ދުނިޔޭގައި ކުރެވޭ މާލީ މުއާމަލާތުތަކުގައި އެމެރިކާ ޑޮލަރުގެ ބޭނުން އެއްފަރާތްކުރަން ބްރިކްސްގައި ހިމެނޭ ގައުމުތަކުން ކުރަމުންގެންދާ މަސައްކަތަކީ މި ވަގުތަށް ތަންކޮޅެއް ދުރު ހުވަފެނެކޭ ބުނެވިދާނެއެވެ.
އެހެންނަމަވެސް އެމެރިކާގެ ސްވިފްޓްގެ ބަދަލުގައި އެ ޖަމާއަތުން ތަޢާރުފް ކުރަން ގަސްދުކުރާ ޑިޖިޓަލް ފައިސާގެ ނިޒާމް އޮތީ އަތުޖެހޭ ހިސާބު ކައިރީގައެވެ.
މިއަހަރު ފަހުކޮޅު ބްރިކްސް ޖަމާއަތުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުން އިންޑިއާގައި ބޭއްވުމުގެ އިންތިޒާމްތައް ކުރެވެމުންދާއިރު އެޖެންޑާގައި އެންމެ އިސް ކަމެއްގެ ގޮތުގައި ފޯކަސް ކުރެވޭނެކަމަށް ބެލެވެނީ އެ ޖަމާއަތުން ކުރެވޭ ފައިސާގެ މުއާމަލާތުތައް އެ ޖަމާއަތުގައި ހިމެނޭ ގައުމުތަކުގެ ފައިސާއަށް ލިންކު ކުރުމެވެ. ބްރިކްސް ޖަމާއަތުގެ އާންމު ފައިސާއެއް ތައާރުފް ކުރުމުގެ ކުރިން މި ބާވަތުގެ އިންތިޒާމެއް ހަމަޖެހިގެން ހިނގައްޖެނަމަ ދުނިޔޭނެ މާލީ ނިޒާމް މުޅިން ބަދަލުކޮށްލުމުގެ ފެށުމަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. އަދި އެކަން ވެގެންދާނީ ވަރަށް ފާހަގަކުރެވޭ ނިންމުމަކަށެވެ.
އެމެރިކާ ޑޮލަރގެ ބޭނުން އެއްފަރާތްކުރުމުގެ ބޭނުމުގައި ބްރިކްސް ޖަމާއަތުގެ ފައިސާއެއް ތަޢާރުފް ކުރުމުގެ ބަދަލުގައި އެ ގައުމުތަކުގެ މެދުގައި ބޭނުންކުރަން ޑިޖިޓަލް ފައިސާގެ ނިޒާމެއް ގާއިމްކުރުމުގެ ވާހަކައަށް ދުނިޔޭގެ މާބޮޑު ސަމާލުކަމެއް ދެމުން ގެންދާކަމަކަށް ނުފެނެއެވެ. އެ ކަމުގައި ޑޮލަރ ބޭނުންކުރުމަށް ހުރަސް އެޅޭކަމަށް ގައުމުތަކުން ނުދެކޭތީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު ހަގީގަތަކީ މިހާތަނަށް ރަސްކަންކުރަމުންގެންދާ އެމެރިކާ ޑޮލަރުގެ ބަދަލުގައި ފައިހަމަކުރާނެ އެހެން ނިޒާމެއް ތަޢާރުފް ވެގެން ދިއުމަކީ އެމެރިކާ ޑޮލަރަށް ދުނިޔޭގެ މާލީ ނިޒާމް މޮނޮޕޮލީ ގެއްލިގެން ދިއުމެވެ.
ބްރިކްސްގެ މާލީ އެއްބައިވަންތަކަމުގައި ދުނިޔޭގެ ގައުމުތަކަށް އޮޅުން އަރާފައިވާ ނުވަތަ ސާފުނުކުރެވޭ ހަގީގަތެއް ވެއެވެ. މީގެކުރިން ބްރިކްސް ގައުމުތަކުން އާންމު ފައިސާއެއް ތައާރުފް ކުރުމުގެ މަޝްވަރާތަކެއް ކުރެވުނު ކަމުގައިވިޔަސް އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ އިގްތިސާދުގައި ބޮޑެތި ތަފާތުތަކެއް ހުރުމުގެ ސަބަބުން މިހާރު އެ މަޝްވަރާތައް އޮތީ މާބޮޑު އަހަންމިއްޔަތެއް ނުދޭކަމަކަށްވެފައެވެ. އަދި އެއިން އެއްވެސް ގައުމެއްގެ ފައިސާ އެއްފަރާތްކޮށް އެ ޖަމާއަތުގެ އާންމު ފައިސާއެއް ބޭނުން ކުރަން ފެށުމުގެ ވިސްނުމެއްވެސް މިހާރަކު ނުގެންގުޅެއެވެ. އެ ޖަމާއަތުން މިހާރު ރާވަމުންގެންދަނީ އިންޑިއާގެ ޑިޖިޓަލް ރުޕީސް އާއި ޗައިނާގެ ޑިޖިޓަލް ޔުއާން އަދި ރަޝިޔާގެ ޑިޖިޓަލް ރޫބެލް ގައުމުތަކުގެ މެދުގައި ކުރެވޭ މާލީ މުއާމަލާތުތަކުގައި ލިންކް ކުރުމަށެވެ. އަދި ކޮންމެ ގައުމެއްގެ ފައިސާވެސް ކްރޮސްބޯރޑަރ ވިޔަފާރީގައި ބޭނުން ކުރެވުމުގެ ފުރުސަތު ހުޅުވިފައި އޮތުމާއެކު އަދި ކޮންމެ ގައުމެއްގެ ފައިސާއަކީވެސް އެ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލްގެތެރޭގައި ހިމެނޭ އަސާސެއްކަމުގައި ދެމެހެއްޓުމެވެ.
![]()
