ހަށިގަނޑުގެ ދިފާއީ ނިޒާމު އަމިއްލަ ހަށިގަނޑަށް ހަމަލާދީފާނެ

Loading

Facebook
Twitter
WhatsApp
Senior man having medical exam by female doctor in the hospital.

ގިނަ މީހުންނަކީ ހުޅުހުޅުގައި ރިއްސުމަށް މާބޮޑު ސަމާލުކަމެއް ދޭ ބައެއް ނޫނެވެ. އާންމުކޮށް މިފަދަ ރިއްސުންތަކަކީ ނަފްސާނީ ބުރަބޮޑުވުމުގެ ސަބަބުން، ނުވަތަ މަސައްކަތުގައި ގިނަވަގުތު ހޭދަކުރުމާއި، ނިދި މަދުވުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް ކުރިމަތިވެފައިވާ އަސްލު މައްސަލައަކީ މިއަށްވުރެ މާ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން މިހާރު އިންޒާރު ދެއެވެ. އެއީ ހަށިގަނޑުގެ އަމިއްލަ ދިފާއީ ނިޒާމު، ސިއްރުވެރި ގޮތަކަށް އަމިއްލަ ހަށިގަނޑަށް ހަމަލާދިނުމެވެ.ދުނިޔޭގެ ’އޮޓޯއިމިއުން އާތުރައިޓިސް‘ ދުވަހާ ގުޅިގެން، ސިއްހީ މާހިރުން ވަނީ މި ބަލި ޖެހެން މެދުވެރިވާ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޮޓޯއިމިއުން އާތުރައިޓިސް އަކީ ހަށިގަނޑު ބަލިތަކުން ދިފާއުކޮށްދިނުމުގެ ބަދަލުގައި، ދިފާއީ ނިޒާމަށް އަންނަ އޮޅުމަކުން ހަށިގަނޑުގެ ދުޅަހެޔޮ ހުޅުތަކަށާއި ޓިޝޫތަކަށް ހަމަލާދޭ ބައްޔެކެވެ. މީގެ ނަތީޖާ ވަރަށް ނުރައްކާތެރިވެދާނެއެވެ. އޭގެ ތެރޭގައި ދާއިމީކޮށް ރިއްސުން، ދުޅަވުން، ހުޅުތައް ހަރުވުން، ވަރުބަލިވުން އަދި ބަލި ބޮޑުވާ ހާލަތްތަކުގައި ދާއިމީ ނުކުޅެދުންތެރިކަމަކަށް މަގުފަހިވުން ހިމެނެއެވެ.އުމުރުން ދުވަސްވުމާއި ހުޅުތައް ބޭނުންކުރުން ގިނަވުމުގެ ސަބަބުން ދިމާވާ ’އޮސްޓިއޯއާތުރައިޓިސް‘ އާ ޚިލާފަށް، އޮޓޯއިމިއުން އާތުރައިޓިސް މެދުވެރިވަނީ ދިފާއީ ނިޒާމުގެ މަސައްކަތަށް ބުރޫއެރުމުންނެވެ. މި ބާވަތުގެ ބަލިތަކުގެ ތެރޭގައި ’ރުމަޓޮއިޑް އާތުރައިޓިސް’، ’ލޫޕަސް’، ’އެންކައިލޯސިންގ ސްޕޮންޑިލައިޓިސް’، ’ވެސްކިއުލައިޓިސް‘ އަދި ’ސޯރިއެޓިކް އާތުރައިޓިސް‘ ހިމެނެއެވެ. ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އާބާދީގެ ގާތްގަނޑަކަށް %5 އާއި %10 އާ ދެމެދުގެ މީހުންނަށް މިފަދަ ބަލިތައް ޖެހެއެވެ. އަދި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް، ޚާއްޞަކޮށް ދަރިމައިވުމުގެ އުމުރުގައި މި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި މި ބަލިތަކުގެ އެންމެ ނުރައްކާތެރި ކަމަކީ ބަލި ފެށިގެން އަންނަ އިރު އެއްވެސް ނިޝާނެއް ނުފެނި ސިއްރުވެރިކޮށް ހުރުމެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވަރަށް މަޑުމަޑުން ކަމަށްވާތީ، ގިނަ ފަހަރަށް އެއީ މާބޮޑު ކަމެއް ނޫން ކަމަށް ބަލައި އަޅާނުލާ ދޫކޮށްލެވެއެވެ. ހުޅުތަކުގައި ދާއިމީކޮށް ރިއްސުން، ހެނދުނު ހޭލާއިރު 30 މިނެޓަށްވުރެ ގިނައިރު ހުޅުތައް ހަރުވެފައި ހުރުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ހުންއައުން، ލޯ ހިކުން، އިސްތަށި ފޭބުން، މަސްތައް ބަލިކަށިވުން އަދި ހަމުގެ ބަލިތައް ފެނުމަކީ ގިނަ މީހުން ސަމާލުކަން ނުދޭ ނަމަވެސް މި ބަލީގެ އިންޒާރުގެ ނިޝާންތަކެވެ.ފޯޓިސް ހޮސްޕިޓަލްގެ ރޫމަޓޮލޮޖީ ޑައިރެކްޓަރު ޑރ. ބިމްލޭޝް ދަރް ޕާންޑޭ ވިދާޅުވި ގޮތުގައި، އޮޓޯއިމިއުން ބަލިތައް މެދުވެރިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަންނަ އޮޅުމަކުން އަމިއްލަ ގުނަވަންތަކަށާއި ޓިޝޫތަކަށް ހަމަލާދޭން ފެށުމުންނެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި، ބަލި ދެނެގަތުން ލަސްވުމަކީ ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ސަބަބަކީ ބަލިމީހުންނަށް މި އަލާމާތްތަކަކީ އާންމު ސިއްހީ މައްސަލަތަކެއް ކަމަށް ހީކުރެވޭތީއެވެ.ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި މި ބަލިތައް ޖެހުމަށް މެދުވެރިވަނީ ވިރާސީ (ޖެނެޓިކް) ސަބަބުތަކާއި ތިމާވެށީގެ އެކި ކަންކަން ގުޅިގެންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުން، ތަޣައްޔަރުވެފައިވާ ވައި، މާބޮޑަށް ފަލަވުން، ނަފްސާނީ ބުރަބޮޑުވުން، ނިދި މަދުވުން، ބަލިތައް ޖެހުން އަދި ސިއްހަތަށް ނުރަނގަޅު ދިރިއުޅުމުގެ އާދަތަކަކީ ދިފާއީ ނިޒާމުގެ މަސައްކަތަށް ބުރޫއަރުވާ ކަންކަމެވެ. މީގެ އިތުރުން ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް މި ބަލި ޖެހޭކަން ފާހަގަކުރެވެއެވެ.ނުރައްކާތެރި ކަމަކީ އޮޓޯއިމިއުން އާތުރައިޓިސް އަކީ ހަމައެކަނި ހުޅުތަކަށް ހަމަލާދޭ ބައްޔަކަށް ނުވާތީއެވެ. މީގެ ސަބަބުން ފުއްޕާމޭ، ކިޑްނީ، ނާރުތައް، ލޭހޮޅިތައް، ހަންގަނޑު އަދި ނަފްސާނީ ދުޅަހެޔޮކަމަށްވެސް ނޭދެވޭ އަސަރު ފޯރައެވެ. މާހިރުން ވިދާޅުވާ ގޮތުގައި، މި ބައްޔަށް ފަރުވާ ނުދީ ދޫކޮށްލުމަކީ ހިތުގެ ބަލިތަކާއި، ކަށި ފީވުމާއި، މާޔޫސްވުން (ޑިޕްރެޝަން) އަދި އުމުރުގެ ފަހުކޮޅު ހިނގާބިނގާވެ އުޅުމަށް ދަތިވާ ފަދަ ސީރިއަސް މައްސަލަތަކަށް މަގުފަހިވާނެ ކަމެކެވެ.އުފާވެރި ޚަބަރަކީ، ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި މި ބަލިތަކަށްދޭ ފަރުވާތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމެވެ. ޒަމާނީ ބޭސްތަކާއި، ’ބަޔޮލޮޖިކް ތެރަޕީ’، ފިޒިއޮތެރަޕީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ އެހީގައި ގިނަ ބަލިމީހުން މިހާރު އަންނަނީ ހަރަކާތްތެރި، އުފެއްދުންތެރި ދިރިއުޅުމެއް އުޅެމުންނެވެ. އެހެންނަމަވެސް، ޑޮކްޓަރުން ބާރުއަޅުއްވަނީ ބަލި އަވަހަށް ދެނެގަތުމަށެވެ. ސަބަބަކީ ހުޅުތަކަށް ލިބޭ ބޮޑެތި ގެއްލުންތަކަކީ އަލުން ރަނގަޅު ނުކުރެވޭނެ ފަދަ ގެއްލުންތަކަށް ވެދާނެތީއެވެ.މާހިރުން އިރުޝާދު ދެއްވަނީ ދާއިމީކޮށް ވަރުބަލިވުމާއި ހުޅުތަކުގައި ރިއްސުމަކީ ”އާންމު“ ކަމެއް ކަމަށް ބަލައި އަޅާނުލާ ނުތިބުމަށެވެ. ބައެއް ފަހަރު، ހަށިގަނޑުގެ އެންމެ ބޮޑު ދުޝްމަނަކީ ހަށިގަނޑުގެ އެތެރޭގައި ފޮރުވިފައިވާ މިފަދަ ބައްޔަކަށް ވެދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް