Skip to content
ދުނިޔެ

ދުނިޔޭގެ މަޝްހޫރު ފެތުންތެރިއަކު ހޮރްމޫޒް ކަނޑުއޮޅީގައި ފަތައިފި

ފާފު ޒަވިޔަނިފާފު ޒަވިޔަނި

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގުދްރަތީ ވަސީލަތްތަކަށް ލިބޭ ގެއްލުން ތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު ފެތުންތެރިއަކު ހޮރްމޫޒް ކަނޑުއޮޅީގައި ފަތައިފިއެވެ.
މިގޮތުން އިނގިރޭސި ވިލާތަށް ނިސްބަތްވާ ”އެންޑިއުރަންސް ސްވިމަރެއް“ ކަމަށްވާ ލުވިސް ޕިއު ވަނީ މެދުއިރުމަތިން ތެޔޮ އުފުލުގައި ގިނަ ފަރާތްތަކުން ބޭނުންކުރާ ކަނޑުއޮޅި، ހޮރްމޫޒް ހުރަސްކޮށް 15ވަރަކަށް ކިލޯމީޓަރު ފަތާފައި ކަމަށް ވެއެވެ.އުމުރުން 56އަހަރުގެ ޕިއު އަކީ ކަނޑުތައް ހިމާޔަތް ކުރުމަށް އދން ކަނޑައަޅާފައި ހުންނަ ޕޭޓްރަން އެކެވެ.


ހޮރްމޫޒް ކަނޑުއޮޅީގައި ފެތުމަށްފަހު ވާހަކަ ދައްކަމުން ޕިއު ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން އިންސާނުންނަށް ލިބޭ ބޮޑެތި ގެއްލުންތައް އެންމެން ނަށްވެސް ފެނެއެވެ. ނަމަވެސް ހަނގުރާމައިގެ ދެވަނަ ”ކެޝުއަލްޓީ“ ނުވަތަ އަނިޔާ ލިބޭ ފަރާތަކީ ކަނޑުތައްފަދަ ގުދްރަތީ ވަސީލަތް ތަކަށް ވާއިރު، މިކަމަށް އޮންނަނީ ދޭންވާވަރަށް ސަމާލުކަން ނުދެވިއެވެ.
ހޮރްމޫޒް ކަނޑުއޮޅި މިވަގުތު ވަނީ އީރާން ހަނގުރާމައާއި ގުޅިގެން އީރާނުން ބަންދު ކޮށްފައި ކަމަށްވާއިރު، ޕިއު ވަނީ އެމަގު އަވަހަށް ހުޅުވާލައި ހަނގުރާމައިގެ ސަބަބުން އެކަނޑަށް ލިބިފައިވާ ގެއްލުންތައް ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅު ތަކެއް އެޅުމަށް ގޮވާލާފައެވެ.
ފެތުން ތެރިޔާ ޕިއު އަކީ އެމެރިކާ އާއި އިޒްރޭލް ގުޅިގެން މިދިޔަމާޗްމަހު އީރާނާ ދެކޮޅަށް ވަރުގަދަ އުދުވާނީ ހަމަލާތަކެއް ދޭން ފެށިފަހުން ހޮރްމޫޒް ކަނޑުއޮޅީގައި މިގޮތަށް ދުރު ރާސްތާއަކަށް ފެތި ފުރަތަމަ މީހާ ކަމަށް ވެއެވެ.
ލުވިސް ޕިއު ފައުންޑޭޝަނުން ހާމަ ކޮށްފައިވާ ގޮތުގައި ޕިއު ފަތަންފެށި ފުރަތަމަ ދުވަހު އޭނާ އެކަނޑުތެރޭގައި އޮއްވާ 4 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް ޓޭންކަރަކަށް މިސައިލް ހަމަލާއެއް އެރިތަން ފެނިފައި ވެއެވެ. މިދަތުރުގައި މިނޫނަސް އެތައް ހަމަލާއެއް ފެނުނު ކަމަށާ މިފަދަ ހާދިސާތައް ފެނުމުން ބޯޓުތަކުގައި ތިބި މީހުންނަށް ވާނެގޮތަކާމެދު ފުރަތަމަވެސް ކަންބޮޑުވާކަމަށް ޕިއު ބުނެފައިވާކަމަށް ފައުންޑޭޝަނުން ބުނެފައިވެއެވެ.
ބޯޓުތަކުގައި އުފުލަނީ ފަސޭހައިން ހުޅުހިފާ ތެލުގެ ބާވަތްތައް ކަމުން ބޯޓުތަކަށް ހަމަލާއެރުމުން ރޯވާ ހުޅުގަނޑު ވަރަށް ވެސް ބޮޑުކަމަށާ މިފަދަ ހުޅުގަނޑެއްގެ ގެއްލުން ލިބެނީ ހަމައެކަނި ބޯޓަށާ ބޯޓުގައި ތިބިމީހުންނަށް ނޫން ކަމަށާ ބޯޓު އޮތް ކަނޑުގެ ސަރަހައްދަށްވެސް އެހާބޮޑު ގެއްލުން ލިބިގެން ދާކަމަށް ޕިއު ބުނެފައި ވެއެވެ.އަދި ހަނގުރާމައިގެ ސަބަބުން ކަނޑުތައް ފަދަ ގުދްރަތީ ވަސީލަތް ތަކަށް ލިބޭ ގެއްލުންތަކަށް އެކަށީގެންވާވަރަށް ދުނިޔޭގެ ސަމާލުކަން ނުލިބޭކަން ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.
”ހަނގުރާމައިގެ ސަބަބުން ގިނައިންސާނުންތަކެއް މަރުވެގެން ދެއެވެ.އާއިލާތައް ކުދިކުދިވެދެއެވެ.ގެތަކާ ހޮސްޕިޓަލް ތަކާއި ސްކޫލްތައް ހިނދު ކޮޅެއްގެ ތެރޭގައި ނެތިދެއެވެ. ހަމަ މިތަންތަނާއެއްވަރަށް ގެއްލުން ލިބޭ އެހެން ފަރާތެއް ވެއެވެ. އެއީ ”ނޭޗަރ“ ނުވަތަ ދުނިޔޭގެ ގުދްރަތީ ނިޒާމެވެ.ކަނޑުތަކާއި ވެއްޓަށް ހަނގުރާމައިގެ ސަބަބުން ލިގޭ ގެއްލުންތައް ހަނގުރާމަ ހުއްޓާލާތާ ޒަމާންތަކަކަށް ދެމިގެން ދެއެވެ.“ އޭނާ ބުނެފައި ވެއެވެ.
ސްޓްރެއިޓް އޮފް ހޮރްމޫޒް އަކީ މެދުއިރުމަތިން ތެޔޮ އުފުލުމުގައި ގިނަ ބަޔަކު ބޭނުން ކުރާ ކަނޑުގެ މަގަށް ވާއިރު މިކަނޑަކީ ވޭލްޝާކް އާއި ކަނހަބު ފަދަ ކަނޑުގެ ދިރުން ތަކުން މުއްސަނދި ސަރަހައްދެކެވެ.
ހަމަލާތަކުގައި ބޯޓުތަކަށް ގެއްލުން ލިބި ކަނޑަށް ތެޔޮ އެޅުމުން ކަނޑުގެ ދިރުން ތަކަށް ފޫނުބެދޭ ވަރުގެ ގެއްލުން ލިބެމުން ދެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply