Skip to content
ޚަބަރު

ވައި ނުސާފުވުމާ ގުޅިގެން ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އައިޝާއައިޝާ

މިދުވަސްވަރު ރާއްޖެގެ އަތޮޅުތަކުގެ (ޚާއްޞަކޮށް އުތުރާ މެދުރާއްޖޭގެ އަތޮޅުތަކުގެ) ވައި ނުސާފުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ކުރިއަށް އޮތް ތިން ދުވަހަށް ވައިގެ ނުސާފުކަން ބޮޑުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެޗްޕީއޭއިން ވަނީ ޞިއްޙީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައެވެ.

މިގޮތުން ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި:

  • ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު މީހުން ބޭރުގައި ނޫޅުން.
  • އެފަދަ މައްސަލަތައް ހުންނަ މީހުން މި ދުވަސްވަރު ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލުން.
  • އެފަދަ މީހުން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި N95 މާސްކު އެޅުން.
  • ނުސާފު ވައިން ސަލާމަތްވުމަށް ގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
  • އެއަރ ޕިޔުރިފަޔަރ ބޭނުންކުރުން ހިމެނެއެވެ.

ރާއްޖެއަށް އާންމުކޮށް އެންމެ ބޮޑަށް ވައި ނުސާފުވަނީ އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަ ގޮތުން، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

މިގޮތުން، ޑިސެމްބަރު މަހު އިރުވައި މޫސުން ފެށުމާއެކު އަނެއްކާވެސް ނުސާފު ވައިގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެއެވެ. މި އަންނަ ނުސާފު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި އަދި އެކި ކާރުޚާނާތަކުން އަރާ ދުމެވެ.

އަދި ދަނޑު އެންދުމާއި ކަރަންޓު އުފެއްދުމަށް ބޯޓުދެލި އެންދުމާއި، އަދި ޢުމްރާނީ ތަރައްޤީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑިއާއި ދުންވެސް މީގެތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ ވައިގެ ސާފު ނުސާފު މިންވަރު ބެލުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކުން Maldives Air Quality Index (AQI) and Air Pollution information | IQAir USA ނުވަތަ IQAir Visual އެޕް އަޅައިގެން ބަލައިލެވޭނެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply