ނޯބެލް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް ވަރަށް ކޯފާވެއްޖެ

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު އޭނާއަށް ލިބިވަޑައިނުގަތުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ކޯފާވެގެން ނޯބެލް އިނާމް ކޮމިޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.


ނިއުޔޯކްގައި އޮތް ކެމްޕެއިން ބައްދަލް ވުމެއްގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުގެ ބޮޑުބައި ވަނީ މިކަމަށް ފޯކަސް ކުރައްވާފައެވެ. އެއީ ކުރިޔަށް އޮތް މިޑްޓަރމް އިންތިހާބް ގައި ރިޕަބްލިކަން ޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބެއްވި ކެމްޕެއިން ބައްދަލް ވުމެއް ނަމަވެސް ޓްރަމްޕް ގެ ވާހަކަފުޅު ބިނާކުރެއްވީ ނޯބެލް ޕީސް ޕްރައިޒް އެހެން މީހަކަށް ދިނީ ކީއްވެތޯ އަދި އޭނާ ސުލްހަ ގާއިމް ކުރެއްވުމަށް ކުރެއްވި މަސައްކަތް ނޯވޭ އިންބަލައިނުގަތީ ކީއްވެތޯ މިފަދަ ސުވާލު ތަކެއްގެ މައްޗަށެވެ. އިނާމްގެ ހައްގުވެރިއަކީ އޭނާކަމަށާ އެހެން މީހަކަށް ދިނުމަށް ކޮމިޓީ އިން ނިންމި ވަރަށް ގޯސް އަދި ލަދުގަންނަންޖެހޭފަދަ ނިންމުމެއްކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ނޯވޭ އަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ މިކަން ހަނދާނުގައި ބެހެއްޓުމަށް އަންގާ ކަމުގައެވެ.
ކޮމިޓީ އަށް ފާޑު ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ ނޯބެލް ޕީސް ޕްރައިޒް ލިބޭމީހަކު ޒަމާނުއްސުރެ ކަނޑައަޅަނީ ޑިމޮކްރަސީ އާއި ދެކޮޅު ރެޑިކަލް އައިޑިއޮލޮޖީ ގެންގުޅޭ ދެތިންހަތަރު މީހުން ކަމަށެވެ. އަދި އެއީ ސިވިލިޒޭޝަން ގެ ދުޝްމަނުންކަމަށްވެސް ޓްރަމްޕް ސިފަ ކުރެއްވިއެވެ.
ދުނިޔޭގައި ހިނގަމުން އައި 8 ހަނގުރާމައެއް އޭނާ ހުއްޓުވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ޓްރަމްޕް ލިސްޓް ކުރެއްވި ބައެއް ކަންކަމަކީ ހަނގުރާމަ އަށް ނުވާއިރު ބައެއް ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި އީރާން ހަގުރާމަ އާއި ޔޫކްރެއިން ހަނގުރާމަވެސް ދާދި އަވަހަށް އޭނާ ނިމުމަކަށް ގެނުވާނެއެވެ.
ނަމަވެސް އީރާންގެ ވާހަކަ ވިދާޅުވާއިރު ރާގު ހަރުކަށިވާކަން މީޑިޔާ ރިޕޯޓް ތަކުގައި ފާހަގަ ކޮށްފައި ވެއެވެ.އީރާނަށް އޮތީ ދެގޮތެއް ކަމަށާ އެއީ އެމެރިކާއިން ބޭނުންވާ ހުރިހާކަމެއް ކޮށްދިނުން ނުވަތަ ދުނިޔޭން ނެތިދިއުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ދުނިޔޭގެ މިއަހަރުގެ ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވީ އދގެ ހިއުމަންރައިޓްސް ކޮމިޝަންގެ ކުރީގެ ޗީފް،ދެކުނު އެފްރިކާގެ ބޭފުޅެއްކަމަށްވާ އުމުރުން 85 އަހަރުގެ ނަވީ ޕިއްލޭ އަށެވެ.އެކަމަނާ އަކީ ފެށުނީއްސުރެ ސުލްހައިގެ އެކި މަސައްކަތްތަކުގައި އެންމެ މަތީ ފެންވަރުގައި ބައިވެރި ވަމުން ވަދައިގެންނެވި ފަރާތެކެވެ. އަދި އެކަމަނާ ޗެއާ ކުރެއްވި ކޮމިޝަނުން ވަނީ ޤައްޒާގައި އިޒްރޭލުން ލާއިންސާނީ ޖަރީމާތައް ހިންގާ ކަމަށް ކަނޑައަޅާފައެވެ.
ޓްރަމްޕް ވިދާޅުވީ ނަވީ ޕިއްލޭ އަކީ އެކަކުވެސް ދަންނަ ބޭފުޅެއްނޫން ކަމަށާ އޭނާއަށް އިނާމު ދިނީ ހަމައެކަނި އދ ޖަމިއްޔާގައި މަސައްކަތް ކުރައްވާތީ ކަމުގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް