މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ޙަސަންއެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 22 އަހަރުގެ ދިވެހި ފިރިހެނަކާއި، 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ފަހަކަށްއައިސް އާދަޔާ ޚިލާފަށް ގިނައިން އެކްސިޑެންޓުތައް ހިނގަމުންދާއިރު، ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑެތި އަނިޔާތައް ވެފައެވެ.
![]()
