ޣައްޒާގެ ޑިފެންސް ވެހިކަލްތަކުގެ 85 އިންސައްތަ ބޭނުންނުކުރެވޭ ހާލަތުގައި

ޣައްޒާގެ ސިވިލް ޑިފެންސް ވެހިކަލްތަކުގެ 85 އިންސައްތައަށް ވުރެ ބޮޑު ބައެއް ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާއިރު، މީގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށާއި އިސްރާއީލުގެ ހަމަލާތަކަށް އިޖާބަދިނުމަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
ޣައްޒާ ސިޓީގެ ސިވިލް ޑިފެންސްގެ ޑިރެކްޓަރު ރާއިދު އައްދަހްޝާން ވިދާޅުވީ މުޅި ޣައްޒާގެ ދާއިރާގައިވެސް މިހާރު މަސައްކަތްކުރަނީ އެ ޑިޕާޓްމަންޓުގެ ވެހިކަލްތަކުގެ ތެރެއިން ގާތްގަނޑަކަށް އެންމެ 15 އިންސައްތަ ކަމަށެވެ.
ދުވަސްވީ މި ވެހިކަލްތަކަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރުމުގެ ސަބަބުންނާއި، އޮކްޓޯބަރު 2023 ގައި ފެށުނު އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ވެހިކަލްތަކުގެ ސްޕެއާ ޕާޓްސްއާއި އިންޖީނު ތެޔޮ ފަދަ ޒަރޫރީ ސާމާނު އެތެރެކުރުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މި ތަކެތި މަރާމާތުކުރުން ވަނީ އިންތިހާއަށް ދަތިވެފައެވެ.
ވެހިކަލްތައް ހަލާކުވުމުގެ ސަބަބުން ސިވިލް ޑިފެންސްގެ މުވައްޒަފުންނަށް ކުއްލި ހާލަތްތަކަށް ފައިމަގުގައި ދާން ވަނީ މަޖުބޫރުވެފައެވެ. މިގޮތުން ހިނގި އެއް ހާދިސާއެއްގައި، އަލިފާން ނިއްވާ ލޮރީ ސްޓާޓް ނުވުމުގެ ސަބަބުން، އިސްރާއީލުން ހަމަލާދިން ސަރަހައްދަށް ސަލާމަތްކުރާ މީހުން ދިޔައީ އެމީހުންގެ އާލާތްތައް އަތުން އުފުލައިގެންނެވެ.
އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒްއިން ބުނި ގޮތުގައި، ސްޕެއާ ޕާޓްސްއާއި އިންޖީނު ތެލުގެ ދަތިކަމުގެ ސަބަބުން އިންސާނީ އެހީގެ މަސައްކަތްތަކަށާއި ކުއްލި ހާލަތްތަކުގެ ޚިދުމަތްތަކަށް ދަނީ އިތުރަށް އަސަރުކުރަމުންނެވެ.
ހަނގުރާމައިގެ ތެރޭގައި ސިވިލް ޑިފެންސްގެ 140 އަށް ވުރެ ގިނަ މުވައްޒަފުން ޝަހީދުވެފައިވާއިރު، ޣައްޒާގެ ފަސް ގަވަރުނަރޭޓުގައި މި ޑިޕާޓްމަންޓަށް މަސައްކަތްކުރަނީ 1،000 އަށް ވުރެ މަދު މުވައްޒަފުންނެވެ.
އޮފިޝަލުން އިންޒާރު ދެއްވާ ގޮތުގައި، އަވަސް އެހީތެރިކަމަކާއި މަސައްކަތްކުރާނެ އާލާތްތައް ނުލިބިއްޖެނަމަ، ކުއްލި އެހީއަށް އެދޭ ފަރާތްތަކަށް އިޖާބަނުދެވި، އިތުރު ފުރާނަތަކެއް ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނެއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.