އިސްލާމީ ތާރީހުގެ އެންމެ ހިތާމަވެރި ސަފްހާގެތެރެއިން

Loading

Facebook
Twitter
WhatsApp

ކިއުންޔެރިންނަށް މި ބަރަކާތްތެރި ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުގައި މި ގެނެސްދެނީ ސުރުޚީއާ ގުޅޭގޮތުން ޕާކިސްތާނުގެ އިލްމުވެރި މައުލާނާ ތާރިގް ޖަމީލް ދެއްވާފައިވާ ދަރުސެއްގެ އުސް އަލިތަކެވެ. އެ ބޭފުޅާގެ ޢިލްމުވެރި ބަސްމޮށުންތެރި ކަމާއި މައުޟޫއަށް އިންސާފު ކުރައްވާފައިވާ ފުރިހަމަކަން އަޅުގަނޑުމެންގެ ލިއުމުގައި ނުހުންނާނެކަން ގަބޫލުކުރަމެވެ. އެހެންނަމަވެސް މައުޟޫގެ އިމުގެތެރޭގައި މި ލިއުން އެކުލަވާލަން ގަދައަޅާ މަސައްކަތް ކުރެވިފައިވާނެއެވެ.


ދުޢާއަކީ މި ލިއުމުގެ ވަސީލަތުންވެސް ކިއުންތެރިންނަށް ހެޔޮމަގު އިޚްތިޔާރު ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދިއުމެވެ.
ލިއުމުގައި މައުޟޫއަށް އެކަށީގެންނުވާ ބަހެއް ލިއެވިފައިވާނަމަ އެކަން ރަނގަޅު ކޮށްދެއްވައި ކޮމެންޓް ގޮޅީގައި އަޅުގަނޑުމެންނަށް އަންގަވައި ދެއްވުން މި ލިއުން ކިއުއްވާ އިލްމުވެރިންގެ އަރިހުން ވަރަށްބޮޑަށް އެދެމެވެ.
މިއުންމަތުގެ މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވީ އުމުރުފުޅުން 52 އަހަރު ފުޅުގައެވެ. މަދީނާގައި 10 އަހަރު ދިރިއުޅުއްވިއެވެ. ހިޖުރީ ގޮތުން 11 ވަނަ އަހަރު ހައްޖަށް ވަޑައިގެންނެވިއެވެ. ނަސްރު ސޫރަތް ބާވައިލެއްވުނީ އެއަހަރު ހައްޖުމަހުގެ 11 ވަނަ ދުވަހުއެވެ. މިސޫރަތް ބާވައިލެއްވުމުން އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަ ވެއްޖެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންނެވި ކަމަށްވެއެވެ.
ސަފަރުމަހު 29 ވަނަދުވަހު އަސްރު ނަމާދަށްފަހު ޖަނާޒާއެއް އޮތެވެ. އެ ޖަނާޒާއަށްފަހު މައްޔިތާ ވަޅުލުމަށްޓަކައި މާތް ނަބިއްޔާ ޖަންނަތުން ބަގީއަށް ވަޑައިގެންނެވިއެވެ. އެ ޖަނާޒާއިން އެނބުރި ގަނޑުވަރަށް ވަޑައިގަންނަވަން ފެއްޓެވުމާއެކު ބޮލުގައި ރިހުމެއް އިޙްސާސްކުރެއްވެން ފެއްޓެވިއެވެ. އެ ރިހުން ދިޔައީ ގަދަވަމުންނެވެ.
އެ ދުވަހަކީ އައިޝާގެ ފާނުގެ ގަނޑުވަރަށް ޚާއްސަ ކުރެވިފައިވާ ދުވަހެވެ. ގަނޑުވަރަށް ވަޑައިގެންނެވި އިރު ބޮލުގެ ރިހުން ގަދަވުމުގެ އިތުރުން ވަރަށް ގަދަޔަށް ހުންފުޅުވެސް އަތުވެއްޖެއެވެ. ޖެހިގެން އައި 14 ދުވަހު އެމާތް ނަބިއްޔާގެ ޙާލުކޮޅު އައީ ގޯސްވަމުންނެވެ. އޭރު އެ މާތް ނަބިއްޔާގެ 9 އަނބިކަނބަލުން ދިރި ދުނިޔޭގައި ތިއްބެވިއެވެ.
ކޮންމެ ދުވަހަކު އަނބިކަނބަލެއްގެ ގަނޑުވަރުގައި ދިރި އުޅުއްވަމުން ގެންދެވުމާއެކު މާދަމާ ކޮން އަނބިކަނބަލެއްގެ ގަނޑުވަރުގައިތޯ އައްސަވަމުން ގެންދެވިއެވެ. މައިމޫނާ، ހަފްސާ އަދި އުންމު ސަލަމަ މިގޮތަށް ހަނދުމަފުޅުކޮށް އަރުވަމުން ގެންދެވިއެވެ. އެކަން ރަނގަޅަށް އެނގިވަޑައިގެން ހުންނެވުމާ އެކުގައިވެސް މިއީ އާލާސްކަންފުޅުގެ ސަބަބުން އައިޝާގެ ފާނުގެ ގަނޑުވަރުގައި ހުންނެވުމުގެ އެދުންފުޅު އޮތްކަން ދޭހަވާ ރަމްޒެއްކަމަށް އެ ކަނބަލުންނަށް އެނގި ވަޑައިގެންފިއެވެ.
މައިމޫނާގެ ގަނޑުވަރަށް ޚާއްސަ ކުރެވިފައިވާ ދުވަހު އެ ގަނޑުވަރަށް ވަޑައިގަތުމުން ދެންތިއްބެވި 7 އަނބިކަނބަލުން އެ ގަނޑުވަރަށް ވަޑައިގެން ކަލޭގެފާނުގެ އާލާސްކަންފުޅު ރަނގަޅުވަންދެން އައިޝާގެފާނުގެ ގަނޑުވަރުގައި ހުންނެވުމަށް ދެނެވިއެވެ. މާތް ﷲ ކަލޭގެފާނަށް ޝިފާ ދެއްވުމުން ތިމަން ބޭކަނބަލުންގެ އަރިހަށް ތަރުތީބުން ވަޑައިގަންނަވާނީއެވެ.
އެ މާތް ނަބިއްޔާ އެ ކަނބަލުންނަށް ޝުކުރު އަދާކުރެއްވުމަށްފަހު އަލީގެފާނާއި އައްބާސްގެފާނުގެ ކޮނޑުފުނޅުގައި ދެ އަތްޕުޅުބާއަވަވައި ސަހާރާ ލިބިވަޑައިގަތުމާއެކު އާލާސްކަންފުޅުގެ ސަބަބުން ނުހިންގެވޭތީ ދެ ފައިންޕުޅު ބިމުގައި ދަމަމުންކަހަލަ ގޮތަކަށް އައިޝާގެ ފާނުގެ ގަނޑުވަރަށް ވަޑައިގަތީއެވެ. އެއީ ހޯމަ ދުވަހެކެވެ. ޖެހިގެން އައި ހޯމަދުވަހު އެ މާތް ނަބިއްޔާ ސުވަރުގެ ވަޑައިގެންފިއެވެ. އެކަލލޭގެފާނު ދުނިޔޭގައި ހުންނެވި އެންމެފަހު ހަފުތާ ހޭދަކުރައްވާފައިވަނީ އައިޝާގެފާނުގެ ގަނޑުވަރުގައެވެ.
އެ މާތް ނަބިއްޔާ ދެކެ ވަޑައިތުމަށް އަސްޙާބު ބޭކަލުން ވަޑައިގަންނަވަމުން ގެންދެވިއެވެ. އަދި އެ މާތަ ނަބިއްޔާގެ އާލާސްކަންފުޅާ މެދު ކީރިތި ކުރައްވައި ހައްދަވަމުން ގެންދެވުމާއެކު އަވަސް ޝީފާއަކަށް ދުޢާ ކުރައްވަމުން ގެންދެވިއެވެ.
މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތުމަށް 5 ދުވަހަށް ވެފައިވަނިކޮށް 7 ބަނޑިޔާގެ ފެނުން ތިމަންކަލޭގެފާނު ނާނާފުޅު ފިއްލަވާ ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އައިޝާގެ ފާނުގެ ގަނޑުވަރުގައި ނާނާފުޅު ފިއްލަވަން އިށީންދެވޭ ވަރުގެ އެއްޗެއް (މިހާރުގެ ބަހުރުވައިން ބުނާނަމަ ބާތުޓަބެއް) ނެތެތުމާއެކު އެ ފަދަ އެއްޗެއް ގެނައީ ހަފުސާގެ ގަނޑުވަރުންނެވެ.
އެ ބާތުޓަބުގައި އިށީންނެވުމަށްފަހު 7 ބަނޑިޔާގެ ފެން މަޑުމަޑުން އެކަލޭގެފާނުގެ ހަށިކޮޅަށް އަޅުއްވައި ނާނާފުޅު ފިއްލެވުމުން ކޮންމެވެސް ވަރަކަށް ހުންފުޅު މައިތިރި ވި ކަމަށް ވެއެވެ. އޭރުވެސް ބޮލުގައި ރިއްސެވުން ގަދަކަމުން އިސްތަށިފުޅުގައި ހުރީރަތްކުލައިގެ ފޮތިގަނޑެއް ބަންނަވާފައެވެ. ދެން ޢަލީގެފާނާއި ފަޒުލް ބިން އައްބާސްގެފާނު ގެންނަވައި އެ 2 ބޭފުޅުންގެ ކޮނޑުފުޅުން ސަހާރާ ލިބިވަޑައިގަންނަވަމުން މިސްކިތަށް ވެދެވަޑައިގެންނެވިއެވެ.
މިސްކިތަށް ވަޑައިގެން މެމްބަރުގައި އިށީންދެ ވަޑައިގަތުމަށްފަހު މީސްތަކުންނާއި މުޚާތަބު ކުރައްވައި ޙަދީސްފުޅު ކުރެއްވިއެވެ. އެއްވެސް މީހެއްގެ ޙައްގަކަށް މުދަލަކަށް ނުވަތަ އެހެންވެސް ކަމަކަށް އެއްވެސް ގޮތަކުން ތިމަންކަލޭގެފާނުގެ މައްޗަށް ޝިކާޔަތެއް އޮތްނަމަ ތިމަންކަލޭގެފާނު މިހުންނެވީ ހާޒިރުވެއެވެ. އެކަމެއްގެ ބަދަލު ތިމަންކަލޭގެފާނުގެ ކިބައިން ހިއްޕަވާށެވެ. ގިޔާމަތްދުވަހުން އެއްވެސް މީހެއްގެ ޝިކާޔަތަށް ޖަވާބުދިނުމުގެ ކުޅަދާނަކަން ތިމަންކަލޭގެފާނަށް ލިބިވަޑައި ނުގަންނަވާނެއެވެ.
އެ މާތްނަބިއްޔާ ޝަފާއަތަށް މުޅި އިންސާނިއްޔަތު ބޭނުންވެފައިވާއިރު އެ ކަލޭގެފާނުގެ ފަރާތްފުޅުން އެއްވެސް އިންސާނަކަށް ގޯނާއެއް އަނިޔާއެއް ލިބިފައިވާ ނަމަ އަދި އެއްވެސް އިންސާނެއްގެ ހައްގަށް އެކަލޭގެފާނުގެ ސަބަބުން އުނިކަމެއް އައިސްފައި ވާނަމަ އެކަމެއްގެ ބަދަލު ހިއްޕެވުމަށް އެދި ކީރިތިފުޅު ކުރައްވައި އާދޭސް ކުރައްވަމުން ގެންދެވުމާއި ގިޔާމަތްދުވަހުން ތިމަންކަލޭފާނުގެ ކިބައިން އެފަދަ ކަމެއްގެ ބަދަލު ދިނުމުގެ ކުޅަދާނަކަން ލިބިވަޑައިގެންފައި ނުވާނެ ކަމަށް ހަދީސްކުރައްވަމުން ގެންދެވުމަކީ މިއަދު އަޅުގަނޑުމެން ވިސްނާ ފިކުރުކުރަން ޖެހޭ ކަމެކެވެ. މާތް ނަބިއްޔާގެ މި ބަސްފުޅުތަކުން އަސްހާބު ބޭކަލުން ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަދި ހަމަ އެއްވެސް ބޭކަލަކުގެ ޝިކާޔަތެއް އޮތްކަމަށް ވިދާޅެއް ނުވިއެވެ. އެކަލޭގެފާނުގެ މި ބަސްފުޅުތައް ތަކުރާރު ކުރައްވަމުން ގެންދެވިއެވެ.
މެންދުރު ނަމާދަށްފަހު އަނެއްކާ މެމްބަރަށް އަރާވަޑައިގެން ހަމަ އެ ސުވާލު ތަކުރާރުކުރައްވައި ގިޔާމަތްދުވަހުން ބަދަލުދިނުން ތިމަންކަލޭގެފާނަށް ބަރުދާޝްތު ކުރެވޭވަރަށްވުރެން މާ ބުރަވާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. އެހާތަނުން އަސްހާބު ބޭކަލަކު ތެދުވެ ވަޑައިގެން ތިމަން ކަލޭފާނަށް 3 ދީނާރު ދެއްވަންޖެހިފައިވާކަން ހާމަކުރެއްވިއެވެ.
އެ ހިނދު ހަދީސްފުޅު ކުރެއްވިއެވެ. ދޭންޖެހޭނެއެވެ. އެކަމަކު ތިމަން ކަލޭގެފާނު ހަނދުމަފުޅެއް ނެތެވެ. ދެން އެ އަސްހާބު ބޭކަލަކު ދެންނެވިއެވެ. ކަލޭގެފާނު އަރިހަށް ސަލާންޖަހާމީހަކު އައުމުން ދޭނެއއެއްޗެއް އަތްޕުޅުގައި ނެތް ދުވަހަކު ތިމަންކަލޭގެފާނުގެ އަތްޕުޅުގައި އޭނާއަށް ދެވިދާނެ އެއްޗެއް އޮތްތޯ ސުވާލު ކުރެއްވުމުން އަތުގައިއޮތް 3 ދީނާރު އޭނާއަށް ދިނީމުއެވެ. ދެން ހަދީސްކުރެއްވިއެވެ. ހަނދާން ވެއްޖެއެވެ.
މާތް ނަބިއްޔާގެ ގަނޑުވަރުގައި ވޮށްދިއްލޭ ފަދައެއްވެސް ނެތެވެ. އެ ހިނދު ކުރިފުޅުމަތިން ފަޒްލް އިބުނު އައްބާސް ދެކެވަޑައިގެން ތިމަންކަލޭގެފާނުގެ ދަރަނީގެ މަސްއޫލިއްޔަތު އުފުލާ ދެވިދާނެތޯ ސުވާލު ކުރެއްވިއެވެ. އެކަލޭގެފާނު އެއްބަސްވެ ވަޑައިގެންނެވިއެވެ.
ދެކިބަލާށެވެ! މުޅި ކާއިނާތު ޒީނަތްތެރި ކުރެވިފައިވަނީ އެކަލޭގެފާނަށް ޓަކައެވެ. ސުވަރުގޭގެ ތަޅުދަނޑިތައް އެކަލޭގެފާނު ލިބިވަޑައިގަންނަވާނެ އެވެ. އެކަމަކު އެންމެ ފަހު ވަގުތު 3 ދީނާރުގެ ދަރަނި އަދާކުރެވޭނެ ފަދައެއްވެސް މިލްކުގައި ނެތެވެ.
އެއަށްފަހު އެކަލޭގެފާނު ގެއަށް ވަޑައިގެންނެވިއެވެ. އެކަމަކު ނަމާދަށް މިސްކިތަށް ވަޑައިގަންނަވަމުން ގެންދެވިއެވެ.
ބުރާސްފަތި ދުވަހުގެރޭ އިޝާ ނަމާދަށް ތެދުވެ ވަޑައިނުގަނެވުނެވެ. ވަރުނެތުމުގެ ސަބަބުން ވެއްޓި ވަޑައިގަތީއެވެ. ދެވަނަ އަދި ތިންވަނަފަހަރު މަސައްކަތް ކުރެއްވުމުންވެސް ތެދުވެ ވަޑައި ނުގެންނެވުމުން އަބޫ ބަކުރުގެފާނުގެ އިމާމުކަމުގައި ނަމާދުކުރަން އެންގެވިއެވެ. އަބޫބަކުރުގެ ފާނު ހުންނެވީ ތަންކޮޅެއްފަހަތުގައެވެ. ކުރީގައި ހުންނެވީ އުމަރުގެ ފާނެވެ. އަސްހާބުބޭކަލުން ދެކިވަޑައިގަތީ ކޮންމެ ބޭކަލަކު އިމާމުވެ ނަމާދު ކުރެއްވުމުންވެސް ފުދިދާނެ ކަމަށެވެ. އަދި އުމަރުގެފާނު އިމާމަކަށް ވުމަށް ދެންނެވުނެވެ.
އުމަރުގެފާނުގެ އިމާމުކަމުގައި ﷲ އަކްބަރް ވިދާޅުވި އަޑު އިވިވަޑައިގަތުމާއެކު އަޑުގެކޮޅަށް ހާދީސްކުރެއްވިއެވެ. އުމަރުގެފާނު ފަހަތަށް ޖެހިވަޑައިން އަބޫބަކުރުގެފާނު އިމާމު ކަމުގައި ނަމާދު ކުރާށެވެ. މާތް ﷲ ގެ އަމުރުފުޅަކީ ތިމަންކަލޭގެފާނުގެ މުސައްލަމަތީގައި އަބޫބަކުރުގެފާނު ފިޔަވައި އެހެން ބޭކަލަކަށް ފުރުސަތެއް ނެތެވެ.
ބުރާސްފަތި ދުވަހުގެ އިޝާ ނަމާދަށްފަހު ހުކުރު ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ފަނަރަ ނަމާދައި ހޯމަދުވަހުގެ ފަތިސް ނަމާދު ޖުމުލަ 17 ނަމާދުގައި މާތް ނަބިއްޔާގެ ހާޒިރުގައި އިމާމަކު ކަމުގައި ހުންނެވީ އަބޫ ބަކުރުގެ ފާނެވެ.
ހޯމަ ދުވަހުގެ މެންދުރު އަދި އަސްރު ނަމާދަށް ވަޑައިގަތުމަށްޓަކައި އަލީގެފާނާއި ފަޒްލްގެ ކޮނޑުގައި އަތްޕުޅު އަޅުއްވައިގެން ސަހާރާ ލިބިވަޑައިގަތުމާއެކު މިސްކިތަށް ވެދެވަޑައިގަތެވެ. އޭރު އަބޫބަކުރުގެފާނު ހުންނެވީ ނަމާދުކުރައްވާށެވެ. އެ ހިނދު މާތް ނަބިއްޔާ މިސްކިތަށް ވެދެވަޑައިންނެވިކަން އިޙްސާސަ ކުރެއްވެވުމާއެކު އަބޫބަކުރުގެ ފާނު މަޑުމަޑުން އެއް ފަރާތަކަށް ޖެހިވަޑައިތެވެ.
އެތަން ފެނިވަޑައިގަތުމާއެކު އަތްޕުޅުގެ އިޝާރާތުން މުސައްލަމަތީގައި ހުންނަވައި ނަމާދުކުރިއަށް ގެންދެވުމަށް މާތްނަބިއްޔާ އިޝާރާތުން އެންގެވިއެވެ. އަދި އަބޫބަކުރުގެފާނުގެ ވާތްފަރާތުން އަރިހުގައި އިށީންދެ ވަޑައިގެން އިންނަވައި އެކަލޭގެފާނުގެ އިމާމްކަމުގައި މެންދުރު ނުވަތަ އަސްރު ނަމާދުގެ 4 ރަކްއަތް ފުރިހަމަ ކުރެއްވިއެވެ. މިއީ މާތްނަބިއްޔާ މިސްކިތުގައި އެކަލޭގެފާނުގެ އުންމަތާއެކު ކުރެއްވި އެންމެ ފަހު ނަމާދެވެ.
ނުނިމޭ……

Loading

Leave a Reply

ފަހުގެ އަޕްޑޭޓް