ހުޅުމާލެ ރުއްގަނޑު 1 ގައި ހުންނަ މެރިނޭޓް ކެފޭގައި މިއަދު ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ފަރުވާ ހޯދަމުންދަނީ އެ ކެފޭގައި މަސައްކަތްކުރާ 4 ބިދޭސީ މުވައްޒަފުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:00 އެހައިކަންހާއިރު ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސީންއަށް އެޓެންޑްވިއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ހާދިސާގައި އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ އެ ކެފޭގައި މަސައްކަތްކުރާ 4 ބިދޭސީންނަށް ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
![]()
