އޯގަސްޓް މަހު ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވި ފަހުން، އެ ގައުމުގައި މަދުވެގެން 290،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފިއެވެ.
އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯޗާ) އިން ހުކުރު ދުވަހު އިންޒާރު ދިން ގޮތުގައި، މި ހަނގުރާމަ އިތުރަށް ގޯސްވަމުން ދިޔުމުގެ ސަބަބުން، ހާއްސަކޮށް މާބަނޑު އަންހެނުންނާއި ނާޒުކު ހާލަތްތަކުގައިވާ މުޖުތަމައުތަކަށް އިންސާނީ ބޮޑު ކާރިސާއަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އަލަށް ގެދޮރު ދޫކޮށް ދިޔަ މީހުންގެ ތެރޭގައި ގާތްގަނޑަކަށް 6،100 މާބަނޑު އަންހެނުން ހިމެނެއެވެ. މީގެ ތެރޭގައި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ވިހާނެ ކަމަށް ލަފާކުރެވޭ 600 އަންހެނުން ހިމެނެއެވެ. އދ. އިން ވަނީ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގެދޮރު ގެއްލިފައިވާ މީހުން ތިބި ކޭމްޕުތަކަށް ދަތުރުފަތުރުކުރާ މެޑިކަލް ޓީމުތަކާއި ވިއްސާ މީހުން ފޮނުވާފައެވެ.
އެހީދޭ ޖަމާއަތްތަކުން ވަނީ ގެދޮރު ގެއްލިފައިވާ ގާތްގަނޑަކަށް 249،000 މީހުންނަށް ކާބޯތަކެއްޗާއި، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނާއި، އަދި ކުއްލި ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. މި ދަނޑިވަޅުގައި، ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލި އަދި އަސާސީ ޚިދުމަތްތަކަށް ބުރޫއަރަމުން ދާތީ، 65،000 ރެފިއުޖީންނާއި ހިމާޔަތަށް އެދިފައިވާ މީހުންގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.
މި ހަމަނުޖެހުންތައް ވަނީ އެކި ސަރަހައްދުތަކުގައި ވަރުގަދަވެފައެވެ. ހާއްސަކޮށް ތާއިޒް ގަވަރުނަރޭޓާއި އައްސޭރިފަށުގެ ސަރަހައްދުތަކުގައެވެ. އޯގަސްޓް މަހުން ފެށިގެން އާންމުންގެ 270 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން އދ. އިން ވަނީ ކަށަވަރުކޮށްފައެވެ. މީގެ ތެރޭގައި މަރުވި 68 މީހުން ހިމެނޭއިރު، މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ހަނގުރާމައިގެ ސަބަބުން މަގުތައް ބަންދުވެ، ގާތްގަނޑަކަށް ދެ މިލިއަން މީހުންނަށް ކާބޯތަކެއްޗާއި، ބޭހާއި، ތެޔޮ އަދި ފެން ލިބުމަށް ވަނީ ހުރަސްއެޅިފައެވެ.
މި ފަހުން ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން ޔަމަނުގެ އިންސާނީ ހާލަތު ވަނީ އިތުރަށް ދަށަށް ގޮސްފައެވެ. އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ދަނީ އާންމުންނަށް އޮތް ނުރައްކާ ބޮޑުވަމުންދާ ކަމުގެ އިންޒާރު ދެމުންނެވެ.
![]()
