Skip to content
ދުނިޔެ

މުސްލިމުންނަށް އަނިޔާވެރިވި ޤައުމަކަށް ދުނިޔޭގެ ކޯޓަކުން ޙުކުމެއް!

އިބްރާހީމް ރަޒީންއިބްރާހީމް ރަޒީން

2017 ވަނަ އަހަރު މިޔަންމާގެ ސިފައިން ހިންގި އަނިޔާވެރި އޮޕަރޭޝަނުގައި، މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެ ގައުމުން ނަސްލު ނައްތާލުމަށް އަނިޔާވެރި ހަރަކާތެއް ހިންގާފައިވާ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކަނޑައަޅައިފިއެވެ. މިއީ އެ ކޯޓުގެ 80 އަހަރުވީ ދިގު ތާރީޚުގައި ދައުލަތެއްގެ މައްޗަށް ނަސްލު ނައްތާލުމުގެ ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހު ދަ ހޭގްގައި މި ތާރީޚީ ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވާސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން، ރޮހިންޔާއަށް ނިސްބަތްވާ އެތައް ހާސް އާންމުން މަރައި، އަންހެނުންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާ ހިންގައި، ކުޑަކުދިންނަށް އިންތިހާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރޮހިންޔާ މީހުންގެ އަވަށްތައް ރޭވުންތެރިކަމާއެކު ސުންނާފަތިކޮށް، އެ ތަންތަނުގައި ރޮހިންޔާ ނޫން މީހުން ވަޒަންވެރި ކުރުވާފައިވާ ކަން ކޯޓަށް ސާބިތުވެފައިވާ ކަމަށާއި، މިޔަންމާގެ މަގުސަދަކީ ރޮހިންޔާގައި ތިބި މުސްލިމު ނައްތާލުން ކަމަށް ނިންމާފައިވެއެވެ.

މި ހުކުމުގައި މިޔަންމާއަށް އަމުރުކޮށްފައިވަނީ، ރެފިއުޖީން އެނބުރި އެމީހުންގެ ގެދޮރަށް ރައްކާތެރިކަމާއި، އަމިއްލަ އިޚްތިޔާރުގަ، ކަރާމާތްތެރިކަމާއެކު ދެވޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތައް ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އަދަބު ދިނުމަށް ވެސް އަންގާފައިވެއެވެ. އަދި ބަދަލު ނަގައިދިނުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެހީތެރިކަމާއެކު، 1948 ގެ އދ. ގެ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ދަ ގެމްބިއާއިން ހުށަހެޅި މައްސަލައެކެވެ. މިޔަންމާއިން މި ތުހުމަތުތައް ދޮގުކޮށް، ބުނަމުން ދިޔައީ ސިފައިންގެ އޮޕަރޭޝަނަކީ ހަތިޔާރުއެޅި ހަނގުރާމަވެރިންނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި ހުކުމް އައިސްފައި މިވަނީ ރޮހިންޔާ މީހުން އެތައް އަހަރެއް ވަންދެން ތަހައްމަލުކުރި ވޭނަށް ފަހުގައެވެ. 2017 ވަނަ އަހަރު ހިންގި އަނިޔާވެރި އޮޕަރޭޝަނުގައި އެތައް ހާސް ބަޔަކު ވަނީ އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ. މިހާރު ވެސް، އެއް މިލިއަނަށް ވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ބަންގްލަދޭޝްގެ ކޭމްޕުތަކުގައި ދިރިއުޅެމުން އެބަދެއެވެ.

އައިސީޖޭގެ ނިންމުންތަކަކީ ގާނޫނީ ގޮތުން ދައުލަތްތަކުގެ މައްޗަށް ލާޒިމު ނިންމުންތަކެއް ނަމަވެސް، އެ ހުކުމްތައް ތަންފީޒު ކުރުވުމުގެ ސީދާ ބާރެއް ނުވަތަ ނިޒާމެއް އެ ކޯޓަކަށް ލިބިގެންނެއް ނުވެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply