ކައިވެނިކޮށްގެންއުޅޭ ޗައިނާއަށް ނިސަބަތްވާ މީހުންނަށް، އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަކީ ގެވެށިއަނިޔާއާއިގުޅޭ ރިކޯޑެއް އޮންނަ މީހެއްތޯ ޑާޓާބޭސްއަކުން ވަރަށް އަވަހަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ރިޕޯޓްތައް ބުނާގޮތުން، ކޮވިޑް-19ގެ ސަބަބުން ފުރަބަންދު ވުމާއެކު، ގެވެށި ްއަނިޔާގެ ހާދިސާތައް ރިޕޯޓުކުރި ޢަދަދު މާބޮޑަށް މަތިވުމާއި ގުޅިގެން، އިރުމަތީ ޗައިނާގައި އޮންނަ ޔިވޫ ނަމަކަށްކިޔާ ސިޓީއަކުންވަނީ މިފަދަ މައުލޫމާތު ލިބޭނެ ޑާޓާބޭސްއެއް އުފެއްދުމުގެ ހުވަފެން ދެކެން ފަށާފައެވެ.
ދި ގާޑިއަން ނޫހުން ރިޕޯޓުކުރި ގޮތުގައި، މި ޕްރޮގްރާމުގެ އަޖުމަބެލުމަށް ޖުލައި 1 ގައި ފަށާނެއެވެ. އެ ޑާޓާބޭސް އަށް ވަނުމުގެ ހުއްދަދެވޭނީ ހަމައެކަނި ޔިވޫގެ ރައްޔިތުންނަށެވެ. މި ޑޭޓާބޭސްގައި 2017 އިންފެށިގެން ޖަލުގައި ހުކުމް ތަންފީޒުކުރި މީހުންނާއި، ކުށްސާބިތުވެފައިވާ މީހުންނާއި، ވަކިމީހަކާ ގާތްނުވުމަށް އަމުރުކޮށްފައިވާ ކުށްވެރިންގެ މަޢުލޫމާތު ހިމެނޭެއެވެ.
ޗައިނާގެ އާ ވެބްސައިޓެއްކަމަށްވާ ދި ޕޭޕަރ ގައި ބުނެފައިވާ ގޮތުން، މި ނިޒާމް ބޭނުންކުރުމަށްޓަކައި މީހުން ހަމައެކަނި ހުށަހަޅަންޖެހޭނީ ކައިވެނިކުރަން އުޅޭމީހާގެ ކާކުކަން އަންގައިދޭ ކޮންމެވެސް ލިޔުމަކާއި އެމީހާގެ ބައެއް މައުލޫމާތެވެ. ކޮންމެ މީހަކަށްވެސް މައުލޫމާތު ހޯދަން އަހަރަކު އެންމެގިނައިން އެދެވޭނީނީ ދެފަހަރަށެވެ.
ޔިވޫގެ އަންހެނުންގެ ފެޑެރޭޝަންގެ މެންބަރު ޒޫ ދަންޔިންގ ދި ޕޭޕަރ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ޑޭޓާބޭސް ބޭނުންޖެހިފައިވާ ކަމަށެވެ. ”މުޖުތަމައުގައި ގެވެށި އަނިޔާއަށް ދެވޭ ސަމާލުކަން ދުވަހުން ދުވަހަށް މައްޗަށް މިދަނީ. އަދި ގެވެށި އަނިޔާ ތަހައްމަލު ކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަށަށް އެބަދޭ“. ދަންޔިންގ އުއްމީދު ކުރައްވާގޮތުގައި މި ޑޭޓާބޭސްގެ ސަބަބުން “ އިންޒާރު ދިނުން ހުއްޓި، ގެވެށިއަނިޔާ މަދުކުރެވި“، ގޯނާކުރުމުގެ މިންވަރު ދަށަށްދާނެއެވެ.