ހަމަލާތައް ކުރިއަށްދާއިރު މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވަނީ

މެދުއިރުމަތީގެ މަސްރަޙުގައި ނުތަނަވަސްކަން އިންތިހާއަށް އިތުރުވަމުންދާއިރު، ބަޙްރައިންގައި ހުރި އެމެރިކާގެ ވައިގެ ދިފާޢީ ރާޑަރު ނިޒާމުތަކަށް ދިން ހަމަލާތަކުގެ ޒިންމާ އީރާނުން އުފުލައިފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނި ގޮތުގައި އެ ޖަމާޢަތުން ހަމަލާ އަމާޒުކޮށްފައިވަނީ އައްރިފާޢު އަދި ޢަވާލީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ރާޑަރު ނިޒާމުތަކަށެވެ. ނަމަވެސް، ބަޙްރައިންގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި ހަމަލާ އަރާފައިވަނީ ވެރިރަށް މަނާމާ ކައިރީގައި ހުރި ޞިނާޢީ ސަރަޙައްދެއްގެ މަރުކަޒަކަށެވެ. އަދި މި ހަމަލާގެ ސަބަބުން އެތަނުގައި ވަނީ އަލިފާން ރޯވެފައެވެ. ބަޙްރައިންގެ ސަރުކާރުން ވަނީ މި ހަމަލާތައް ކުށްވެރިކޮށް، ރައްޔިތުން ސަމާލުވެ ތިބުމަށް އިންޒާރު ނެރެފައެވެ.
ހަމައެއާއެކު، އީރާނުގެ ވާގިވެރިކަން ލިބޭ ޔަމަނުގެ ޙޫތީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ސަޢޫދީގެ ކަމާބެހޭ ފަރާތްތަކުން މައްކާ ޕްރޮވިންސަށް ކުޑަ ވަގުތުކޮޅަކަށް ސަލާމަތީ އިންޒާރެއް ނެރުމަށްފަހު އެ އިންޒާރު އަނބުރާ ގެންދިޔުމާ ގުޅިގެން، ޙޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ އެ ޖަމާޢަތުން މައްކާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އަނެއްކޮޅުން، ލުބުނާނުގެ ރައީސް ޖޯސެފް ޢައުން ވަނީ ލުބުނާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނުން ވަންނަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި ދަޢުލަތުގެ ބާރުގެ ބޭރުން ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތައް މެދުވެރިކޮށް، އީރާނު ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން ނިންމުންތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެއިތުރުން، ދެކުނު ލުބުނާނުން އިސްރާއީލުގެ ސިފައިން ފޭބުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ޙާޤާން ފިދާން އިންޒާރު ދެއްވި ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަންޖެހެމުންދެއެވެ. އޭނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ޑިޕްލޮމެޓިކް ފެންވަރުގައި މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.
މިދަނޑިވަޅުގައި، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވަނީ އީރާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ފިއްތުންތަކަކީ ’ހިމޭން އިޤްތިޞާދީ ހަނގުރާމައެއް‘ ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ އަސްކަރީ ކުރިމަތިލުމަކަށްވުރެ ވެސް އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.