އޮސްޓްރޭލިޔާގެ އަންހެނަކު މުއްސަނދި ދިރިއުޅުމަކަށް ފައިސާހޯދުމަށްޓަކައި އަމިއްލަ ދަރިފުޅަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ މީހުން އަތުން ފައިސާ ހޯދަމުން ދިއުމާއި ގުޅިގެން އޭނާ ޖަލަށް ލައިފިއެވެ.
ސައުތު އޮސްޓްރޭލިޔާ އަށް ނިސްބަތްވާ، އުމުރުން 45 އަހަރުގެ އަންހެންމީހާ ވަނީ އޭނާގެ، އުމުރުން 6 އަހަރުގެ ފިރިހެން ދަރިފުޅުގެ ބޮލާއި ބުމަ ބާލާފައި ކަމަށް ވެއެވެ. އަދި ބޮލުގައާއި ދެއަތުގައި ބެންޑޭޖް އޮޅާ ފާޑުފާޑު ބޭސްތައް ދެމުން ގޮސްފައިވާ ކަމަށް ވެއެވެ.މިހެން ހެދުމާއި ގުޅިގެން އާއިލާގެ ތެރެއިންނާއި ރައްޓެހިން އަދި ބޭރު މީހުންވެސް ޑޮނޭޝަންގެ ގޮތުގައި އެތައްހާސް ޑޮލަރު ދީފައިވާ ކަމަށް ވެއެވެ.
އަންހެންމީހާ ކޯޓުގައި ވަނީ ދަރިފުޅަށް ގެއްލުން ލިބިދާނެ އެއް އަމަލު ،އަދި ”ޑިސެޕްޝަން“ ނުވަތަ އޮޅުމާލުމާއި މަކަރު ހެދުމުގެ ދިހަ ދައުވާ އަށް އިއުތިރާފް ވެފައެވެ.
ހުކުމް އިއްވުމަށް ބުދަދުވަހު ބޭއްވި އަޑުއެހުމުގައި ފަޑިޔާރުވަނީ އަންހެންމީހާ ހިންގީ ވަރަށް ވެސް ރަހުމެއްނެތް އަމަލެއް ކަމަށް ވިދާޅުވެފައެވެ.އޭނާއަށް އިއްވާފައިވަނީ ހަތަރުއަހަރާއި ތިންމަސްދުވަހުގެ ޖަލު ހުކުމެކެވެ.
އަންހެން މީހާގެ އެހެން ކުއްޖަކު ވެސް ހުރެއެވެ.
ކޯޓުގެ އަޑުއެހުން ތަކުގައި ހާމަ ވެފައިވާ ގޮތުގައި އަންހެންމީހާ މިކަންތައް ފަށާފައިވަނީ ދިމާވި އެކްސީޑެންތަކާއި ގުޅިގެން ދަރިފުޅު ލޮލުގެ ޑޮކްޓަރަކަށް ދައްކަން ޖެހުނު ހަމައިންނެވެ.އެދުވަހަށް ފަހު އޭނާވަނީ އޭނާގެ ދަރިފުޅަށް ލޮލުގެ ކެންސަރު ޖެހިފައިވާ ކަމަށް އޭނާގެ ފިރިމީހާ،އާއިލާ އަދި ރައްޓެހިންނާއި ސްކޫލް ކޮމިޔުނިޓީ ގާތު ބުނެފައެވެ. މީގެ އިތުރުން އޭނާވަނީ ދަރިފުޅު އެކި ހަރަކާތްތަކުގައި ބައިވެރިވިޔަނުދީ ވީލް ޗެއާގައި އިނުމަށް މަޖްބޫރު ކުރުވާފައެވެ.އަދި ރޭޑިއޭޝަން ފަރުވާ ހޯދަމުންދާކަމަށް ހީވާ ގޮތަށް ކަންތައް ކޮށްފައިވާކަމަށް ވެއެވެ.
މިކަމާއި ގުޅިގެން ހެޔޮއެދޭ ފަރާތްތަކުން ދެމުން އައި ފައިސާ އަންހެންމީހާ ބޭނުން ކުރަމުން އައިސްފައިވަނީ މުއްސަނދި މަޝްހޫރު މީހުން އުޅޭގޮތަށް އުޅުމަށް ކަމަށް ވެއެވެ.
ކޯޓުގައި އަންހެން މީހާގެ ވަކީލު ބުނެފައިވަނީ ކޮވިޑް ތެރޭގައި އޭނަޔަށް ގެމްބްލް ކުރުމުގެ އެޑިކްޝަން ޖެހިފައިވާ ކަމަށާ،ދަރިފުޅަށް ކުރިމަތިވި އެކްސީޑެންޓް ގެ ބޭނުންހިފައި ފައިސާ ހޯދަން ފެށީ ގެމްބްލް ކުރުމަށް ފައިސާ ހޯދުމަށް ކަމަށެވެ. އެހެން ނަމަވެސް ކުއްޖާ އަށް ނުވަތަ އާއިލާ އަށް ވެސް ދެރައެއް ދިނުމުގެ ގަސްތު އޭނާގެ ކިބައިގައި ނެތް ކަމަށްވެސް ބުނެފައި ވެއެވެ.
އަންހެން މީހާގެ ފިރިމީހާވެސް ފުރަތަމަ ހައްޔަރު ކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ. އޭނަ ކޯޓުގެ ބޭރުގައި ހުރެ އޭބީސީ އަށް ބުނެފައިވާ ގޮތުގައި އަންހެން މީހާ ކުރި ކަންތަކުގެ ސަބަބުން ދެކުދިންގެ މުޅި ހަޔާތަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަދި ކޯޓަކުން އިއްވާ ހުކުމަކުން އެކަން ފޫނުބެއްދޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
![]()
