މިއީ ސައްދާމް ހުސައިންއާބެހޭގޮތުން ލިޔެފައިވާ ތާރީޚީ ލިއުމެއްގެ ބައެކެވެ. ތާރީޚީ ލިއުންތައް ކިއުއްވާއިރު އޭގައި ލިއުންތެރިޔާ ބުރަވާ ގޮތަކަށް ލިއުން ބައްޓަން ކުރާނެކަމާއި އެހެންނަމަވެސް މާޒީގެ ހާދިސާތައް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިނުމުގެ ވަސީލަތަކީ ތާރީޚީ އިލްމު ވެރިންކަން ވެސް ދެނެގަންނަން ޖެހޭނެއެވެ.
މި ލިއުމަކީ ސަންދާނުގެ އުފެއްދުމެއްނޫނެވެ. ސައްދާމް ހުސައިނަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް ފާހަގަ ކުރެވޭ ޝަޚްސިއްޔަތެއް ވީމާ އެމަނިކުފާނާ ބެހޭގޮތުން ތާރީޚީ އިލްމުވެރިން ލިޔެފައިވަނީ ކީކޭތޯ ސަންދާނުގެ ކިއުންތެރިންނަށް ގެނެސްދޭން ބޭނުންވީއެވެ.
ސައްދާމް ހުސައިންގެ ވާހަކައިގާ އެންމެ ފުރަތަމަ ފާހަގަކުރަންޖެހޭ ކަންތައްކަކީ:
އޭޕްރިލް 1937 އިރާގްގެ ތިކްރީތުގެ ފަގީރުން ދިރިއުޅެމުން ގެންދިޔަ ކުޑަކުޑަ އަވަށެއްގައި ދުނިޔެއަށް އުފަންވި ތުއްތު ކުއްޖަކީ ހަމައެކަނި އަރަބިގައުމުތަކުގެ ވެރިން ސިއްސުވާލުމުގެ އިތުރުން މުޅި ދުނިޔެއިންވެސް އެކުއްޖެއްގެ އާރާއިބާރު ވަޒަންކުރަންޖެހުނު ކުއްޖެކެވެ. އެކުއްޖާ އުފަންވުމުގެ މާކުރިން އެކުއްޖާގެ ބައްޕަ އެކުއްޖާއާއި އެކުއްޖާގެ މައިމީހާއަށް ގެއްލިއްޖެއެވެ. ބުނެވޭ ގޮތުގައި އޭނާ މަރުވީއެވެ ނުވަތަ އެމީހުން ދޫކޮށްލާފައި ދިޔައީއެވެ. އެ ކުއްޖާގެ މަންމަ ކުއްޖާއަށް ސައްދާމް ހުސައިން ނަން އިޚްތިޔާރުކުރިއެވެ. އެ ނަމުން އެކުއްޖާގެ ތަގްދީރު ލިޔެވިގެން ދިޔަކަހަލައެވެ. އަރަބި ބަހުގައި ސައްދާމް އޭ ބުނުމުން ދޭހަވަނީ ވަރަށް ބާރުގަދަ ނުވަތަ ވަރަށް ގަދަޔަށް ކުރިމަތިލާންކެރުމެވެ. އެކުއްޖާ ވެގެންދިޔައީ ސިޔާސީ މައިދާނުގައި ފުންނާބު އުސް ބޭފުޅަކަށެވެ.
ފަގީރު ކަމާއި އެކަނި ވެރިކަމުގެ ސަބަބުން ސައްދާމު ހުސައިންގެ މަންމަ ދެވަނަ ކައިވެންޏެއް ކުރިއެވެ. ދޮންބައްޕަ ވެގެންދިޔައީ ސައްދާމް ހުސައިނަށް ރަހްމެއްނެތް އަނިޔާވެރިއަކުކަމުގައެވެ. މަދަރުސާއަށް ފޮނުވުމުގެ ބަދަލުގައި ފޮނުވަމުންގެންދިޔައީ އުޖޫރައަށް މަސައްކަތް ކުރުމަށެވެ. މަސައްކަތް ނުލިބިއްޖެނަމަ ފައިސާ ހޯދުމަށްޓަކައި ސައްދާމް ހުސައިން ލައްވާ ވައްކަންވެސް ކުރުވީއެވެ. އެ މާހައުލުގައި ދިރިއުޅުމަށްޓަކައި ބޭނުންވަނީ ތަޅާފޮޅުމާއި ބަޑިގެންގުޅުމާއި ގުންޑާގިރީކަން ވަރަށް އަވަހަށް ސައްދާމް ހުސައިން ދެނެގެންފިއެވެ. އަނިޔާވެރި ދޮން ބައްޕައެއްގެ ދަށުގައި ދިރިއުޅެން ޖެހިފައިއޮތް ސައްދާމް ހުސައިން އެ މާހައުލުން ގިނަ ފިލާވަޅުތަކެއް ދަސްކުރިއެވެ. އުމުރުން ދިހައަހަރުގައި އޭނާގެ މައިފަރާތުގެ ބޮޑުބޭބެ ޚައިރު ﷲ ގެ ބެލުމުގެ ދަށަށް ބަޣުދާދަށް ސައްދާމް ހުސައިން ފޮނުވުނެވެ. ޚައިރު ﷲ އަކީ އަރަބިންގެތެރޭގައި ފާހަގަކުރެވޭ ނޭޝަނަލިސްޓެކެވެ. އޭނާގެ ކައިރިން ބާރުގެ ބޭނުންކުރާނެ ގޮތުގެ ހުނަރުތަކާއި ބަދަލު ހިފުމާއި އަރަބިންގެ އާދަކާދަތައް ސައްދާމްހުސައިން ރަނގަޅަށް ދަސްކުރެއްވިއެވެ. ފަގީރުކަމުގެ އިންތިހާގައި ބޮޑުވަމުންއައި ސައްދާމް ހުސައިންގެ ސިކުނޑީގައި ބާރުގަދަ އުންމީދުތަކެއް އުފެދެމުން ދިޔައެވެ. އަދި އޭނާގެ ސަބަބުން ގައުމަށް ބަދަލުތަކެއް ގެނެވިދާނެ ކަމުގެ ވިސްނުންތަކެއްވެސް އުފެދެމުން ދިޔައެވެ.
ބަޣުދާދު ދަސްވަމުން ދިޔަވަރަކުން އަރަބިންގެ ދިރިއުޅުމުގެ ހާލަތާ ދޭތެރޭ ނާއުންމީދުވެ ވަޑައިގަތުން ބޮޑުވެ އެ މާހައުލު ބަދަލުކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅުއަޅަންވީ ވަގުތު އަތުވެއްޖެކަން އިހްސާސްކުރެވެން ފަށައިފިއެވެ.
1950 ގެ އަހަރުތައް ފެށިގެން އައީ ސައްދާމް ހުސައިންގެ ޒުވާން އުމުރުފުޅުގެ ތެރެއަށެވެ. އުމުރުން ވިހި އަހަރުގައި ސިޔާސީ ހަރަކާތްތަކުގެ ތެރެއަށް ވެދެވަޑައިގެން އަރަބް ސޯޝަލިސްޓް ބައުސް ޕާރޓީއާއި ގުޅިވަޑައިގެންފިއެވެ. އެ ޕާރޓީގެ ސިޔާސަތަކީ އަރަބި ގައުމުތަކުގެ މެދުން ބައިބައިވުން ނެތިކޮށް އެއް ދިދައެއްގެ ދަށަށް ގައުމުތައް ގެނައުމެވެ. 1947 ގައި އުފަން ވެގެން އައި ބައުސް ޕާރޓި ވަރަށް އަވަހަށް އަރަބި ގައުމުތަކުގެ ރައްޔިތުން ބަލައިގެންފިއެވެ. އެ ދުވަސްވަރު މިސްރުގެ ރައީސްކަމަށް ޖަމާލް އަބްދުއްނާސިރު އިސްކުރެވިގެންދިއުމަކީ ރައްޔިތުންގެ މެދުގައި އަރަބިންގެ އެއްބައިވަންތަކަމަށް ކުރަމުންގެންދިޔަ އުންދީމުގެ ނަތީޖާއެވެ.
ރައްޔިތުންގެ ފުދުންތެރިކަމަކީ ގައުމުގު އިސްތިގްލާލްގެ ފުރަތަމަ އަސާސްކަން ސައްދާމް ހުސައިނަށް ލިބިވަޑައިގެންނެވި އެންމެ މުހިންމު ފިލާވަޅުތަކުގެތެރޭގައި ހިމެނެއެވެ. 1958 ޖުލައި ފެށުނުއިރު އިރާގުގައި ވެރިކަން ކުރަމުންދިޔަ ހާޝިމީ ރަސްކަމުގައި ވެރިޔަކަށް ހުންނެވި ޝާހް ފައިސަލް -2 އިރާގުން ތެޔޮ ނެގުމުގެ ހުރިހާ ކަމެއް ހަވާލު ކޮށްފައިއޮތީ އެ ދުވަސްވަރުގެ ސުޕަރ ޕަވަރ އިނގިރޭސި ވިލާތުގެ ބާރުގެދަށުގައެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ގައުމަށް ލިބޭ އާމްދަނީގެ ވަސީލަތްތައް މިނިވަން ކުރުމުގެ އިންގިލާބީ ވިސްނުން ސައްދާމް ހުސައިން ސިކުނޑީގައި ފުޅާވަމުން ދާންފަށައިފިއެވެ.
މިސްރުގައި ރައީސް ޖަމާލް އަބްދުއްނާސިރުގެ ސިޔާސީ ވިސްނުންފުޅައިގެން މިސްރު ކުރިއަށް ގެންދާން ފެށުމުން އިރާގުގެ ރައްޔިތުންވެސް އެ މަގު ޚިޔާރުކުރިތަން ފެނިގެން ދިޔައެވެ. އަދި އިރާގުގެ އިގްތިސާދު މިނިވަންކުރުމަށްޓަކައި ކުރަންފެށި ބަޣާވަތުގައި އެންމެ އިސްކޮށް ހުންނެވީ މިލިޓްރީގެ ވެރިޔާ ޖެނެރަލް އަބްދުލް ކަރީމް ގާސިމް އެވެ. މި ބަޣާވަތުގައި ރިޔާސީ ގަނޑުވަރު ހަމަލާތަކުގެ އަމާޒަކަށް ވެގެންދިޔައެވެ. އެވަގުތު ރިޔާސީ ގަނޑުވަރުގައި ތިބި ޝާހީ ބޭފުޅުން ބާޣީންގެ ބަޑީގެ އަމާޒަށްވެގެން މަރުވެ ދިޔައީއެވެ. އެންމެފަހުން ރައްޔިތުންގެ އިންގިލާބު ކާމިޔާބުވެ ޖުމްހޫރީ ވެރިކަމެއް އަބްދުލް ކަރީމް ގާސިމް އިއުލާންކުރެއްވިއެވެ. އަލަށް ތަޢާރުފް ކުރެވުނު ޖުމްހޫރީ ވެރިކަމަށް އިރާގުގެ ރައްޔިތުން ހިތުން ރުހުމުން އާނ ބަސް ބުނަމުން ގެންދިޔައެވެ. ޖުމްހޫރީ ސަރުކާރުވެގެންދިޔައީ ބައުސް ޕާރޓީގެ ރުހުންވެސް ލިބިގެންދިޔަ ސަރުކާރަކަށެވެ. ބައުސް ޕާރޓީގެ މަގްސަދަކީވެސް ގައުމުގައިތިބި ބިދޭސީ ބާރުތައް ނެރެ ގައުމުގެ ރައްޔިތުންގެ ބާރުގެ ދަށުގައި ގައުމު ދެމިއޮތުމެވެ. ސަރަހައްދުގެ ގައުމުތައް އިސްލާމީ އެއް އުންމަތެއްގެ ގޮތުގައި ދެމިތިބުމެވެ.
މާގިނަ ދުވަސްތަކެއް ނުވެ ސައްދާމް ހުސައިންގެ ބައުސް ޕާރޓީގެ ކުރިމަތީގައި ޖެނެރަލް އަބްދުލް ކަރީމް ގާސިމަކީ ގައްދާރަކަށް ވެއްޖެއެވެ. ބައުސް ޕާރޓީގެ ވިސްނުން ސަރުކާރާ ދެކޮޅަށް ބަދަލުވުމުގެ އެންމެ ބޮޑު ސަބަބަކީ މިސްރުގެ ރައީސް ޖަމާލް އަބްދުއްނާސިރު ގެންގުޅުއްވި ކޮމިއުނިޒަމާއި ކެޕިޓަލިޒަމްއާއި ވަކިން އިސްލާމީ ނިޒާމެއް ބިނާކުރެއްވުމުގެ ސިޔާސީ ވިސްނުންފުޅާ ދެކޮޅަށް ޖެނެރަލް އަބްދުލް ކަރީމް ގާސިމް ހަރަކާތްތެރިވާން ފެށުމެވެ.
ޖެނެރަލް އަބްދުލް ކަރީމް ގާސިމް އެ މަނިކުފާނުގެ ސިޔާސީ ބާރު ފެތުރުން ކުރިއަށް ގެންދެވުމުގައި އިނގިރޭސީންގެ އަތުން އިރާގުގެ ތެޔޮ މިނިވަންކުރުމަށްފަހު ރަޝިޔާއެކު އެއްބަސްވުމަކަށް ވަޑައިގެތެވެ. އަދި އަބްދުލް ކަރީމް ގާސިމްގެ ވަޒީރުންގެ މަޖިލީހުން އެގައުމުގެ ކޮމިއުނިސްޓް ޕާރޓިގެ މެމްބަރުންނަށް ފުރުސަތު ދެއްވުންވެސް ހިމެނެއެވެ. އަދި އެމަނިކުފާނުގެ ނައިބަކަށް މިލިޓްރީގައި އެކުގައި މަސައްކަތްކުރައްވާފައިވާ އާރިފް ގާސިމް އާ ދެކޮޅަށް ސިއްރިޔާތުގައި ރޭވުންތަކެއް ރާވަމުން ގެންދިޔަކަންވެސް ފެންމަތި ވެއްޖެއެވެ. މިފަހަރު އިރާގުގައި ބާރުގަދަކުރަމުން ގެންދިޔައީ ސޯވިއެޓް ޔޫނިއަން އިންނެވެ. އިރާގު ސަރުކާރުން ކަންތައްކުރަމުން ގެންދާގޮތުން ބައުސް ޕާރޓީގެ އިތުރުން އެމެރިކާއިންވެސް ނުރުހުން ފާޅުކުރަމުން ގެންދާން ފެށިއެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ ގައުމުތައް ސޮވިއެޓް ޔޫނިއަންގެ ބާރުގެ ދަށަށް ދިއުމަކީ އެމެރިކާ ރުހޭގޮތެއް ނޫނެވެ.
އިރާގު ރައްޔިތުން ސިކުނޑިން އިންގިލާބީ ހަރަކާތްތައް އަދި ފިލައިގެން ނުދެއެވެ. ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ޖެނެރަލް އަބްދުލް ކަރީމް ގާސިމް އަކީ ގައުމުގެ ޣައްދާރެއްކަމަށް ކަނޑައެޅިދާނެއެވެ.
މިހާހިސާބުން އެމެރިކާގެ ކެތްތެރިކަން ކޮޅުންލައި އިރާގުގެ ބައުސް ޕާރޓީގެ މަދަދު ގާރެއްގެ ސިފައިގާ އިރާގުގެ ތެރެއަށް ސީ އައި އޭ ވަދެގެންފިއެވެ. އަދި ޖެނެރަލް އަބްދުލް ކަރީމް ގާސިމް މަރާލުމުގެ ރޭވުންތައް ފަށައިގަތެވެ. ސައްދާމް ހުސައިނަށްވެސް ސީ އައި އޭ އަކީ އިތުބާރުކުރެވިދާނެ ބާރެއް ކަމުގައި ވިސްނި ވަޑައިގަތެވެ. ސީ އައީ އޭ އަކީ މުސްތަގްބަލްގައި ސައްދާމްގެ މުޅިޒިންދަގީ ވީރާނާ ކޮށްލައި ދަންޖައްސާ މަޅިގަނޑުގެ ތެރެއަށް ވައްދާނެ ބައެއްކަން އެދުވަހު ތަސައްވުރެއް ނުކުރެވުނެވެ.
![]()
