އީރާނުގެ ތާއީދު އޮންނަ ޙޫތީންނާއި ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ޙޫތީންގެ ބާރުތަކުން ޔަމަންގެ ޢަދަން އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކުން ޙަމަލާދީފިއެވެ.ޔަމަންގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދެ ބެލިސްޓިކް މިސައިލާއި ގިނަ އަދަދެއްގެ ޑްރޯންތަކުން އެއާޕޯޓަށް ޙަމަލާ އަމާޒުކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން ފަސިންޖަރުންނާއި މުވައްޒަފުން އަދި ފްލައިޓް ކްރޫންގެ ފުރާނައަށް ނުރައްކާވި ކަމަށެވެ. ފުރަތަމަ ލިބުނު މަޢުލޫމާތުތަކުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަން އެނގޭއިރު، މި ޙަމަލާއާ ގުޅިގެން ޤާހިރާއިން ދަތުރުކުރި އާންމު ފްލައިޓެއް ވަނީ ޖިއްދާއަށް ޑައިވަރޓްކޮށްފައެވެ.މި ޙަމަލާ ދީފައިވަނީ ސަޢޫދީގެ ތާއީދު އޮންނަ ޔަމަން ސަރުކާރުގެ ސިފައިން، ފަހަކަށް އައިސް ޙޫތީން ހިފާފައިވާ ސަރަޙައްދުތައް އަނބުރާ ހޯދުމުގެ މަޤްޞަދުގައި ތަޢިއްޒު ޕްރޮވިންސްގައި އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށެވެ. ސަރުކާރުގެ ބާރުތަކުން ބުނި ގޮތުގައި އަލްމަންޞޫރާއަށް ފެންނަ ގޮތަށް އޮންނަ މުހިންމު އުސްފަސްގަނޑުތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، ޖަބަލް ޙަބަޝީ ޑިސްޓްރިކްޓްގެ ސްޓްރެޓެޖިކް ސަރަޙައްދުތަކުގެ ކޮންޓްރޯލް ވަނީ ވަރުގަދަކޮށްފައެވެ.ސަރުކާރުން ބުނާ ގޮތުގައި އެމީހުންގެ މައިގަނޑު މަޤްޞަދަކީ، 2014 ވަނަ އަހަރު ޙޫތީން ހިފި ވެރިރަށް ޞަންޢާއާ އެކު، އެ ޖަމާޢަތުގެ ބާރުގެ ދަށުގައިވާ އެހެން ސަރަޙައްދުތައްވެސް އަނބުރާ ހޯދުމެވެ. މި އޮޕަރޭޝަނުގެ ފުރަތަމަ އަމާޒަކީ ސްޓްރެޓެޖިކް ގޮތުން މުހިންމު ބާބުލް މަންދަބު ކަނޑުއޮޅި ކައިރިން ޙޫތީން ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ޖެއްސުމެވެ.މިދަނޑިވަޅުގައި، ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުނީ ރިޔާޟްގެ އުތުރުން ޙޫޘީންގެ ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ. މި ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން ތެލުގެ އަގުވެސް ވަނީ އުފުލިފައެވެ. އެގޮތުން ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 101 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
![]()
