އެލް ނީނޯގެ ބާރުގަދަވެ ”ލާ ނީނޯ“އަކަށް ބަދަލުވަނީ؟

މޫސުމާ ބެހޭ ދިގު ރާސްތާގެ އައު ލަފާކުރުމަކުން ދައްކާ ގޮތުގައި، ޕެސިފިކް ކަނޑުގައި މިހާރު އުފެދެމުންދާ ރެކޯޑު މިންވަރަކަށް ބާރުގަދަ ”ސުޕަރ އެލް ނީނޯ“، 2027 ވަނަ އަހަރުގެ ތެރޭގައި ހަލުވިކަމާއެކު ބަލިކަށިވެ، އެ އަހަރު ނިމެންވާއިރަށް ބާރުގަދަ ”ލާ ނީނޯ“އަކަށް ބަދަލުވެދާނެ ކަމަށް ލަފާކޮށްފިއެވެ.
އިއްޔެ ސިވިއަރ ވެދަރ ޔޫރަޕުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، މިހާރު ހިނގަމުންދާ އެލް ނީނޯ އޭގެ އެންމެ އުހަށް ދިއުމާ ކައިރިވެފައިވާ ކަމަށެވެ. އަދި އިރުމަތީ ޓްރޮޕިކަލް ޕެސިފިކްގެ ބައެއް ސަރަޙައްދުތަކުގައި ކަނޑުގެ ފިނިހޫނުމިން އާދައިގެ މިންވަރަށް ވުރެ 6 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ.
ނަމަވެސް، ކަނޑުގެ އަޑީގެ ފިނިހޫނުމިން ދަށްވާން ފަށާފައިވާ ކަމުގެ ބައެއް ނިޝާންތައް މިހާރުވެސް ފެންނަން ފަށާފައިވާއިރު، މިއިން ދޭހަވަނީ ކުރިއަށް އޮތް މަސްތަކުގައި މި ހާލަތު ބަދަލުވެދާނެ ކަމެވެ.
މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެލް ނީނޯ އޭގެ އެންމެ ބާރުގަދަ މިންވަރަށް ދާނީ ޑިސެމްބަރު 2026 ގައެވެ. އަދި 2027 ގެ ކުރީކޮޅުން ފެށިގެން ބަލިކަށިވަމުން ގޮސް، ޖޫން މަހާ ހިސާބަށް ދާއިރު އާދައިގެ ހާލަތަކަށް އަންނާނެއެވެ. އޭގެ ފަހުން ހޫނު މޫސުމުގެ ތެރޭގައި ލާ ނީނިއާ އުފެދެން ފަށައި، އަހަރު ނިމެންވާއިރަށް އިތުރަށް ބާރުގަދަވެގެންދާނެއެވެ.
އެ އިދާރާގެ ތަޖުރިބާކާރު މެޝިން ލާރނިންގ މޮޑެލް އިން އަންދާޒާކުރާ ގޮތުގައި، 2027/2028 ގެ ފިނި މޫސުމުގައި ލާ ނީނޯގެ ހާލަތެއް އުފެދުމުގެ ފުރުސަތު ގާތްގަނޑަކަށް 90 އިންސައްތައަށް އެބައޮތެވެ. އަދި އެންމެ ބޮޑަށް ބެލެވެނީ ބާރުގަދަ ހާދިސާއެއްގެ ގޮތުގައެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މީގެ ކުރިން ރެކޯޑުކުރެވުނު ހަތަރު ސުޕަރ އެލް ނީނޯއަށް ފަހު ވެސް އުފެދިފައިވަނީ ލާ ނީނޯ އެކެވެ.
ލާ ނީނޯ އަންނާނެ ކަމަށް ބެލެވޭ ބަދަލުގެ ސަބަބުން ދުނިޔޭގެ މޫސުމީ ވައްޓަފާޅިއަށް އަސަރުކޮށްފާނެއެވެ. އޭގެ ތެރޭގައި އެޓްލާންޓިކް ކަނޑުގެ ތޫފާންތައް އުފެދޭ މިންވަރާއި، އުތުރު އެމެރިކާ އަދި ޔޫރަޕްގެ ބައެއް ހިސާބުތަކުގެ ފިނި މޫސުމުގެ ފިނިހޫނުމިން ހިމެނެއެވެ.
ނަމަވެސް، މޫސުން ލަފާކުރާ ފަރާތްތަކުން ވަނީ މި ލަފާކުރުމަކީ އަދި މުޅިން ޔަގީން އެއްޗެއް ނޫން ކަމަށް ބުނެ ސަމާލުކަން ދިނުމަށް އެދިފައެވެ. ވަކިން ހާއްސަކޮށް، ރަބީޢު މޫސުމުގެ ދުވަސްވަރު މޫސުމާ ބެހޭ ދިގު ރާސްތާގެ ލަފާކުރުންތަކުގެ އިތުބާރު ކުޑަވާތީއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.