Skip to content
ދުނިޔެ

14 އިޤްތިޞާދަކުން އައު ޓެރިފްތަކެއް ނަގަން ޓްރަމްޕް އިޢުލާނުކުރައްވައިފި

ސަންދާނު ނިއުސްސަންދާނު ނިއުސް

ދުނިޔޭގެ ބާޒާރުތަކުގައި އަގުހެޔޮ މުދާ ދައުރުކުރަމުންދާ ކަމަށް ތުހުމަތުކޮށް، ޗައިނާ، އިންޑިއާ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ހިމެނޭހެން ވިޔަފާރީގެ މުހިންމު 14 ބައިވެރިއެއްގެ މައްޗަށް ވިޔަފާރީގެ އާ ޓެރިފްތަކެއް ނެގުމަށް ރާވާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިޢުލާނުކޮށްފިއެވެ.

މި ޓެރިފްތައް ނެގުމަށް ހުށަހަޅާފައި މިވަނީ، ބޭރުގެ ސަރުކާރުތަކުން ސަބްސިޑީތަކާއި ޞިނާޢީ ސިޔާސަތުތައް ބޭނުންކޮށްގެން މިންވަރަށްވުރެ އިތުރަށް އުފެއްދުންތައް އުފައްދާ ކަމަށް ބުނެ، ވޮޝިންގޓަނުން ސިފަކުރާ ”ސްޓްރަކްޗަރަލް އެކްސެސް ކެޕޭސިޓީ“ ނުވަތަ މާބޮޑަށް އިތުރުވެފައިވާ އުފެއްދުންތެރިކަމާ ގުޅޭގޮތުން އަށް މަސްދުވަހަށް ކުރިއަށްގެންދިޔަ ތަޙުޤީޤަކަށް ފަހުގައެވެ.

އަމާޒުކޮށްފައިވާ އިޤްތިޞާދުތަކުގެ ތެރޭގައި ބަންގްލަދޭޝް، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ޖަޕާން، ދެކުނު ކޮރެއާ، މެލޭޝިއާ، ސިންގަޕޫރު، ސްވިޒަލޭންޑް، ޓައިވާން، ތައިލެންޑް އަދި ވިއެޓްނާމް ހިމެނެއެވެ. ނަމަވެސް، މި ތަޙުޤީޤު ހިންގި ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯ އަދި ނޯވޭ މި ޓެރިފްތަކުން ވަނީ ސަލާމަތްވެފައެވެ.

އެންމެ ބޮޑު އިތުރު ޓެރިފެއް އަޅަން ހަމަޖެހިފައިވަނީ ޗައިނާއަށެވެ. އެއީ 20 އިންސައްތައިގެ ޓެރިފެކެވެ. މިއީ އެމެރިކާއިން މިހާރުވެސް ނަގަމުންދާ ޑިއުޓީތަކުގެ އިތުރުން ނަގާނެ ޓެރިފެކެވެ. މީގެއިތުރުން ވިއެޓްނާމުންވެސް 20 އިންސައްތައިގެ ޓެރިފެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ.

މި ތަޙުޤީޤުގައި ބަލާފައިވާ ޞިނާޢަތްތަކުގެ ތެރޭގައި ދަގަނޑާއި، މޮޓޯ އުޅަނދުފަހަރާއި، ކޮމްޕިއުޓަރ ޗިޕްސް އަދި އަވިން ހަކަތަ އުފައްދާ ސޯލާ ޕެނަލްތައް ހިމެނެއެވެ. ވޮޝިންގޓަނުން ބުނާ ގޮތުގައި، ބޭރު ސަރުކާރުތަކުންދޭ އެހީތަކުގެ ސަބަބުން އެ ޤައުމުތަކުގެ އުފެއްދުންތެރިންނަށް އެމެރިކާގެ ވިޔަފާރިތަކަށްވުރެ ކުޑަ އަގެއްގައި މުދާ ވިއްކުމުގެ ފުރުޞަތު ލިބެއެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާތީ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ދާދިފަހުން ބޭއްވި މިޑްޓާރމް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހުގައެވެ.

ހުށަހަޅާފައިވާ މި ޓެރިފްތަކުގެ ސަބަބުން، އެތެރެކުރާ މުދަލަށް ބަރޯސާވާ އެމެރިކާގެ ވިޔަފާރިތަކަށާއި އާންމު ޢާއިލާތަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ އިތުރުން، މިކަމުގެ އަސަރުކުރާ ޤައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށްވެސް ބުރޫއަރާނެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply