ތާރީޚުގެ ތެރެއިން މުޣަލް އެމްޕަޔަރ

Loading

Facebook
Twitter
WhatsApp

http://sandhaanu.today/11958/ އާއި ގުޅޭ:

މުޣަލް ރަސްކަން ފެށުން:

މުޣަލް ރަސްކަންފެށުނީ 1526 ވަނައަރުގައެވެ. ފުރަތަމަ ރަސްކަލަކީ ޖަގާތައި ތުރުކީ އެއްކަމުގައިވާ ޒަހީރުއްދީން މުޙައްމަދު ބާބުރް އެވެ. އެ ރަސްގެފާނުގެ އަސްލުވަޒަނަކީ ސެންޓްރަލް އޭޝިއާ ސަރަޙައްދުގެ އަމޫ ދަރްޔާއެވެ. އެއީ އޮކްސަސް ކޯރުގެ ސަރަހައްދެވެ. ޖަގާތައި ނިސްބަތްވަނީ ޗެންގީޒްޚާންގެ ދެވަނަ ފިރިހެން ދަރިއަށެވެ. ބާބޫރއަކީ އޭނާގެ ބައްޕަގެފަރާތުން ތައިމޫރުގެ 5 ވަނަ ދަރިކޮޅެވެ. އަދި ޗެންގީޒް ޚާންގެ 14 ވަނަދަރިކޮޅެވެ. އިންޑިއާ ފަތަޙަކުރުމުގެ ވިސްނުން ބާބޫރް ރަސްގެފާނުގެ ޚިޔާލަށް އަންނަންފެށީ 1398 ވަނައަހަރު އިންޑިއާ ބައްރު ފަތަހަކުރުމަށް ތައިމޫރު ކުރެއްވި ކާމިޔާބު މަސައްކަތުގެ ވާހަކައިންނެވެ. ބާބޫރުގެ ވަރަށް ޅަ ޢުމުރުގައި 1494 ވަނައަހަރު ފަރުގާނާގައި ހުންނަ އޭނާބައްޕަގެ ރަސްކަމުގެ ތަޚްތަށް ވަލީ އަހްދު ކަމުގައި ވެއްޖެއެވެ.

ނަމަވެސް ތައިމޫރުގެ ރަސްކަމާ ދެކޮޅަށް އުޒުބަކިސްތާނުގައި ހިނގަމުންދާ ނުރައްކާތެރި ދާޚިލީ ހަމަނުޖެހުމުގެ ތެރޭގައި ބާބޫރް ހުންނެވީ ފިލައެވެ. އަދި 1504 ވަނައަހަރު ކާބުލް އާއި ގަޒްނީ އޭނާގެ ބާރުގެދަށަށް ގެނައެވެ. އަދި 1511 ވަނައަހަރު ސަމަރްކަންދު އޭނާގެ ބާރުގެ ދަށަށް ގެނައެވެ. ނަމަވެސް ދެން އޭނާއަށް ވިސްނުނީ އީރާނުގެ ސަފާވިދު ރަސްކަމުގެ ބާރުތަކުން އުޒުބަކިސްތާނަށް ލިބެމުންދާ މަދަދުގެ ސަބަބުން އޭނާގެ ރަސްކަމެއް ގާއިމުކުރަން ބޭނުންނަމަ އިންޑިއާ ޚިޔާރުކުރުން ބުއްދިވެރިކަމުގައެވެ.

ބާބޫރަކީވެސް ތައިމޫރު ޚާންދާނަށް ނިސްބަތްވާ ރަސްކަލަކަށް ވުމާއެކު އަދި ޕަންޖާބަކީ އެއްދުވަސްވަރެއްގައި ތައިމޫރު ވެރިކަމުގެ ބާރުދަށުގައިވެސް އޮތް ސަރަހައްދަކަށްވީތީ ބާބޫރުގެ އަމާޒަކީ ޕަންޖާބުކަމުގައި ވިސްނުން ބެހެއްޓިއެވެ. އަދި އެ ވިސްނުމުގައި ޕަންޖާބަށް ގިނަދަތުރުތަކެއް ކުރިއެވެ. 1519 އިން 1524 އަށް ޕަންޖާބުގެ ބޭރާ އާއި ސެލްކޮޓް އަދި ލާހޫރު އޭނާގެ ބާރުގެ ދަށަށް ގެނެވުމާއެކު ހިންދުސްތާން ފަތަހަ ކުރުމުގެ އަޒުމު ވަރުގަދަ ކުރިއެވެ. އޭރު ހިންދުސްތާންގެ ޙާލަތުއޮތީވެސް އޭނަގެ މަގްސަދު ފަސޭހައިން ކާމިޔާބު ކުރެވިދާފަދަ ގޮތެއްގައެވެ.

ހިންދުސްތާން ފަތަހަކުރުން:

ޕަންޖާބު ފަތަހަކުރަމަށްފަހު ބާބުރް ދެން ކުރިމަތިލީ ދިއްލީ ފަތަހަ ކުރުމަށެވެ. މިކަމުގައި ދިއްލީގެ ވަރަށްގިނަ އިއްޒަތްތެރިންގެ ތާއީދާ އެއްބާރުލުން އޭނާއަށް ލިބިވަޑައިގަތެވެ. އިބްރާހިމް ލޯދީގެ ސިފައިންގެ ތެރޭން ކުރިއަރާފައިވާ 2 ލަޝްކަރު ދިއްލީގެ ސުލްތާންގެ ލަޝްކަރާ ދިމާކުރަން ފޮނުވިއެވެ. ދިއްލީގެ ލަޝްކަރުގައިހިމެނޭ އަފްޣާނުންނަކީ ވަރުގަދަ ފައުޖެއްކަމުގައިވިޔަސް ބާބޫރުގެ ލަޝްކަރުގައި ބޭނުންކުރެވުނު އާ ހަތިޔާރުތަކާއި ބާބޫރުގެ މޮޅުރޭވުންތަކުގެ ކުރިމަތީގައި ހިފާއްޓައެއް ނުލެވުނެވެ. ބާބޫރަކީ ހުޅަނގާއި އޭޝިއާގެ ހަނގުރާމައިގެ ފަންނުތަކަށް ވަރަށްބޮޑަށް ލޯހުޅުވިފައިވާ ކުޅަދާނަ ލީޑަރެކެވެ. 1526 އޭޕްރިލްގައި ބާބޫރުގެ ލަޝްކަރުން ދިއްލީއާއި އާގްރާ ފަތަހަ ކޮށްފިއެވެ. އަދި އެއީ

ހިންދުަސްތާން ފަތަހަ ކުރަން ދޮރުތަކުން ވަނުމުގެ ތަޅުދަނޑި ޙާސިލު ކުރެވުނީ ކަމުގައި ވެގެންދިޔައެވެ. އެހެންނަމަވެސް މިހާރުގެ އަންދްރާ ޕްރަދޭޝްއާއި ބިހާރުގެ މުހިންމު ސަރަހައްދުތައް އަދިވެސް އޮތީ ފަތަހަކުރަން ޖެހިފައިކަމުން ހަމަޖެހިލެވޭކަށް ނެތެވެ. އެތަންތަނަކީ ސުލްތާނު އޮފް ބެންގޯލް އާއި އަދި ދެކުނުފަރާތުން މޭވަރުގެ ރާޖްޕުތް ރާނާ ސަގާގެ މަދަދު ލިބޭ ސަރަހައްދުތަކެވެ.

އަދި އެތަންތާނގެ ލަޝްކަރުތަކުގެ ސަބަބުން އުތުރުގެ ސަރަޙައްދުތަކުގައި ގާއިމް ކުރި ރަސްކަން ދެމެހެއްޓުމަށް ބޮޑެތި ނުރައްކާވެސް ކުރިމަތި ކޮށްފާނެތީއެވެ. އެ ލަޝްކަރުތަކުގައިވެސް ގިނައިންތިބެނީ ތަޖުރިބާއާއި ހުނަރު ލިބިފައިތިބި އަފްޣާނަށް ނިސްބަތްވާ ސިފައިންނެވެ. އެހެންކަމުން އެތަންތަން ބާބޫރް ރަސްގެފާނުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި އޭނާގެ އިއްޒަތްތެރިން އެކި ސަރަހައްދުތަކަށް ފޮނުވުމަށްފަހު ލަޝްކަރައިގެން ރާނާގެ ލަޝްކަރުތަކާ ދިމާކުރަން ސީދާ ނިކުމެ ވަޑައިގަތީއެވެ. ރަސްގެފާނުގެ މިލިޓަރީ ތަޖްރިބާއާއި އުކުޅުތައްށް ބޭނުންކޮށްގެން 1527 ވަނައަހަރު މާރޗް މަހުގެތެރޭގައި ފާތިޙްޕޫރް ސިކްރީ ކައިރީގައި އޮންނަ ޚާނުއާ ކިޔުނުރަށުގައި ރާނާގެ ލަޝްކަރު ބަލިކޮށްފިއެވެ. އަދި އެއަށްފަހު ޗަންދްރީގެ ރާޖްޕުތުގެ ލަޝްކަރުތައް ބަލިކުރުމުގެ މަސައްކަތް ފަށައިގަތެވެ.

އަފްޣާނީ ލަޝްކަރުތަކާހުރެ އިރުމަތީގެ ސަރަޙައްދުތަކަށް އަމާޒުހިފަން ރަސްގެފާނަށް ޖެހިވަޑައިގެންނެވި ނަމަވެސް އެ ސަރަޙައްދު ތަކުގައިވެސް ގިނަގުނަ ހުރަސްތަކާ ދިމާވިއެވެ. އޭގެތެރޭގައި 1529 ވަނައަހަރު ވަރާނަސީ ކައިރީގައި އޮންނަ ޣާރާއެވެ ކިއުނު ސަރަޙައްދުގައި ސުލްތާން އޮފް ބެންގޯލްގެ ލަޝްކަރުތަކާއި އަދި އަފްޣާނީންގެ ލަޝްކަރުތަކާ ކުރިމަތިލާން ޖެހުނެވެ. ރަސްގެފާނުގެ ލަޝްކަރުން އެތަންތަން ފަތަހަކުރިއެވެ. އެހެންނަމަވެސް ކުރީފަހަރެކޭ އެއްގޮތަށް އެ ލަޝްކަރުތަކުގެ ބާރު ކަނޑުވާނުލައި ދޫކޮށްލެވުމުގެ ސަބަބުން އެހެންދިމަދިމާލުން ރަސްގެފާނާ ދެކޮޅު ޙަރަކާތްތައް ހިންގަމުން ގެންދިޔައެވެ.

އޭގެތެރެއިން މެދުތެރޭ އޭޝިއާގައި އުފެދުނު ދެކޮޅުވެރިކަމުގެ ދުވަސްވަރު ބާބޫރު ރަސްގެފާނުގެ ސިއްޙީ ޙާލުކޮޅުވެސް ދަށްވުމުގެ ސަބަބުން އެ ދެކޮޅުވެރިކަމާ ދިމާކުރެވޭނެ ގޮތެއް ނުވިއެެވެ. އަދި 1530 ވަނައަހަރު ޑިސެމްބަރު މަހު ލާހޯރުގައި ބާބޫރު ރަސްގެފާނު އަވަހާރަވެއްޖެއެވެ.

ބާބޫރު ރަސްގެފާނުގެ ކާމިޔާބީތަކަށް ބަލައިލުމެއް:

ބާބޫރު ރަސްގެފާނު ހިންދުސްތާނުގައި ހޭދަކުރަންލިބުނު މަދު ދުވަސްކޮޅު އަބަދު ހަނގުރާމައިގާ އުޅެންޖެހުމާއި ހުޅަނގުއުތުރު އޭޝިއާގެ ކަންތައް ހަމަޔަކަށް އަޅުވަން ޖެހިފާއޮތުމުގެ ސަބަބުން ލިބުނު މަދު ދުވަސްކޮޅުގެތެރޭގައި އޭނާ ބޭނުންވާވަރަށް އިންޑިއާ އޭނާގެ ބާރުގެދަށަށްގެނެވޭވަރެއް ނުވިއެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތުން އޭނާގެ ރަސްކަމާއި ސިޔާސީ ރޭވުންތަކުގެ ބިންގާ އަޅައިފިކަން ގަބޫލުކުރަންޖެހެއެވެ.

އަދި ހުޅަނގު އުތުރާއި ސެންޓްރަލް އޭސިއާގައި އޮތްފަދަ އިދާރީ ހިންގުމުގެ ނިޒާމެއް ގާއިމްކޮށް ސަރަހައްދީ އިއްޒަތްތެރިން ބާރުވެރިކުރުވިއެވެ. ލާހޯރާއި ޖައުންޕޫރުގައި އަލަށް ފައިސާއެއް އުފައްދައި އާގްރާއިން ކާބުލްއަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭ މަގެއް ގާއިމްކުރުމުގެ މަސައްކަތް ކުރެއްވިއެވެ. އެއްބައި ވަންތަކަމާއި ނަސްލު ތަފާތު ނުކުރުމާއި އަދި ދީނީ ހަމަހަމަކަން ދެމެހެއްޓުމަށް އޭނާގެ ވަލީ އަހްދު އަދި އޭނާގެ ދަރިފުޅު ހުމާޔޫން އަށް ވަސިއްޔަތްކުރެއްވިއެވެ.

ނުނިމޭ ……….

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް