އެމެރިކާގެ ހަނގުރާމައާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާގޮތުން ކޮންގްރެސްގެ ހުއްދަ ހޯދުމަކާ ނުލައި އެމެރިކާގެ ރައީސަކު އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އެ ގާނޫނުގެ ދަށުން 60 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އެހެންނޫނީ ވަޒީފާ ދޫކޮށްލަން ޖެހޭނެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައަށް 60 ދުވަސް ވުމުގެ ކައުންޓް ޑައުން މިހާރު ފެށިއްޖެއެވެ. މި ހަނގުރާމަ ރައީސް ޓްރަމްޕްއަށް ކާމިޔާބު ނުކުރެވި އަދި ކޮންގްރެސްއަށް ޖަވާބު ދާރީ ނުވެވިއްޖެނަމަ ގުރުބާން ކުރައްވާނެ ކަންބަޅިއަކީ ނައިބު ރައީސް ޖޭ ޑީ ވޭންސް ކަމުގެ އަޑުތަކެއްވެސް ފެތުރެމުން ދާން ފަށައިފިއެވެ. ކުރީ ދައުރުގައި މައިކް ޕެންސަށް ހެދިގޮތް އަދި ހަނދާން ނުނެތެއެވެ.
އެމެރިކާ ޑޮލަރުގެ ބާރުގަދަ މަގާމު ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ނިމުމަކަށް އަންނާނެކަން އެމެރިކާގެ ޚާރިޖީ ވަޒީރު ފާޅުގައި އެއްބަސް ވެއްޖެކަމަށް ނިއުޑެއްލީ ޓީވީގެ ޚަބަރުގައި ބުނެފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަންފެށި ހަނގުރާމައިގާ އީރާނަށް ވަރަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދީފިއެވެ. އަދި އެމެރިކާއިން ބުނަމުން އައީ ތެދެއްކަން ދުނިޔެއަށް ހާމަވެގެންވެސް ހިނގައްޖެއެވެ. އީރާނުގައި ވަރުގަދަ ނިއުކްލިއަރ ހަތިޔާރެއް އެބައޮތެވެ. އެކަމަކު އެއީ ނިއުކްލިއަރ ބޮމެއް ނޫނެވެ. ދުނިޔޭއަށް ބޭނުންވާ ހަކަތައިގެ ދޮރާށީގެ ތަޅުދަނޑިއެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ ބާރުގަދަ ނިއުކްލިއަރ ހަތިޔާރެއްކަން އީރާނުން ދުނިޔެއަށް ދައްކައިފިއެވެ.
އީރާނާ ދެކޮޅަށް މިފަހަރު އެމެރިކާއިން ހަނގުރާމަ ފަށާފައިވަނީ އީރާނުގައި %60 އަށް މުއްސަނދިކޮށްފައިހުރި ޔުރޭނިއަމްގެ ފުނިވަރެއް ހުރި ކަމުގެ ބަހަނާގައެވެ. އޭގެ ބޭނުންކޮށްގެން ކުރުމުއަދަތެއްގައި އީރާނުން 12 ނިއުކްލިއަރ ބޮން އުފައްދާފާނެތީއެވެ. ދިފާއީ ވަޒީރުގެ އޮފީހާއި ޕެންޓަގަންގެ ފާރުތަކުގައި އެލުވާފައިވާ ފޮޓޯއަކީ އެއީއެވެ. އެމެރިކާއާއި އިސްރާއީލް އަދި ޔޫރަޕްގެ އެންމެ ބޮޑު ބޮލު ރިހުމަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައިފިނަމަ ސްޓެބިލިޓީ ނެތް ގަލްފުގެ ސަރަހައްދުގައި ސައޫދީ އެރޭބިޔާއާއި ތުރުކީއާއި މިސްރުންވެސް ނިއުކްލިއަރ ހަތިޔާރު އުފައްދަން ވަކާލާތުކުރަން ފަށާނެކަމަށްޓަކައެވެ. މިހާރުވެސް ދުނިޔޭގައި ބޭނުންކުރެވޭ ތެލާއި ގުދުރަތީ ގޭހާއި އަދި ފަރޓިލައިޒަރާއި ރޯ-މެޓީރިއަލްގެ ބޮޑު ހިއްސާއެއް ފޯރުކޮށްދެމުންގެންދާ މި ސަރަހައްދުގައި ނިއުކްލިއަރ ވާދަވަރިކަމެއް އުފެދުމަކީ ބިރުވެރިކަމެކެވެ. ހަމައެއާއެކު ނިއުކްލިއަރ-އީރާނަކުން މެދުއިރުމަތީގެ ބާރުތަކުގެ ޗާޓު އަލުން ކުރަހައި އަރަބި ގައުމުތަކުގެ މައްޗަށް ޔޫރަޕުން ގެންގުޅޭ ނުފޫޒު ފޯރުވުމު ސިޔާސަތު ބަލިކަށި ކޮށްލައި މެދުއިރުމަތިން ޔޫރަޕްގެ ގައުމުތަކަށް ލެނބިފައިވާ މިންވަރު ކުޑަވެގެން ދިއުމަކީވެސް އަޅާނުލައި ދޫކޮށްލެވޭ ވަރަށްވުރެން މުހިންމު މައްސަލައެކެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އެތައް ޒަމާނަކުންސުރެން އީރާނަށް ކުރަމުންގެންދާ ޖެއްސުމާއި އަދި އަޅަމުންގެންދާ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތަކާހުރެ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވަނީ ކަމަށް އެ ގައުމުތަކުން ޔަގީންކުރެއެވެ. އެކަމަކު އީރާނުން އެއް ޒަމާނެއްގައިވެސް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ވިސްނުން ނުގެންގުޅޭކަންވެސް އެ ގައުމުތަކުގެ ވެރިންނަށް އެނގިކަށަވަރު ވެއެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނަށް ލިބިފައިވާ ނިއުކްލިއަރ ހަތިޔާރަކަށްވުރެން ބާރުގަދަ ވަސީލަތެކެވެ. އެކަން އެމެރިކާއިންވެސް މިވަނީ ގަބޫލު ކުރަން ޖައްސާފައެވެ. ދުނިޔެއަށް ބޭނުންވާ ތެލާއި ގުދުރަތީ ގޭހުގެ %25-20 ފޯރުކޮށްދޭ މި ހަނި ކަނޑުއޮޅި އަކީ ގުދުރަތީ ގޮތުން އީރާނަށް ދެއްވާފައިވާ ނިއުކްލިއަރ ހަތިޔާރެކެވެ. އީރާނުން ފުރިހަމައަށް ސަލާމަތީ ވަސީލަތްތައް ގާއިމް ކޮށްފައިވާ ޚަރްގް އަދި ގެޝްމް ޖަޒީރާއަކީ ގާތްގަނޑަކަށް 33 ކިލޯ މީޓަރގެ ފުޅާމިނުގެ މި ކަނޑުއޮޅީގެ ފާރަވެރިޔާއެވެ. ހޮރްމުޒް ކަނޑުއޮޅިން ދަތުރު ނުކުރެވޭނެކަން އީރާނުން އިއުލާންކުރުމުން ބޯޓުފަހަރުގެ އިންޝުރޭންސް ޕްރިމިއަމް އާއި ޗާރޓަރ ކުރުމުގެ އަގުތަކަށް އުފުލުމާއެކު މާދަމާ އަންނާނެ ބަދަލުތައް ނޭންގުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު އީރާނުންމިވަނީ ހޮރްމުޒް ކަނޑުއޮޅީގެ ނަންދެވިފައިވާ ނިއުކްލިއަރ ބޮން ހުޅަނގުގެ ގައުމުތަކުގެ ވެރިން އުނގަށް ވައްޓާލާފައެވެ. ގޮއްވާލުމަށްޓަކައި ރިމޯޓްކޮންޓްރޯލްވެސް އޮތީ އީރާން އަތުގައެވެ. އެ ކަނޑުއޮޅިއަކީ އީރާނުގެ އިސްތިގްލާލްގެ ބައެއްކަން ގަބޫލުކުރުން ނޫން އެހެން ގޮތެއް ހުޅަނގުގެ ގައުމުތަކަށް ފެންނާކަށް ނެތެވެ. މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމުން އީރާނުން އެ ގައުމަށް ލިބިފައިވާ މި ކާލާ މަންނައިގެ ފުރިހަމަ ބޭނުން ކުރާނެއެވެ. ގަލްފުގެ ގައުމުތަކުގެ ތެލާއި އަދި ގުދުރަތީ ގޭހުގެ އެކްސްޕޯރޓް ޓަރމިނަލްތައް އޭޝިއާގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކާއި ޔޫރަޕާއި އެމެރިކާއަށް ގުޅުވާދޭ ހަމައެކަނި މަގަކީ ހޮރްމުޒް ކަނޑުއޮޅިއެވެ. ދުވާލެއްގެ މައްޗަށް 21 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި ހުރަސްކުރެއެވެ. ޖަޕާނާއި ދެކުނު ކޮރެއާ އާއި ޗައިނާ އަދި އިންޑިއާ އިން ބޭނުންކުރާ ތެލުގެ %76 ފޯތުކޮށްދެނީ ހޮރްމުޒް ކަނޑުއޮޅީގެ ތެރެއިންނެވެ. އެއީ ދުނިޔޭގެ ޖީ ޑީ ޕީގެ %30 ކަމަށް ބުނެފައިވެއެވެ. އޭޝިއާއާއި ދުރު އިރުމަތީގެ މުއްސަނދި ނޫން ގައުމުތަކަށް ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަކީ ނޭވާ ހާސްކޮށްލުން ފަދަ ކަމެކެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ދުނިޔޭގެ މާލީ ހާލަތަށް ލިބެމުންދާ ގެއްލުން 330 ބިލިއަން އެމެރިކާ ޑޮލަރުން 2.2 ޓްރިއަން ޑޮލަރަށް އަރައިގެން ހިނގައިދާނެކަމަށް އެމެރިކާގައި ދުނިޔޭގެ މާލީ ހާލަތު ދިރާސާކުރަމުން ގެންދާ މޯރނިންގސްޓާރ އިން ވަނީ އަންދާޒާ ކޮށްފައެވެ. އަދި އެ ހިސާބަށް ދިއުމުގެ ކުރިން ދުނިޔޭގެ އިގްތިސާދު ޕެރެލައިޒް ވެގެންދާނެ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލުމަށް އަމުރުކޮށް ރައީސް ޓްރަމްޕް ދެއްވަމުންގެންދަވާ އިންޒާރަށް އީރާނުން ދެމުންގެންދާ ޖަވާބަކީ އެމެރިކާގެ މަނަވަރުތަކުން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުން ނިމުމަކަށް ގެނެސް އެމެރިކާގެ މިލިޓްރީ ވަސީލަތްތައް ގަލްފް ސަރަހައްދުން ބޭރުކުރުމުން ނޫނީ އެ ކަނޑު އޮޅި ނުހުޅުވޭނެ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓި މެދުއިރުމަތި އާންމު ހާލަތަކަށް އައުމަށްފަހުގައިވެސް ހޮރްމުޒް ކަނޑުއޮޅިން ހިލޭ ސާބަހަށް ބައިނަލް އަގްވާމީ ދަތުރުތައް ނުކުރެވޭނެ ކަމަށާއި އެފަދަ ދަތުރުތަކަށް އީރާނުން ހުއްދަ ހޯދަންޖެހޭނެ ކަމަށާއި އަދި އީރާނުގެ ފައިސާއިން ޓޯލްފީ ދައްކަންޖެހޭނެކަމަށް އީރާނުން ބުނެފައިވެއެވެ. އީރާނުގެ މި ނިންމުމަށް ގަލްފުގެ ގައުމުތަކާއި އަދި އެމެރިކާއިން ނުރުހުން ފާޅުކުރަމުންދާއިރު އީރާނުގެ ޖަވާބަކަށް ވެފައިވަނީ އެ ގައުމަކީ ލޯ އޮފް ދަ ސީ ކޮންވެންޝަންގެ މެމްބަރ ގައުމެއް ނޫންކަމާއި އަދި އީރާނުގެ ކޯސްޓް ލައިނުންފެށިގެން 22 ކިލޯ މީޓަރ ފެއަށް އޮންނަ ސަރަހައްދު ގާނޫނީގޮތުން އެ ގައުމުގެ އިސްތިގްލާލްގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
އީރާނާ ދެކޮޅަށް ހަނގުރތާމަ ފެށުމުގެ ކުރިން ޔޫރަޕްގެ ބައިވެރިންނާ މަޝްވަރާކޮށްފައި ނުވާއީ ޔޫރަޕްގެ ވެރިން ތިބީ ރަތަށް އަރާފައެވެ. އަދި އެމެރިކާއާއި ބައިވެރިވުމަށާއި ހުޅަނގުގެ ގައުމުތަކުގެ ސަރަހައްދު އީރާނާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެބޭފުޅުން ގެންދަވަނީ ސާފު ބަހުން އިންކާރު ކުރައްވަމުންނެވެ.
![]()
