Skip to content
ރިޕޯޓް

އޭނާއަށް ވީ ކިހިނެއް؟

އައިޝާއައިޝާ

މިއީ 2012 ވަނަ އަހަރު އޮމާނުގައި ހިނގައިދިޔަ ހާދިސާއެކެވެ.

އުމުރުން 16 އަހަރުގެ އަޙްމަދު އަލްޢަމްރީ އޭނާގެ ބައިސްކަލުގައި ފަރުބަދަމަތީ ހިސާބުތަކުގައި ދުއްވާލަން ނުކުތެވެ. އާންމު ގޮތެއްގައި އޭނާ އަބަދުވެސް އިރުއޮއްސުމުގެ ކުރިން ގެއަށް އަންނާނެއެވެ.

އެ ދުވަހުގެ އިރުއޮއްސި އަނދިރިވީއިރުވެސް އަޙްމަދު ގެއަކަށް ނާދެއެވެ. އެހެންކަމުން އާއިލާއިން ނުކުމެ އޭނާ ހޯދަން ފެށިއެވެ. ނަމަވެސް އެމީހުންނަށް ހަމައެކަނި ފެނުނު އެއްޗަކީ ގަހެއްގައި އައްސާފައި ހުރި އަޙްމަދުގެ ބައިސްކަލާއި އޭގެ ކައިރީގައި ބާއްވާފައި އޮތް ތޮތްޕެވެ.

އާއިލާއިން މައްސަލަ ފުލުހުންނަށް ރިޕޯޓުކުރިއެވެ. އަޙްމަދު ހޯދުމަށްޓަކައި ވަގުތުން ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. އަވަށު އެންމެންގެ އެހީތެރިކަމާއެކު ފުލުހުންނާއި ސިފައިން ހެލިކޮޕްޓަރުތަކުގައިވެސް އޭނާ ފެނޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަޙްމަދުގެ ހިލަމެއްވެސް ނުވިއެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި އުޅުނު ޓީމުގެ ބަޔަކަށް ދެން ފެނުނީ މާ އަޖައިބު ކުރުވަނިވި ކަމެކެވެ. އަޙްމަދުގެ ފިޔަވަޅުތައް ބަލަމުން ދަނިކޮށް އެ ފިޔަވަޅުތައް ވަކި ހިސާބަކުން ހުއްޓިފައި ވަނިކޮށެވެ. ބަލާބެލުމަށް ހީވަނީ އޭނާ އެހިސާބުން މައްޗަށް އުފުލައިގެން ގެންގޮސްފައި ވާހެންނެވެ.

އަޙްމަދު ގެއްލުމާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވުނެވެ. ފަރުބަދަމަތީގައި އުޅޭ އަންހެން ޖިންނިއަކު އޭނާ ޖަހައިގަނެގެން ގެންދިޔައީ ކަމަށްވެސް ކިޔާއުޅުނެވެ. ނަމަވެސް މިއީ އެމީހުންގެ ތާރީޚީ ފޯކުލޯރަކާ ގުޅުވައި ދައްކާ ވާހަކައެއް ކަމަށްވެއެވެ.

އެއްފަހަރަކު ވައިގެ ވަރަށް ވަރުގަދަ ތޫފާނެއް އެ ސަރަހައްދަށް އައެވެ. އޭގެ ފަހުން، ފަރުބަދައަކަށް ވަދެވެން އަލަށް ހެދިފައި އޮތް އާނގައެއް އެ ހިސާބުގައި ދިރިއުޅޭ މީހަކަށް ފެނުނެވެ.

އެ މީހާ އެތަނަށް ވަދެ ބެލިއިރު އެތަނުގެ ވަރަށް އެތެރޭގައި މަރުވެފައި އޮތް ފިރިހެން ކުއްޖަކު ފެނުނެވެ. ފަހުން ބެލިބެލުމުން އެއީ އަޙްމަދުކަން އެނގުނެވެ.

އެހެންވެއްޖިއްޔާ އޭނާއަށް ހަގީގަތުގައި ވީ ކިހިނެއްހެއްޔެވެ؟ އެބުނާ ޖިންނިއަކު ހަމަ އަޙްމަދު ގެންދިޔައީހެއްޔެވެ؟ ނޫނީ އެހެން ހާދިސާއެއް ދިމާވީހެއްޔެވެ؟ އަޙްމަދުގެ ބައިސްކަލާ ހަމައިން ފިޔަވަޅުތައް ހުއްޓިފައި ހުރީ ކީއްވެބާވައެވެ؟

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply