ބީއެމްއެލް އިން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ 364 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

Loading

Facebook
Twitter
WhatsApp

ބީއެމްއެލް އިން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ އަޅާ 364 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.
މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއަޕަރަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އާއި އަމީން ކޮންސްޓްރަކްޝަންސްގެ ޗެއަރމަން ޢަބުދުﷲ މުޙައްމަދު، ބައިވެރިވެވަޑައިގެންނެވިއެވެ.


މި މަސައްކަތް ހަވާލުކޮށްފައިވާ އަމީން ކޮންސްޓްރަކްޝަން އަކީ ރާއްޖޭގައި ފުޅާދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މިހާރު އެޅުމަށް ނިންމާފައިވާ 3260 އަގުހެޔޮ ފްލެޓްގެ އިތުރުން އަނެއްކާ ވެސް 540 އަގުހެޔޮ ފްލެޓް އިމާރަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.
“ އަޅުގަނޑު އަނެއްކާވެސް ދޭން ބޭނުންވަނީ އުފާވެރި ޚަބަރެއް. ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް، ހައުސިންގ މިނިސްޓްރީން މިވަނީ މިދެންނެވި އުސޫލުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އަށް، އިތުރު ހައުސިންގ ޔުނިޓް އަށް ބިން ހަމަޖައްސަވައިދެއްވާފަ. މިގޮތުން އަޅުގަނޑުމެން މިވަނީ އިތުރު 540 ޔުނިޓް ގާއިމްކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ، ގާބިލު ދިވެހި ކުންފުންޏަކާ، ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުން. އެހެންކަމުން މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމްލަ 3800 ޔުނިޓް ތަރައްގީކުރެވިގެންދާނެ. އުއްމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓްގެ މަސައްކަތްތައްވެސް ފެށިގެން ދިޔުން. “ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިންގ ކުންފުނިން އިމާރާތްކުރާ ޔުނިޓްތަކަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް، މި ސްކީމްގައި ކަނޑައެޅިފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެކަމަށް އެ ބޭންކުން ވިދާޅުވާ ކަމަށާއި ކުރިއަށް އޮތްތާނގައި، އެހެން ބެންކުތަކުންވެސް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގައި ބައިވެރިވުމަކީ އުންމީދެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.
އަގުހެޔޮ ބޯހިޔާވަހިކަން ފަދަ ދާއިރާތަކަށް ބޭންކުން އިންވެސްޓްކުރުމަކީ އާމްދަނީ ލިބޭނެ އައު މަގުތައް ކޮށި، ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާއެކު މިފަދަ ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތްކުރުމަކީ ސްޓްރެޓީޖިކް ގޮތުން އިގްތިސާދަށާއި ބޭންކުގެ ކުރިމަގަށް ވެސް ނުހަނު މުހިއްމު ކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް