ބާރުގަދަ ބިންހެލުމެއްގައި އެމެރިކާގެ އެއާޕޯޓަކަށް ބޮޑު ގެއްލުމެއް

ހޮނިހިރު ދުވަހު ދެކުނު ކެލިފޯނިއާގެ އައްސޭރިފަށުގެ ސަރަހައްދަކަށް 5.0 ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން ލޮސް އެންޖެލިސް ސަރަހައްދު ގުޑައި، އެ ސިޓީގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ބައެއް ތަންތަނަށް ވަނީ ގެއްލުން ލިބިފައެވެ.
ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި މި ބިންހެލުމުގެ މަރުކަޒު ހުރީ ލޮސް އެންޖެލިސް ކައިރީގައި އޮންނަ މެންހަޓަން ބީޗުގެ ބޭރުން ކަނޑުއަޑީގައެވެ. މި ބިންހެލުމަށްފަހު އިތުރު ލޮޅުންތަކެއް އައިސް، ކުޑަދޮރުތައް ތަޅުވައި، ކާރުތަކުގެ އެލާމްތައް އަޅައި، ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓުގެ ބިއްލޫރިގަނޑުތައް ވަނީ ތަޅައިގެން ގޮސްފައެވެ.
ރަންވޭއަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ކަމާބެހޭ ފަރާތްތަކުން ބަލަމުން ދިޔަ ވަގުތު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓަށް ޖައްސަން އައި ޑެލްޓާ އެއާލައިންސްގެ ފްލައިޓެއްގެ ޖެއްސުން ވަނީ މެދުކަނޑާލަން ޖެހިފައެވެ. އަދި އައި އިތުރު ލޮޅުމެއްގެ ސަބަބުން އެއާޕޯޓުގެ ސީލިންގ ޕެނަލެއް ވެއްޓިފައިވާއިރު، ޓާމިނަލް 7 ގެ ބައެއް ސަރަހައްދުތައް ވަނީ ބަންދުކޮށްފައެވެ.
މިދަނޑިވަޅުގައި، ދެކުނު ކެލިފޯނިއާގައި ހުންނަ ޝެވްރޮންގެ ތެޔޮ ސާފުކުރާ ކާރުޚާނާގެ އޮޓޮމޭޓެޑް ސޭފްޓީ ސިސްޓަމްތައް މަސައްކަތްކޮށް، ދޭތެރެ ދޭތެރެއިން އަލިފާނާއި ދުން ވަނީ ބޭރުކޮށްފައެވެ. އެ ކުންފުނިން ބުނީ ކޮންޓްރޯލްކޮށްގެން ދޫކުރި މި އަލިފާނުގެ ސަބަބުން ކައިރީގައި ދިރިއުޅޭ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ލޮސް އެންޖެލިސް ފަޔަރ ޑިޕާޓްމަންޓުން ވަނީ 100 އަށް ވުރެ ގިނަ ފަޔަރ ސްޓޭޝަނުން މީހުން ނެރެ، އެއްގަމާއި ވައިގެ މަގުން އަދި ކަނޑުމަގުން މުހިންމު އުމްރާނީ ވަސީލަތްތައް ބަލައި ފާސްކޮށްފައެވެ. އެ އިދާރާއިން ފަހުން ހާމަކުރި ގޮތުގައި ސިޓީގެ ތެރޭގައި އުމްރާނީ ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކެލިފޯނިއާ ގަވަރުނަރުގެ އޮފީސް އޮފް އެމަޖެންސީ ސާވިސަސްއިން ބުނީ ބިންހެލުމުގެ އަސަރު ވަޒަންކުރުމަށްޓަކައި އެ ސަރަހައްދުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އަދިވެސް އިތުރު ލޮޅުންތަކެއް އަތުވެދާނެތީ އެކަމަށް ސަމާލުވެ ތައްޔާރުވެ ތިބުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.
ސައިސްމޮލޮޖިސްޓް ލޫސީ ޖޯންސް ވިދާޅުވި ގޮތުގައި ފުރަތަމަ އައި މި ބިންހެލުމަކީ ފަހަކަށް އައިސް ލޮސް އެންޖެލިސް ސަރަހައްދަށް އައި އެންމެ ބޮޑެތި ބިންހެލުންތަކުގެ ތެރެއިން އެއް ބިންހެލުމެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.