ނާޒިމް އިސްތިއުފާދެއްވައިފި، މަޖިލީހުގެ ނައިބު ރައީސަކު ހޮވުން މާދަމާ

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ނާޒިމު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ނާޒިމް މަގާމުން ވަކިކުރަން
ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
އަދި މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށްވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާން އޮތް ކަމަށާއި، މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށްވެސް ޕީއެންސީން ތުހުމަތުކުރެއެވެ.
އެހެންކަމުން ގާނޫނުއަސާސީން މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނާޒިމު ހުރަހަކަށް ވެފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އޭނާ މަގާމުން ވަކިކުރާ ޖަލްސާއަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އިސްތިއުފާ ދެއްވާ މިއަދު ނެރުއްވި ބަޔާނެއްގައި ނާޒިމު ވަނީ އޭނާއާ ދެކޮޅަށް ހުށަހެޅި ގަރާރުގައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ.
ނާޒިމު ވިދާޅުވީ އެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާ ނުވަތަ ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވައި، އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އިސްތިއުފާ ދެއްވިކަން މިއަދުގެ ޖަލްސާގައި ރަސްމީކޮށް އިއުލާނު ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ މެންދުރު ޖަލްސާއެއް އޮންނާނެކަން އިއުލާނު ކުރައްވާފައެވެ.

އޭގެ ފަހުން މިއަދު މެންދުރު ބާއްވަން ތާވަލު ކުރި ޖަލްސާ ވަނީ ފަސްކޮށްފައެވެ.
އަދި ދެން ޖަލްސާއެއް އޮންނާނީ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މާދަމާގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް