އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވައިދެއްވީ، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމްއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ހިތަދޫގައި މިފަދަ އޮފީހެއް ހުޅުވިގެންދިއުމަކީ މި ސަރަހައްދުގަ ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ.
”މި އޮފީސް ހުޅުވިގެން ދިއުމަކީ މި ސަރަހައްދުގަ ދިރިއުޅޭ ފަރާތްތަކަށް، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އަދި ދައުލަތުން އެހީ ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް. އެންސްޕާ އަދި އާސަންދައިގެ ޚިދުމަތްތަކަކީ ބޮޑަށް ޑިޖިޓަލައިޒް ކުރެވިފަވާ ޚިދުމަތްތަކަކަށްވިޔަސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މިފަދަ ބޮޑެތި ސިޓީތަކުގަ އަޅުގަނޑުމެންގެ އޮފީސްތައް، އަޅުގަނޑުމެންގެ މުވައްޒަފުން ހަރަކާތްތެރިވާންޖެހޭކަން“ ހީނާ ވިދާޅުވިއެވެ.
ދައުލަތުގެ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ސިއްޙީ ފަރުވާއާއި ގުޅިގެން ހޯދަންޖެހޭ އެކި ވަސީލަތްތައް ހޯދައިދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
![]()
