މުޣަލް އެމްޕަޔަރ- 3

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ޙުމާޔޫން

http://sandhaanu.today/12049/ އާއި ގުޅޭ….

ހުމާޔޫންގެ ވެރިކަން ފެށުނީ ވަރަށް ނާކާމިޔާބުގޮތަކަށެވެ. ހިންދޫންގެ ސަރަހައްދުތަކެއް ކަމުގައިވާ ކަލިންޖާރ އާއި ބަންޑެލްޚަންދަށް ދިން ނާކާމިޔާބު ހަމަލާތަކުން އެސަރަޙައްދުތައް އޭނާގެ ބާރުގެ ދަށަށް ނުގެނެވުމެވެ. އެއަށްފަހު ސޫރުގެ ރަސްކަމުގެ ބިންގާއެޅުއްވި ސޭރުޝާހް އާއި ދެމެދު ހިނގި ދެބަސްވުންތަކާއި އަދި 1532 ވަނައަހަރު ޗުނާރުގެ ކިއްލާތައް އަތުލުމަށް ހިންގި ނާކާމިޔާބު ޙަރަކާތްތަކާއި އިރުމަތީ އަފްޣާންގެ ލީޑަރުންނާއެކު އުފެދުނު ދެބަސްވުންތައް ފާހަގަ ކުރެވެއެވެ. އޭގެފަހުން މެލްވާއާއި ގުޖުރާތު ފަތަހަކުރެވުނުނަމަވެސް އެތަންތަން އޭނާގެ ބާރުގެ ދަށުގައި ދެމެހެއްޓޭގޮތެއް ނުވިއެވެ.

ޗުނާރުގެ ކިއްލާ ފަތަހަ ނުކުރެވުމުން ދެން ހުމާޔޫން ދިޔައީ ޝޭރޝާހުގެ އުދަނގުލުން ބަންގާޅުގެސަރަހައްދު ރައްކާތެރިކުރަން އެތާންގެ ސުލްތާނު މަހްމޫދަށް އެހީތެރިވުމަށެވެ. މިކަންތައްގަނޑުގެ ތެރޭގައި ރަސްގެފާނަށް ދިއްލީއާގުޅުންވެސް ކެނޑިއްޖެއެވެ. ސަބަބަކީ އޭނާގެ ކޮއްކޮ ހިންދަލްގެ އަމިއްލަވެރިކަމެއް އާގްރާގައި ފަށައިގަތުމެވެ. އެހެންކަމުން އޭނާއަށް މަޖްބޫރުވީ ބަންގާޅުގެ ވެރިރަށް ގައުރު ދޫކޮށް ދާށެވެ.

ސޭރުޝާހް އާއިއެކު ކުރެވުނު މަޝްވަރާތަކުންވެސް ރަނގަޅު ނަތީޖާއަކަށް ނާދެވުމުގެ ސަބަބުން ހުމާޔޫނަށް ޖެހުނީ ބުކްސާރުގެ ދިހަވަރަކަށް މޭލުގައި އޮންނަ ޗައުސާރއެވެ ކިޔުނު ސަރަހައްދުގައި ހަނގުރާމައާއި ކުރިމަތިލާށެވެ. އެއީ 1539 ވަނައަހަރު ޖޫންމަހުގެ 26 ވަނަ ދުވަހެވެ. އެކުރިމަތިލުމުގައިވެސް ހުމާޔޫން ބަލިވީއެވެ. އެހެންކަމުން އާގްރާ އަލުން ފަތަހަކުރުމުގެ ގާބިލުކަން އޭނާގެ ކިބައިނެތްކަން ވިސްނުމުން ދެން އޭނާ ގަސްދުކުރީ ކަންނޯޖް ކައިރީގައި އޮންނަ ބެލްގްރާމް އަށް ދިއުމަށެވެ. އެތާންގައި ޝޭރްޚާނާއެކު އޭނާގެ އެންމެފަހު ކުރިމަތިލުން ހިނގިއެވެ. އެހަނގުރާމައިގާވެސް ހުމާޔޫން ބަލިވީއެވެ. އަދި އޭރު ޝޭޜު ޝާޚް އަށް ޝާޚެއްގެ ދަރަޖަވެސް ކަށަވަރުކޮށްފިއެވެ.

އޭގެ ފަހުން މަޖުބޫރުވެގެން އަނެއްކާވެސް ލާހޯރަށް ދިއައީއެވެ. އެތަނުގައިވެސް ގާއިމްވުމުގެ ފުރުސަތު ނުލިބުމުން އަނެއްކާ ސިންދު ސަރަހައްދަށް ދިޔައީއެވެ. އެއަށްފަހު ސިންދު ދޫކޮށް ރާޖްޕުތާނާއަށް ދިޔަނަމަވެސް އަނެއްކާވެސް ޖެހުނީ އެނބުރި ސިންދަށް އަންނާށެވެ. ސިންދުގައިވެސް ރައްކާތެރިކަމެއް ނެތްކަން އިހްސާސްވުމުން 1543 ވަނައަހަރުގެ ޖުލައިގާ ފިލައިގެން އީރާނަށް ދިޔައީއެވެ.

އީރާނުގެ ވެރިޔާ ސަފާވިދު ޝާހް ތަހްމާސްޕް 1 ގެ ފަރާތުން މިލިޓަރީ އެހީ ހޯދުމުގެ ބޭނުމުގައެވެ. ހުމާޔޫން ޝިޔާއަކަށްބަދަލުވެ އަލުން ކަންދަހާރަށް ދިއުން ޝަރުތުކޮށް އެހީ ފޯރުކޮށްދިނުމަށް ޝާހް އެއްބަސްވިއެވެ. ކަންދަހާރަކީ އީރާނަށް ވަރަށް މުހިންމު ވިޔަފާރީގެ މަރުކަޒަކަށް ވާތީއެވެ. ހުމާޔޫނަކަށް މިލިޓްރީ ގޮތުން އަދި ސިޔާސީގޮތުންވެސް ޝޭރްޝާހް އަށް ރައްދު ދެވޭ ވަރުގެ ފެންވަރެއް ނެތެވެ. އަދި އެއާއެކު މުޣަލް ރަސްކަމާއިދިކޮޅު ހަރަކާތްތަކަށް ރައްކާތެރުކަން ފޯރުކޮށްދެމުންއަންނަ ގުޖުރާތުގެ ސުލްތާނުގެ ސިފައިންނާ ދޭތެރެދޭތެރޭން ކުރިމަތިލާން ޖެހުމުގެ ސަބަބުން ހުމާޔޫންގެ ކުރިމަގު އޮތީ ބެދިފައެވެ. މައިގަނޑުގޮތެއްގައި ހުމާޔޫންގެ ނާކާމިޔާބީގެ އަސްލަކީ މުޣަލް ރަސްކަމުގެދުވަސްވަރު އިދާރީގޮތުން އެޅިފައިހުރި ނުރަނގަޅު ސިޔާސަތުތަކެއްގެ ސަބަބުން ކަމުގައި ބުނެވިދާނެއެވެ. ލަޝްކަރުތަކުން އެންމެ ބޮޑު އަހަންމިއްޔަތެއް ދޭގޮތަށް ރޭވިފައިއޮތީ އެ ލަޝްކަރުގެ ކަންތައް ބަލަހައްޓަމުންގެންދާ ޝާހީ ބޭފުޅަކަށެވެ.

އެބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި ރަސްކަމުގެ ތަޚްތަށް އެންމެ އެކަށީގެންވަނީ އެބޭފުޅެކެވެ. އަދި އިދިކޮޅުފަރާތްތަކަށް ތާއީދުކުރާ ރަށްވެހިންގެ މައްސަލަވެސް ހުމާޔޫން ރަސްގެފާނަށް އޮތީ ހައްލުކުރަންޖެހިފައެވެ.

ޝޭރްޝާޙްއާއި އޭނަގެ ވަލީއަހްދުން:

ހުމާޔޫންރަސްގެފާނު އަރުވާލެވިފައިހުރި ދުވަސްވަރު ޝޭރްޝާހުގެ ވަރަށް ވަރުގަދަ އަދި އެހާމެ ފުރިހަމަ ވެރިކަމެއް ގާއިމްކުރިއެވެ. ފުރިހަމަ އިގްތިސާދީ ނިޒާމަކާއި ރަށްފުށު ރައްޔިތުންގެ ޖީބު ބަރުވާނެ އުސޫލުތަކެއް ގާއިމްކުރިއެވެ. އަދުލު އިންސާފު ކަށަވަރު ކުރެވޭގޮތްތައް އިންތިޒާމްކޮށް ތަންފީޒުކުރިއެވެ. ޝޭރުޝާހް އަވަހާރަވީ ކަލިންޖަރ ހަނގުރާމައިގާ 1545 މޭ މަހުގެ ތެރޭގައެވެ. އެއަށްފަހު ރަސްކަމަށް އިސްކުރެވުނީ އޭނާގެ ދަރިކަލުން އިސްލާމް ޝާހްއެެވެ. އޭނާގެ ވެރިކަން ދެމިއޮތީ 1553 އާ ހަމަޔަށެވެ. އިސްލާމް ޝާހަކީ ސިފައިންގެ މީހަކަށް ވުމުގެ ސަބަބުން އޭނާގެ ބައްޕާފުޅުފަދަ ހިންގުންތެރިއަކަށް ނުވިއެވެ. ގަނޑުވަރުތެރޭގެ ހަމަނުޖެހުން ރަސްކަންދޫކޮށްލުން އޭނާއަށް މަޖްބޫރުކުރުވިއެވެ. އޭނާ އަވަހާރަވުމުން ދެން ސޫރުގެ ތަޚްތަށް ވަޑައިގަތީ އޭނާގެ ހަގުދަރިކަލުން ފީރޯޒުއެވެ. ފީރޯޒް މަރާލީ އޭނާގެ މައިފުށުގެ ބޯޑުބޭބެއެވެ. އޭގެފަހުން ސޫރުގެ ރަސްކަމުގެ ގޮފިތަކެއް އުފެދިގެން ހިގައްޖެއެވެ.

ހުމާޔޫންގެ ދަރިކޮޅުގެ ރަސްކަން އެނބުރިއައުން:

ހުމާޔޫންރަސްގެފާނު އީރާނުން ކާބުލްއަށް އެނބުރިދިއުމަށްފަހު ގެންދެވީ އިންޑިއާގެ ޙާލަތު ވަރަށްގާތުން ބަލަމުންނެވެ. އަދި އިސްލާމް ޝާހު އަވަހާރަވުމަށްފަހު ރަސްކަމުގެ ތަޚްތު އަތުލެވޭނެގޮތަކާމެދު ވިސްނަމުންގެނދިޔައެވެ. އޭނާގެ ކޮއްކޮމެންގެ އަތްދަށުންް ކަންދަހާރާއި ކާބުލް އަލުން ފަތަހަކުރުމަށްފަހު ރަސްގެފާނުންގެ އިއްޒަތްތެރިންނާއެކު ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހުޅުވިގެންދިއައެވެ.

1554 ޑިސެމްބަރގައި ހުމާޔޫން ރަސްގެފާނުގެ ސިފައިން އިންޑަސް ކޯރު ހުރަސްކޮށް ލާހޯރަށް އަރައި މާބޮޑު އުނދަގުލަކާނުލައި 1555 ވަނައަހަރު ފެބްރުއަރީމަހު އެރަށް ފަތަހަކުރެވިއްޖެއެވެ. އޭގެފަހުން ޖުލައި މަހުގެތެރޭގައި ސިރްހިންދާއި ދިއްލީއާއި އާގްރާވެސް ރަސްގެފާނުގެ ބާރުގެ ދަށަށް ގެނެވިއްޖެއެވެ. އެހެންކަމުން އެރަސްގެފާނަށް ގެއްލުނު ދިއްލީގެ ތަޚްތު 12 މަސްދުވަސްފަހުން އަނބުރާ ޙާސިލްކުރެވުނީއެވެ. އެހެންނަމަވެސް ގެއްލުނު ހުރިހާ ސަރަހައްދެއް އަލުން ފަތަހަކުރެވެންދެން ރަސްގެފާނަށް ދުނިޔޭގައި ނުހުރެވުނެވެ. 1556 ވަނައަހަރު ޖެނުއަރީގައި ދިއްލީގެ ޝޭރްމަންދަލްގައި ދިމާވި އެކްސިޑެންޓެއްގައި އަވަހާރަވީއެވެ. އޭރު އޭނާގެ ދަރިފުޅު އަކްބަރ ހުރީ ޕަންޖާބުގައެވެ.

އެހެންކަމުން އަކްބަރު ވަޑައިގެން ރަސްކަމާ ހަވާލުވަންދެން ހުމާޔޫންރަސްގެފާނު އަވަހާރަވުން އޮތީ ސިއްރުކޮށްފައެވެ.

– ނުނިމޭ –

Loading

One Response

  1. ގުޑް ރީޑް. ދެރައީ އެވަރުގެ ގަދަކަން ލިބިފައިވަނިކޮށް މިފަދަ ބޭފުޅުންގެ ނާޗަރަންގީގެ ސަބަބުން އިސްލާމް ދީނަށް ނަސްރު ދެވޭނެވަރުގެ ވެރިއެއް ނެތިދިޔަކަމެވެ. އަދި މިހާރުގެ ލާދީނީ ބައިގަޑު ހުރިހާދިމާލަކުން ދީނުގެ ޢަދުއްވުންނާއި ގުޅި އެނާޗަރަންގީ މެކްހަށް ޖެހިގެން ދިއަދިއުމެވެ.

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް