10 ރުފިޔާގެ ސްޓޮކް މަދުވުމާއި އަދި ބައުވެ ހަލާކުވާ ނޫޓުތައް އައުކުރުމަށް ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މިއަދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސްފިއެވެ.
އެމްއެމްއޭއިން ބުނީ އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އެ ނޫޓްތައް ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ އޮތޯރިޓީއިން ހާމަކުރިގޮތުގައި، 10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށް ވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10 ރުފިޔާގެ ނޫޓު ބޭނުންކުރާ މިންވަރު ގިނައެވެ.
މީގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރުވާ ކަމަށާއި މީގެ އިތުރުން ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް މިފަދަ ނޫޓު ބޭނުންނުކުރާތީވެ، މީ ބޭންކުތަކުންވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ރަންދިހަ ފަހެއް“ ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާ ނޫޓް ޗާޕްކުރި މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 05 ގެ ތާރީހުގައި، ކުރީގެ ގަވަރުނަރ އަޒީމާ އާދަމްގެ ސޮއާއެކުއެވެ. ދެ ވަނަ ފަހަރަށް ޗާޕްކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް 10 ވަނަ ދުވަހު، ކުރީގެ ގަވަރުނަރ އަހްމަދު ނަސީރުގެ ސޮއާއެކުއެވެ.
އެމްއެމްއޭއިން ހާމަކުރާގޮތުގައި މިހާރު ބޭނުންކުރަމުންދާ ނޫޓް ސީރީޒް ބޭނުންކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ބާނޫޓުގެ ގޮތުގައި 10 ރުފިޔާ ލިބޭ މިންވަރުވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި 31 ގެ ތާރީޚެވެ. އަދި، 10 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ.
ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިނެރޭ 10 ރުފިޔާގެ ނޫޓާއި އެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.
ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި ބާނޫޓް ބަދަލުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އާ ނޫޓް ދައުރުކުރުމަށް ނެރޭ ކަމަށާއި މީ އިގްތިޞާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ނޫޓު ފޯރުކޮށްދިނުމަށާ ދައުރުވާ ނޫޓަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގަ ހުރި ނޫޓުތަކަށް ހެދުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
![]()
