ބައޮބައޮ ލެޕަޑް: މުސްކުޅި އުމުރުގެ ދުވަސްތައް އުފަލާއި އަރާމުގައި

މިއީ ޗައިނާގެ ޒުލެއްގައި ދިރިއުޅޭ ޕާން ބައޮބައޮ ނަމަކަށް ކިޔާ ލެޕަޑުގެ ވާހަކައެވެ. އުމުރުން 19 އަހަރު ވެފައިވާ މި ލެޕަޑް މަޝްހޫރުވެފައިވަނީ އެސޮރުގެ އާދަޔާޚިލާފަށް ފަލަ، ވަށް ހަށިގަނޑުގެ ސަބަބުންނެވެ.
ޗައިނާގެ ސިޗުއާންގެ ޕަންޖިހުއާ ޒުލުގައި ދިރިއުޅޭ މި ލެޕަޑް ފަލަކަމުން، އެސޮރުގެ ބަރުދަން ލުއިކުރުމަށް، ޒޫ ބަލަހައްޓާ މީހުން ގާތުގައި އެތަނަށް ޒިޔާރަތްކުރާ އެތައް ބަޔަކު އެދެމުން ދިޔައެވެ.
ޒޫ ބަލަން އަންނަ މީހުންގެ އެދުމުގެ މަތިން އެމީހުން އެ މަސައްކަތް ފެށިވެސްމެއެވެ. އެހެންނަމަވެސް އެ ކަމަކީ މާ ކާމިޔާބު ކަމަކަށް ނުވިއެވެ.
އެ އުމުރުގައި އެސޮރުލައްވާ ކަސްރަތު ކުރުވުމާއި ޑައިޓުކުރުވަން ފެށުމުން އެކަން ވީ އެސޮރަށް ތަހައްމަލުކުރަން އުނދަގޫވި ކަމަކަށެވެ. އެކަމުގެ ސަބަބުން ސްޓްރެސްވުން ފަދަ ކަންކަން ބައޮބައޮގެ ކިބައިން ފެންނަން ފެށިއެވެ.
އެހެންކަމާއެކު، ޒޫ ބަލަހައްޓާ މީހުން ނިންމީ އެސޮރުގެ މުސްކުޅި އުމުރުގެ ދުވަސްތައް އެގޮތުގައި ހޭދަކުރުމަށް ދޫކޮށްލުމަށެވެ. އަދި ގަވައިދުން ޗެކަޕް ހަދައި ބަލަހައްޓަމުން ގެންދިއުމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ބައޮބައޮ ދުވާލެއްގެ މައްޗަށް 500 ގުރާމަށްވުރެ ގިނައިން ގެރިމަސް ކައެވެ. މީގެ އިތުރުން، އެސޮރުގެ ކެއުން ބެލެންސް ކުރުމަށްޓަކައި ކުކުޅާއި އެނޫންވެސް އެއްޗެހި އެކުލެވޭ ކާނާ އެސޮރަށް ކާންދެއެވެ.
ދާދި ފަހުން ހެދި ބައޮބައޮގެ ހެލްތު ޗެކަޕުގެ ނަތީޖާ ދައްކާގޮތުން އެސޮރުގެ ޞިއްޙީ އެއްވެސް މައްސަލައެއް ފާހަގަވެފައެއް ނެތެވެ.
އެހެންކަމާއެކު ބައޮބައޮ މިހާރު ދޫކޮށްލާފައިވަނީ މުސްކުޅި އުމުރުގެ ދުވަސްތަކުގައި އެސޮރު ބޭނުން ވަރަކަށް މީރުކޮށް ކައިގެން އަރާމުކުރުމަށެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.