މާލޭގެ ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައި 51 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ފުރަތަމަ ފަންގިފިލާގައެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި ހާލު ދެރަވެގެން ދެ އަންހެނަކު އައިޖީއެމްއެޗަށް ގެންދިޔައިރު، އެތަނުން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި މަރުވީ މާލެ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގު، 51، އެވެ.
އަދި ހާލު ދެރަވި އުމުރުން 19 އަހަރުގެ އަންހެނަކަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެ މީހާއަށް މި ވަގުތު ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގައި ހުންނަ ހައިޕަބެރިކް ޗެމްބާގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފު ވެފައެއް ނުވެއެވެ.
![]()
