އިންޑޮނޭޝިއާ: ޖާސޫސްކުރުމުގެ ތުހުމަތުގައި ފުލުހުންތަކެއް ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ އާއި އެހެނިހެން އިސް ފަރާތްތަކެއްގެ ފޯނު ކޯލުތަކާއި މުވާސަލާތުތައް ޤާނޫނާ ޚިލާފަށް ސިއްރުން އަޑުއެހި ކަމުގެ ތުހުމަތުގައި، އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ފުލުހުންގެ އިސް ތިން ޖެނެރަލަކު ހައްޔަރުކޮށްފިއެވެ.

މި ހައްޔަރުތަކުގެ މަޢުލޫމާތު އަންގާރަ ދުވަހު ހާމަކުރެއްވީ ނޭޝަނަލް ޕޮލިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން އޭޖެންސީގެ ވެރިޔާ އަސެޕް ސަފްރުއްދީން އެވެ. އޭނާ ވިދާޅުވީ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ތަހުޤީޤު ކުރެވެމުންދަނީ ޤާނޫނާ ޚިލާފަށް މުވާސަލާތުތައް އަޑުއެހުމާއި، ހުއްދަނެތި އިލެކްޓްރޯނިކް ނިޒާމުތަކަށް ވަނުމާއި، އަދި އިލެކްޓްރޯނިކް ޑޭޓާ ފޮހެލި ކަމުގެ މައްސަލަތަކުގައެވެ.

ހައްޔަރުކުރި ތިން އޮފިސަރުންނަކީ ރައީސްގެ ޗީފް އޮފް ސްޓާފް ޖެނެރަލް ލިސްޓިއޯ ސިގިތް ޕްރަބޯވޯ އާއި، ނޭޝަނަލް ޕޮލިސްގެ ލީގަލް ޑިވިޜަންގެ ވެރިޔާ އިންސްޕެކްޓަރ ޖެނެރަލް އަހްރީ ސޮންތާ ނަސޫތިއޯން އަދި ފުލުހުންގެ އިސް އިންސްޓްރަކްޓަރެއް ކަމަށްވާ އިންސްޕެކްޓަރ ޖެނެރަލް އެކޯ ހާދީ ސަންތޯސޯ އެވެ.

ތަހުޤީޤުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، 2025 އާއި 2026 އާ ދެމެދު ސަރުކާރުގެ އޮފިޝަލުންނާއި، ސިޔާސީ ފަރާތްތަކާއި، މީޑިއާގެ އިސް ބޭފުޅުންނާއި، މުޖުތަމަޢުގެ އިސްވެރިންނާއި، އެކްޓިވިސްޓުން އަދި ވިޔަފާރިވެރިންގެ ފޯނު ނަންބަރުތަކަށް ވަނީ އަމާޒުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ތަހުޤީޤު ޓީމުން ވަނީ 10 ހެކިވެރިންނާއި ތިން މާހިރުންނާ ސުވާލުކޮށް، ހެކީގެ ގޮތުގައި 11 މޯބައިލް ފޯނާއި، އައިޕެޑެއް އަދި ހަތަރު ފްލެޝް ޑްރައިވް ހިފަހައްޓާފައެވެ.

މީގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސިއްރުން އަޑުއަހާފައިވާ މުވާސަލާތުތައް ހިމެނޭ ފައިލްތައް ވަނީ ހެކި ނައްތާލުމުގެ ގޮތުން ފޮހެލާފައެވެ. ނަމަވެސް، މި ޖާސޫސީ އޮޕަރޭޝަން ހިންގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިންޑޮނޭޝިއާގެ ޖިނާއީ އަދި އިލެކްޓްރޯނިކް މަޢުލޫމާތާ ބެހޭ ޤާނޫނުތަކުގެ ދަށުން މި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް އެތައް ދަޢުވާއެއް އުފުލިދާނެ ކަމަށާއި، ކުށް ސާބިތުވެއްޖެނަމަ 10 އަހަރާ ހަމައަށް ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް