ދެ ދުވަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ މެދު އީރާނުން ވިސްނަމުންދަނީ!

Loading

Facebook
Twitter
WhatsApp

އެމެރިކާއާއެކު ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާއިރު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ މެދު އީރާނުން ދަނީ ވިސްނަމުންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށް ސިފަކުރައްވާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވީ، ތެހެރާނުން މި ހުށަހެޅުމާ ގުޅޭގޮތުން ޤަޠަރުގެ މެދުވެރިންނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ވޮޝިންގޓަނުން އެއްބާރުލުން ދީފިނަމަ، ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރުޞަތު މި ޕްލޭނުގެ ދަށުން ލިބިގެންދާނެއެވެ.

ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ދަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް އެއްބަސްވުމަކަށް އައުމަށް އަވަސްއަރުވާލައިގެން ނޫޅޭ ކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ.

ޞުލްޙައިގެ އެއްބަސްވުމަކަށް އައުމުގެ ކުރިން ފުރިހަމަވާންޖެހޭ ބައެއް ޝަރުޠުތައް ހުރި ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. މީގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، މި ސަރަޙައްދުގައިވާ އެމެރިކާގެ އަސްކަރީ ޙަރަކާތްތައް މަދުކުރުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމުގެ އިތުރުން މުޅި ސަރަޙައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުން ހިމެނެއެވެ.

އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ މުޙްސިން ރިޟާއީ ވެސް ވަނީ ތެހެރާނުގެ ޝަރުޠުތައް ފުރިހަމަ ނުވާހާ ހިނދަކު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މިދަނޑިވަޅުގައި، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ވަނީ ވަކި ޖުޣުރާފީ ސަރަޙައްދަކަށް ބެލުމެއްނެތި، ޤައުމަށް ކުރިމަތިވާ ނުރައްކާތަކަށް ވަގުތުން ރައްދު ދިނުމަށް އަމުރުކުރައްވާފައެވެ. މިއާއެކު، މުޅި ސަރަޙައްދަށް ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މުޙައްލިލުން ބުނާ ގޮތުގައި، ދެފަރާތުގެ މެދުގައި ހުރި އަސާސީ ޚިޔާލުތަފާތުވުންތަކަށް އަދިވެސް ޙައްލެއް ހޯދިފައި ނުވި ނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތަކާއި އަސްކަރީ ތައްޔާރީތައް އެއްފަހަރާ ދަނީ ކުރިއަށެވެ.

މި ކަންކަން މިގޮތަށް ހިނގަމުން މިދަނީ އީރާނާއި، އެމެރިކާ އަދި އިސްރާއީލް ހިމެނޭ މި މައްސަލައިގެ ނުތަނަވަސްކަން އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް