ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި ހުރި އެންޓަނާއެއްގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު އެއިން ވެއްޓި، އޭނާއަށް އަނިޔާތަކެއް ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހަވީރު 4:00 ހާއިރު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.
ފުލުހުން ބުނީ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކު ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތިން ވެއްޓި އަނިޔާވި މައްސަލަ 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ 15:58 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމީހަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ވަނީ އެ މީހާގެ ހާލު މިވަގުތު ސީރިއަސް ނޫންކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަން ހާމަކޮށްފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
![]()
