ދޯންޏެއް ދިޔަވާތީ ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ކަނޑުމަގުން ކޯސްޓްގާޑާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ޕޮލިސް ސަރޖަންޓް ޢަލީ ނާފިޢު (33 އަހަރު) އާއި، އެމްއެންޑީއެފްގެ ސްޓާފް ސަރޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި، ބަންޑުންޖަހާލި ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
ފުލުހުން މަޢުލޫމާތުދިންގޮތުން ހައްދުންމަތިން ފުރައިގެން ހުވަދުއަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ރޭ 23:22ގައެވެ.
”ފްރެންޑް 4“ ނަމަކަށް ކިޔާ މި ދޯންޏަކީ ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެކެވެ.
ދޯނި ދިޔަވެ އަޑިޔަށްދިޔަ ހާދިސާގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.
![]()
