ތާރީޚުގެ ތެރެއިން މުޣަލް އެމްޕަޔަރ -1

313

ތާރީޚްގެ ފަތްފުށްތައް ކިޔަންފެއްޓުމުގެކުރިން ކިއުންތެރިންގެ ސަމާލުކަމަށް ބައެއް ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުމެވެ. ފުރަތަމަކަމަކީ ބޭރުގެ ބާރުތަކުން ގައުމުތަކަށް އަރާގަތުމުގެ ނަތީޖާއާއި ބެހޭގޮތުން ކީރިތި ގުރުއާނުގެ ނަމްލު ސޫރަތުގެ 34 ވަނައާޔަތުގައި ހާމަކުރައްވާފައިވާ ހަގީގަތް ހަނދާނުގައި ބެހެއްޓުމެވެ.

ގައުމު ފަސާދަވުމާއި ގައުމުގެ ޢިއްޒަތްތެރިންނަކީ ނިކަމެތިން ކަމުގައި ވެގެން ދިއުމެވެ. އަޅުގަނޑު ދެކޭގޮތުގައި ގައުމުގެ ޢިއްޒަތާ ކަރާމަތް ގެއްލިގެން ދިއުންވެސް މީގެތެރޭގައި ހިމެނެއެވެ. އެއީ އޭރުވެސް މިހާރުވެސް އަދި ދެންއޮތަ ތަނުގައިވެސް ނިކުންނާނެ ނަތީޖާއެވެ. ވަށައިގެން ފެންނަމުންދާ މަންޒަރުތައް އެއީ މިކަމުގައި އިންކާރު ކުރެވެންނެތް ޙަގީގަތްތަކެކެވެ. އަޅުގަނޑުމެންގެ ރައްޔިތުން، ޚާއްސަކޮށް އަޅުގަނޑުމެންގެ ޒުވާނުން މިކަންކަމާމެދު ހެޔޮގޮތުގައި ވިސްނުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

ތާރީޚަކީ އޭގެ ޒާތުގައި އެންމެފުޅާދާއިރާއެއްގައި ފާޑުކިއިދާނެ ޢިލްމުކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ ތާރީޚަކީ ތުންތުންމަތިން ގެނެސްދޭ ވާހަކަތަކަކަށް ބިނާކޮށް ލިއެވޭ އެއްޗަކަށްވުމެވެ. ވަރަށްމަދު ފަހަރެއްގައިމެނުވީ ޙާދިސާއެއް މެދުވެރިވާ ވަގުތު އެތަނުގައި ގާއިމްވެ ހުރުމުގެ ނަސީބު ލިބިފައިނޯވެއެވެ. އަދި އެފަދަ ނަސީބު ލިބިފައިހުރެގެން ލިޔާއިރުވެސް އޭނާގެ ހީރޯއާއި ޒީރޯ ތިބޭނެއެވެ. އޭނާ ރުހޭ ފަރާތަކާއި ނުރުހޭ ފަރާތެއް އޮންނާނެއެވެ. އެއްބަޔަކަށް ގާޒީއަކު އަނެއްބަޔަކަށް ބާގީ އަކަށް އަދި އެއްބަޔަކަށް މުޖާހިދުން އަނެއްބަޔަކަށް ޓެރަރިސްޓުންނަށްވަނީ އެހެންވެގެންނެވެ. ހަމައެފަދައިން ހާދިސާއަށް ނިސްބަތްވާ ފަރާތްތަކުން ހާމަކުރާ މައުލޫމާތުވެސް ހުންނާނީ އެބަޔަކު ބޭނުންވާ ކުލައެއްގައެވެ.

އަޅުގަނޑުމެންގެ ގައުމުން ދެމިސާލެއް ގެނެސްދޭނަމެވެ.

ރަންނަމާރީގެ ވާހަކައަކީ ދިވެހިތާރީޚުގެ ވަރަށްމުހިންމު ސަފްޙާއެކެވެ. އަޅުގަނޑުމެންނަށް ގަބޫލުކޮށްދީފައި އޮތް ޙަގީގަތެއް އެވާހަކައިގާ އެކުލެވިގެންވެއެވެ. އެއީ ދިވެހި ތާރީޚުގެ ފެށުމެވެ. އެކަމަކު އެއީތެދު ޙަގީގަތެއް ކަމުގައި މިހާރު ކިތައް ދިވެހިން ގަބޫލުކުރާނެ ހެއްޔެވެ؟ އަދި އަމުދުން ރަންނަމާރި ކައިރީގައި އަހާލައިފިނަމަ އޭނާ ދެނެހުރިކަމަކަށްވެސް ނުހަދާނެއެވެ.

އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން އެއީ މާޒީގެ ހާދިސާއެކެވެ. މިހާރުގެ ކަމެއްނަމަ އަބުރުގެ ދައުވާކޮށްގެން ސަރުކާރުގެ ބައިތުލްމާލުވެސް ހުސްކޮށްލަފާނެއެވެ.

1988 ނޮވެމްބަރު 3 ގެ ޙާދިސާގެ ވަރަށްގިނަ މައުލޫމާތު އަޅުގަނޑުމެންނަށް އިތުބާރުހުރި މަސްދަރުތަކުން ގެނެސް ދިނެވެ. ޝަރީއަތަށް ސާބިތުވެގެން ބޮޑެތި ބޮޑެތި ޙުކުމްތަކެއްވެސް އެކަންކުރިމީހުންގެ މައްޗަށް އައެވެ. އެކަމަކު ލުތުފީ ކައިރީގައި އަހާލައިފިނަމަ ހަމަ އެހާދިސާ ކިޔާދޭނީ އޭނާބޭނުންގޮތަކަށެވެ. ދުނިޔޭގެ ތާރީޚަކީވެސް އެ ބީދައިން ލިޔެވެމުންދާ އެއްޗެކެވެ.

ކަންމިހެންއޮތްނަމަވެސް މުއައްރިޚުން އެއްބަސްވާ ގިނަކަންތަކަކަށް ތާރީޚުން ހެކިލިބެއެވެ. ބޭރުގެ ބާރުތަކުން ގައުމުތަކަށް ވެރިވެގަތުމުގައި އެ ގައުމެއްގެ ރައްޔިތުންގެތެރޭގައި އުފެދޭ ދެބަސްވުންތަކުގެ ވަރަށްބޮޑު ހިއްސާއެއް އޮވެއެވެ. އަދި އެފަދަބާރުތަކުން އަބަދުވެސް ބަލާނީ އެގައުމެއްގެ ވިޔަފާރިއާއި ތަރައްގީގެތެރެއަށް ކޮންމެވެސް ގޮތަކުން ވަދެގަތުމެވެ. އަޅުވެތިކުރުމުގެ އެންމެ މުހިންމު އަދި ފުރަތަމަ ފިޔަވަޅަކީ މިއީއެވެ. މިއީ މިހާރުވެސް ކަންތައް ހިންގާ ގޮތެވެ. ބޭރުގެ ބާރުތައް ގައުމުން ބޭރުކޮށްލުމުގެ ހެޔޮނަސީބު ލިބުނަސް ގިނަފަހަރަށް ގައުމުއޮންނަނީ އަތުނުޖެހޭ ހިސާބަށް އޮޔާގޮއްސައެވެ. މިހާރުގެ ގޮތަށް ބުނާނަމަ ބޮޑުފޮށީގައި އޮތް މަންމަގެ ފައްޓަރުބައިވެސް ދެން ނުލިބޭހިސާބަށް ދެއެވެ. އެހެންނަމަވެސް ކޮންމެވެސް ބަޔަކު އެވާހަކަތައް ލިޔެގެން ނޫންގޮތަކަށް އަންނަންއޮތް ޖީލުތަކަށް އެކަން އެނގޭނެގޮތެއް ނޯންނާނެއެވެ. ވީމާ ތާރީޚުގެ ޙާދިސާތައް އަބަދުވެސް ކިޔަންވާނީ މި ޙަގީގަތާއެކުގައެވެ.

ދެން މުޣަލް ރަސްކަމުގެ ކިއްލާގެތެރެއަށް ވަދެވޭތޯ ބަލަމާހިނގާށެވެ.

މުޣަލް ރަސްކަމުގެ ތަރި މެދުއުޑުގައި ފިޔަޖަހަމުންދިޔަ ދުވަސްވަރަކީ 1556 ން 1707 އަށެވެ. ކާމިޔާބީއާއި ފައިސާއާއި މުދަލާއި ހަކަތައާއި މުވާސަލާތާއި ސިފައިންނާއި މިހުރިހާ ވަސީލަތެއް ލިބިފައިހުރުމުން އެއީ ވަރަށް ފުރިހަމަ ތަރުތީބެއްގެ މައްޗަށް ބިނާވެގެން ކުރެވުނު ރަސްކަމެކެވެ. މުޅި އިންޑިއާގެ ބައްރަށް އެ ރަސްކަން އޮތީ އޭރު ފެތުރިފައެވެ.

އެ ރަސްކަމުގައިވެސް އެންމެ މުހިންމު މަގްސަދެއްކަމުގައި ބަލާފައިއޮތީ އިންޑިއާގެ އާދަކާދައިގެމައްޗަށް ބިނާކޮށް ބޭރުދުނިޔެއާއެކު ކުރަމުންދިޔަ ވިޔަފާރި ފުޅާކުރުމޭ ބުނެވިދާނެއެވެ. މިގޮތުން 16 ވަނަ ގަރުނާއި 17 ވަނަގަރުނުގައި ޔޫރަޕްގެ ގައުމުތަކާއި އަދި އިންޑިއާބައްރުގެ ސަރަހައްދުގެ ހުރިހާ ގައުމެއްކަހަލަ ގޮތަކަށް އެއްގަމުމަގުންނާއި ކަނޑުމަގުން ވިޔަފާރީގެ މި ވިއުގައިން ގުޅާލިއެވެ. ބޭނުމަކީ އިންޑިއާގެ އުފެއްދުންތައް އެ ގައުމުތަކަށް ތަޢާރުފްކުރުމެވެ. އިންޑިއާގެ އުފެއްދުންތަކަށް އެ ގައުމުތަކުގެ ބާޒާރުން ޖާގަ ތަނަވަސް ކުރުމެވެ. މިކަމުގައި އިންޑިއާގެ އެތެރޭގައިހުރި ޖަވާހިރުތަކާއި އަގުބޮޑު މައުދަންތަކުގެ ބޭނުންވެސް ކުރެވިގެންދިޔައެވެ. އެޒަމާނަށް ބެލެވޭ ޓެކްނޯލޮޖީއާއި ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ރަސްކަމުގެ ބާރު ގަދަކުރުމުގެ ބޭނުމުގައެވެ. މުޣަލް ރަސްކަމަކީ އެ ރަސްކަމުގެ ކުލަތަކާއި ފާރިސީންގެ އިސްލާމީ އާދަކާދަތަކާއި އިންޑިއާގެ އާދަކާދައިގެ މައްޗަށް އެކުލެވިފައިވާ ރަސްކަމެކޭ ބުނެވިދާނެއެވެ.

18 ވަނަގަރުނުގެ ކުރީކޮޅުގައި އިންޑިއާ ބައްރުގެ އެކިއެކި ކަންކޮޅުތަކުގައި މިނިވަންކަން އަށަގަންނަން ފެށިނަމަވެސް މުޣަލް ރަސްކަމުގެޚިޔާލުތަކާއި ފިކުރުތައް މުޅިން ފަނޑުވެގެންނެއް ނުދެއެވެ. މުޣަލް ރަސްކަމުގެ ފުރަތަމަ 200 ވަރަކަށް އަހަރު ( 1526 އިން 1748 އަށް ) ގައުމު ބިނާކުރުމުގެ ވަރަށްފުރިހަމަ ނަމޫނާތަކެއް މުޅި އިންޑިއާ ބައްރުގައި ގާއިމް ކުރިއެވެ. އެހެންނަމަވެސް ވަކިހިސާބަކުން މަރުކަޒީ ސަރުކާރު ހިންގުމުގައި ސަރަޙައްދީ މިނިވަން ފިކުރުގެ ނުފޫޒު އިތުރުވެ މަރުކަޒީ ސަރުކާރުގެ ކޮންޓްރޯލް ސަރަޙައްދީ ސަރުކާރުތަކުގެ ބާރުގެދަށަށް ދާންފެށިއެވެ.

ކުރީގެ މުޣަލް ރަސްކަލުންގެ ތެރޭގައި ހިމެނޭ ބާބޫރ އާއި ހުމާޔޫން އަދި ފަހުން އަކްބަރު ގެ ރަސްކަމުގައި އަމިއްލައަށް ކުރެވުނު ބައެއް ކަންތައްތަކާއި އެޅުނު ފިޔަވަޅުތަކަކީ މި ތަފާތު ފިކުރުތައް އުފެދުމުގެ އަސްލުކަމުގައި ބެލެވިދާނެއެވެ. ބާބޫރ އާއި ހުމާޔޫން ރަސްގެފާނުގެ ވިސްނުންފުޅުހުރީ މުޣަލް ރަސްކަން މުޅި ސަރަޙައްދުގައި ދެމެހެއްޓުމަށް ކަމުގައިވިޔަސް އަކްބަރ ރަސްގެފާނުގެ ވިސްފުޅުހުރީ ހިންދުސްތާނުގައި އެކަނި ރަސްކަން ދެމެހެއްޓުމަށެވެ. 1540 އިން 1556 އަށް ކުރިމަތިވި ސޫރ ޑިނާސްޓީ ( ސޫރުންގެ ރަސްކަން ) އިން އިބްރަތް ލިބިގަނެ ނަސްލީ ތަފާތުކުރުމާއި ދީނީ ތަފާތުތައް ނައްތާލައި ހިންދޫންނާވެސް ގުޅިގެން ރަސްކަންކުރުމަށް އަކްބަރ ވިސްނުން ބަދަލު ކުރެއްވިއެވެ. 1658 އިން 1707 ޢަށް އައުރަންގްޒެބްގެ ޒަމާނުގައި އެނޫން ތަފާތު ވިސްނުމެއް ގެންގުޅުއްވަން ފެއްޓެވުމާހަމަޔަށް އަކްބަރުގެ މިފިކުރު ދެމިއޮތެވެ.

…ނުނިމޭ ….

 

1 ހިޔާލު

  1. ތާރީޚުގައި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ދައްކާއިރު މިކަހަލަ ޚުލާސާއެއް ބޭނުމެވެ. ސަބަބަކީ ބައެއް ތާރީޚީ އިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި އެއީ ކަންހިނގާދިޔަގޮތުގެ ޙަގީގަތެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޙަޔާތުގައި އިހަށްދުވަހު ހިނގާދިޔަ ޙާދިސާތަކަށް ބަލާއިރުވެސް ތާރީޚުގެ ޙާދިސާތައް ކިޔަންވާނީ ވަރަށްހުޅުވިފައިވާ ސިކުނޑިއަކުން ވިސްނައިގެންކަން ގަބޫލުކުރަންޖެހެއެވެ.. އެހެންނޫނީ އިރާގުގައި ފަނާކުރަނިވި ހަތިޔާރުވެސް ހުރިކަމަށް ގަބޫލުކުރުވާނެއެވެ. އަފްޣާނިސްތާނަކީ ޓެރަރިސްޓުން ނޫންބަޔަކު ނޫޅޭ ތަނެކޭވެސް ހީވެދާނެއެވެ. ގަބޫލުކުރަންޖެހެނީ ބާރުގަދަމީހާބޭނުންވާގޮތަކަށް އޭރުވެސް އަދި މިހާރުވެސް ގައުމުތައް އަޅުވެތިކުރަނީ އެބައިމީހުންގެ މަގްސަދު ޙާސިލުކުރުމަށެވެ. އަޅުވެތިކަމުގެ އެންމެ ބޮޑު ތަޖްރިބާއެއް ކުރި ގައުމަކަށް އަވަަށްޓެރި އިންޑިއާ ވާނެއެވެ. އަދި މިނިވަންކަމަށް އެންމެ ވަރުގަދަ ޖިހާދެއްކުރި ގައުމަކަށްވެސް އިންޑިއާ ވާނެއެވެ. ވިޔަފާރިކުރަންއައި އީސްޓް އިންޑިއާ އޭ ކިޔުނު ކުންފުންޏެއްގެ ބާރު ގަދަކުރަމުންގޮސް އިންޑިއާގެ މިނިވަންކަން ދަމައިގަތީ ކިހާ އަނިޔާވެރި ގޮތަކަށް ކަން އިންޑިއާއަށް އެނގޭނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ