާހަކަ ލިޔެފައިވާ ފޮތްތައް ކިޔާތީ. ދިރިއުޅުމަކީ ކޮން އެއްޗެއްކަން އަންހެނުންނަކަށް ނޭނގޭ. އުމުރުން 13 އަހަރު ވާއިރަށް ކައިވެނީގެ ތެރެއަށް ބޯގަންނަވާލާނެ. ފަސްދޮޅަސް އަހަރު ނުވަނީސް ޖެހެނީ މަރުގެ ދާނުގައި އޮށޯންނަން. މި އުމުރުގައި ކެވުނު އެއްޗެއް ނޫނީ ނުކެވޭނެ. ބުއި އެއްޗެއް ނޫނީ ނުބޮވޭނެ. ރައްޓެހިވެވުނު މީހަކާ ނޫނީ ރައްޓެއްސެއް ނުވެވޭނެ. ކައިގެން ބޮއިގެން އުފާކުރަންވީ. ދަތް ހުއްޓާ ކާށި ކެވޭނީ.”

ވޭޓަރު މީހާ ގެނެސް ބެހެއްޓި ޖޫސް ތަށިން ސުޝީލާ ކޯވަރެއް ބޯލިއެވެ. އެ ވަގުތު އޭނާއަށް އޯކަށް ދެމޭހެން ހީވިއެވެ. އެއްފަހަރަކު ނޫނެވެ. ދެފަހަރަށެވެ. ދެން އޭނާ މޭގައި އަތްއަޅައިގެން އަވަސް އަވަހަށް ގޮނޑީގައި ރަނގަޅަށް ލެނގިލިއެވެ.

ޖޫލީ ފިނި ނޭވާއެއް ލާފައި ބުންޏެވެ. “އަނެއް ފަހަރު މުސީބާތް އައިސް ޖެހުނީ ދޯ!”

“އަހަންނަށް ވެސް ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެ.”

“އަހަރެން ކަލޭގާތު ކިތައްހާސް ފަހަރު ބުނެފިން ތިކުރާ ކަމެއް ރައްކަތެރިކަމާއެކު ކުރާށޭ!”

“އެފަދަ ވަގުތެއްގައި ކޮން ރައްކާތެރި ކަމަކާމެދު ޚިޔާލު ކުރެވޭނީ؟ ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނަމަ އިންޑިއާގެ އާބާދީ އިންތިހާއަށް އިތުރުވެގެންނެއް ނުދާނެ.”

“އެކަމަކު …… ދެން ކިހިނެއް ހަދާނީ؟”

“ހަމަޖެހިލައިގެން ވިސްނާލާނީ.” ސުޝީލާ ތެދުވެ ތަށިން އެތިފޮދެއް ބޯލިއެވެ. “ދޭތެރެ ދުރުކުރުމާ ބެހޭ މަރުކަޒަކަށް މަށެއް ނުދާނަން!”

“ކީއްވެގެން އެއިން ތަނަކަށް ނުދާންވީ؟ ތިޔަ ސިއްރު އެތަނުން ބޭޒާރު ނުކުރާނެކަން ޔަގީން. އަދި ކޮބާ؟ އެންމެ ހަތަރުގަޑިއިރުގެ ތެރޭގައި އެމީހުން އެކުރާ ހުރިހާކަމެއް ނިންމާލާފައި ގެއަށް އާދެވޭނެ.”

“ތީ ރަނގަޅު ވާހަކައެއް. އެކަމަކު …. އެންމެފަހުން އަހަރެން އެތަނަށް ދިޔަ ދުވަހުވެސް ގޭދޮށު ބަޔަކާ އެތަނުން ދިމާވި. އެ މީހުން ކަންބޮޑުވެ ސުއާލުކުރަން ފެށުމުން ރައްޓެއްސަކާ ބައްދަލުކުރަން އައީއޭ ބުނެ އަހަންނަށް ޖެހުނީ އަވަސްއަވަހަށް ފިލައިގެން ރައްކާވާން.”

“ދެން އެހެން ވެއްޖެއްޔާ ކޮންމެވެސް ޑޮކްޓަރަކު ފެނޭތޯ އުޅެން ވީއެއްނު!”

ނުނިމޭ

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ