މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 01 އޮގަސްޓް 2026 އިން ފެށިގެން ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމައި، ވިޔަފާރިކުރާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައިފިއެވެ.
މިފްކޯ އިން ބުނީ މި ބަދަލާއެކު ހުކުރު ދުވަސްތަކުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ހުޅުވާގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯ އިން ހާމަކުރެއެވެ.
މިގޮތުން މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ޚިދުމަތް ދެމުން ދާނެއެވެ.
މިފްކޯ އިން ބުނީ މި ނިންމުން ނިންމާފައިވަނީ ހުކުރު ދުވަހަކީ ޢާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ޚާއްސަ ކެއުންތަކަށް ދިވެހިން ބޮޑު އިސްކަމެއްދޭ ދުވަހަކަށް ވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކަށް ޚާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ވެސް ވަނީ ރޭވިފައެވެ.
މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިފްކޯ އިން ހާމަކުރެއެވެ.
ޚާއްސަކޮށް ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށް ވާތީ، މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މިފްކޯއިން މި ބަދަލު ގެނެސްފައިވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދި ފަހުން އެރަށުގައި ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްރޫޢުތަކާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން މިހާރު އިތުރުވެފައިވާ އެ ކުންފުނިން ހާމަކުރެއެވެ.
![]()
