Skip to content
ދުނިޔެ

މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވަނީ!

އިބްރާހީމް ރަޒީންއިބްރާހީމް ރަޒީން

މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ ދެކުނު އައްސޭރިފަށުން ތިން މީހުންނާއެކު ދަތުރުކުރި މަސްބޯޓަކަށް އެމެރިކާގެ ޑްރޯނަކުން ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސްޓްރެޓީޖިކަލީ މުހިންމު ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ސިރިކް ކައިރިއަށް، މިއަދު ފަތިހުއެވެ. އީރާނުގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓާ ހަވާލާދީ، އެ ގައުމުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓުން ދަތުރުކުރި ދެ މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ގެއްލިފައިވާ ބޯޓުގެ ވެރިމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މި ހާދިސާ ހިނގާފައިވަނީ ކަނޑުއަޑީގެ މައިނެއްގައި ޖެހި ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވި ކަމަށް އީރާނުގެ ކަނޑުގެ ސިފައިން ރިޕޯޓްކުރިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.

މިއާއެކު، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ފަސް ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ހަރަކާތުން ވަނީ އިއުތިރާފުވެފައެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވެސް ވަނީ ހޫތީންގެ މުހިންމު އަމާޒުތަކަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ.

އަލުން ފެށުނު މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އިންސާނީ ހާލަތާމެދު އޮތް ކަންބޮޑުވުންތައް އިތުރަށް ވަނީ ގޯސްވެފައެވެ. ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ވަނީ 20،500 ޓަނަށް ވުރެ ގިނަ ކާބޯތަކެއްޗާއި ނިއުޓްރިޝަން ސާމާނު އަވަސް މުއްދަތެއްގެ ތެރޭގައި އެ ގައުމަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއުލާންކޮށްފައެވެ.

އދ. އިން އިންޒާރު ދީފައިވާ ގޮތުގައި، ހަނގުރާމަ ވަރުގަދަވުމާއި، އިގްތިސާދީ ދަތިތަކާއި، އިންސާނީ އެހީގެ ފަންޑު މަދުވުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ގޯސްވެދާނެއެވެ. އަދި 2026 ވަނަ އަހަރުގެ އޮކްޓޫބަރާއި ޑިސެމްބަރާ ދެމެދު، ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ 5.4 މިލިއަން މީހުން ކާބޯތަކެއްޗަށް ޖެހި، ކާރިސާގެ ހާލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply