Skip to content
ދުނިޔެ

ޓްރަމްޕް، އުތުރު ކޮރެއާގެ ރައީސް ކިމްއާ ގުޅުއްވަން ކުރެއްވި މަސައްކަތް ފަނުފުލުން ގޮސްފި

އިބްރާހީމް ރަޒީންއިބްރާހީމް ރަޒީން

ޕިއޮންގޔަންގުން ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމް ފުޅާކުރުން ކުރިއަށްގެންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުން ގާއިމުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން އިޖާބަ ނުދެއްވި ކަމަށް ’ދަ ވޯލް ސްޓްރީޓް ޖާނަލް‘ (ޑަބްލިއުއެސްޖޭ) ގެ ރިޕޯޓެއްގައި ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ވޭތުވެދިޔަ އަހަރު ރަސްމީ ޓެލެފޯން ލައިންތަކާއި މުވާސަލާތީ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކިމްއާ ގުޅުއްވުމަށް ޓްރަމްޕް މަސައްކަތްޕުޅު ކުރެއްވިއެވެ. އެއްވެސް ޖަވާބެއް ނުލިބުމުން، ނިއުޔޯކުގައި ހުންނަ އދ. ގެ އުތުރު ކޮރެއާގެ ޑިޕްލޮމެޓިކް އޮފީސް މެދުވެރިކޮށް އެ ގައުމުގެ ލީޑަރަށް ޒާތީ ސިޓީފުޅެއް ރައްދުކުރުމުގެ އިންތިޒާމު ވައިޓް ހައުސްއިން ހަމަޖެއްސިއެވެ.

ނަމަވެސް، އދ. ގެ ބައްދަލުވުމެއްގެ ތެރޭގައި، އެމެރިކާގެ މަންދޫބެއްގެ ކުރިމަތީގައި އެ ސިޓީފުޅު ނުކަނޑައި އުތުރު ކޮރެއާގެ ޑިޕްލޮމެޓަކު ބޭއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި މި ދެ ލީޑަރުން ތިން ފަހަރެއްގެ މަތިން ބައްދަލުކުރެއްވިއިރު، އެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އުތުރު ކޮރެއާ ނިއުކްލިއަރ ހަތިޔާރުން އެއްކިބާކުރުމަށެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރު އެ ދެ ބޭފުޅުން ކުރިއަށް ގެންދިޔަ އެންމެ ފަހުގެ ބައްދަލުވުމަށްފަހު، އެ ދެމެދުގެ ޑިޕްލޮމެޓިކް ގުޅުމަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި 2019 ވަނަ އަހަރު އުތުރު ކޮރެއާގައި ހުރި ކަމަށް ލަފާކުރެވޭ 20 އާއި 30 އާ ދެމެދުގެ ނިއުކްލިއަރ ވޯހެޑްގެ އަދަދު، މިހާރު ވަނީ ގާތްގަނޑަކަށް 60 އަށް އިތުރުވެފައެވެ. އަދި އެމެރިކާއާ ހަމައަށް ފޯރާނެ ފަދަ ސޮލިޑް ފިއުލް ބޭނުންކުރާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ވެސް އެ ގައުމުން ވަނީ އުފައްދާފައެވެ.

ޓްރަމްޕް ފަހުން އޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އިތުރު ބައްދަލުވުމެއް ބޭއްވެވުމަށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، އެ މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވޮޝިންގޓަނާއެކު ސުލްހަވެރި ގުޅުމެއް ބޭއްވޭނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމް އެމެރިކާއިން ބަލައިގަތުމުން ކަމަށް ކިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply