ބީއެމްއެލްގެ ބޮޑު ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް އެކެއްގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން 182 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.
މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއަޕަރަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އާއި އެފް ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އިބްރާހިމް ވަހީދު، ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަން އަކީ ރާއްޖޭގައި ފުޅާދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު ވިދާޅުވީ ”ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ’އެންމެންނަށް ބޯހިޔާވަހިކަން‘ ސިޔާސަތަށް މިދަނީ ހަލުވި މިނެއްގައި އަމަލީ ސިފަ އަންނަމުން. ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން. އޭގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު.“
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ޚިދުމަތްދޭ ބޭންކަށްވާއިރު، މިފަދަ މަޝްރޫޢެއްގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުން ވެސް އުފުލަންޖެހިފައިވާ ދަތިތަކަށް ޙައްލު ލިބުން، ވެގެންދާނީ، އެރައްޔިތުންނަށް ލިބޭ ތަނަވަސްކަމެއް ކަމަށާއި އަދި ބީއެމްއެލްއަށް ވެސް އޭގެ ސަބަބުން ފައިދާވާނެ ކަމަށެވެ.
އަދި މިފަދަ މަޝްރޫޢުތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދީ ދުވެލި ހަލުވިވެ، އިމާރާތްކުރުމުގެ ދާއިރާއަށް އާ ދިރުމެއް ލިބި، އެތައް އާއިލާއަކަށް އަތްފޯރާ ފަށުގައި އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެ، އަދި މުޖުތަމަޢަށް އެކިގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ
އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.
![]()
