Skip to content
ދުނިޔެ

އެމެރިކާގެ އިޤްތިޞާދީ ޕްރެޝަރާއެކު، ގަލްފުގެ ޤައުމުތަކުގައި ހަނގުރާމަ ފުޅާވެއްޖެ

އިބްރާހީމް ރަޒީންއިބްރާހީމް ރަޒީން

ވޮޝިންޓަނުން ކުރިމަތިކުރަމުންދާ އިޤްތިޞާދީ ޕްރެޝަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި، ފާއިތުވި ހަފުތާގެ ތެރޭގައި އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަޞްލަޙަތުތަކަށާއި، ތެޔޮ ޓޭންކަރުތަކަށާއި އެހެނިހެން ވަސީލަތްތަކަށް އަމާޒުކޮށް ޚަލީޖުގެ ސަރަޙައްދުތަކަށް ދޭ ޙަމަލާތައް ވަރުގަދަކޮށްފައެވެ.

ނޮވެމްބަރު 14 އިން ފެށިގެން ހުރްމުޒް ކަނޑުއޮޅިއާއި އެ ސަރަޙައްދުގެ ވަށައިގެންވާ ހިސާބުތަކުން މަދުވެގެން 25 ޓޭންކަރަކަށް ޙަމަލާދީފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުގެ މަގުން ދަތުރުފަތުރު ކުރުމަށް ވަނީ ހުރަސްއެޅިފައެވެ.

ފާއިތުވި ދުވަސްތަކުގައި ބަޙްރައިނަށް ވެސް ވަނީ ގިނަ ޙަމަލާތަކެއް އަމާޒުވެފައެވެ. ހޮނިހިރު ދުވަހު އެ ޤައުމުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ދިން ޙަމަލާއެއް ޢާންމުންގެ ޞިނާޢީ މަރުކަޒަކަށް އަރައި އަލިފާނުގެ ޙާދިސާއެއް ވަނީ ހިނގާފައެވެ. އަދި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފައިވަނީ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބަޙްރައިންގައި ހުރި ޕެޓްރިއަޓް އެއާ ޑިފެންސް ދެ ރާޑަރު ހަލާކުކޮށްލާފައިވާ ކަމަށެވެ.

އީރާނުން މި ޢަމަލުތައް ސިފަކޮށްފައިވަނީ އެމެރިކާއިން ދިން ޙަމަލާތަކަށާއި، އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެކަމުގެ ބަދަލުހިފުމެއްގެ ގޮތުގައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ މަގުތައް ބަންދުކޮށްގެން އެމެރިކާއިން އިޤްތިޞާދީ ހަނގުރާމައެއް ކުރަމުންދާ ކަމަށް ވެސް ތެހެރާނުން ވަނީ ތުހުމަތުކޮށްފައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން އެ ސަރަޙައްދުގެ ތެޔޮ އެކްސްޕޯޓަށް އަސަރުކޮށްފައިވާއިރު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް ޚަރަދުތައް އުފުލިފައިވާއިރު، މި ހަމަނުޖެހުމުގެ ތެރޭގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

ޚާރިޖީ ގޮތުން މައްސަލަ ޙައްލުކުރުމުގެ މަސައްކަތްތައް ނުނިމި، ނުތަނަވަސްކަމެއްގެ ތެރޭގައި އޮތްއިރު، އެމެރިކާއިން އިޤްތިޞާދީ ޕްރެޝަރު ކުރިއަށް ގެންދާނަމަ އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމުގެ އިންޒާރު މުޙައްލިލުން ދެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply