މިއަދަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް: އައު ފަރުވާއެއް ހޯދެނީތަ؟

Loading

Facebook
Twitter
WhatsApp

ހަކުރުބައްޔާއި އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަލައަށް ދާދި ފަހުން ތަޢާރަފުކުރި، ކޮންމެ ދުވަހަކު ކާންޖެހޭ ގުޅަ ބޭހެއްގެ ސަބަބުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ފަރުވާގެ އަގު ހެޔޮވެ، ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށާއި، މީގެ ސަބަބުން އެތައް މިލިއަން ބަލިމީހުންނަކަށް ފައިދާ ކުރާނެ ކަމަށް އަލްޖަޒީރާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

”ޖީ.އެލް.ޕީ-1 ރިސެޕްޓަރ އެގޮނިސްޓްސް“ ގެ ނަމުން މަޝްހޫރު މި ބޭސްތައް މީގެ ކުރިން ޢާންމުކޮށް ލިބެން ހުންނަނީ ހަފުތާއަކު އެއްފަހަރު ޖަހާ އިންޖެކްޝަނެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި މަޤްބޫލު ބޭސްތައް ކަމަށްވާ އޮޒެމްޕިކް އަދި މައުންޖާރޯ ހިމެނެއެވެ. އެހެންނަމަވެސް، މިހާރު މި ބޭހުގެ ބަދަލުގައި އަނގައިން ކާ، އާ ވައްތަރުތަކުގެ ބޭސްތައް އަންނަނީ ތަޢާރަފުވަމުންނެވެ.

މި ކުރިއެރުމަކީ ހަކުރުބަލީގެ ނިސްބަތް މަތި، އަދި އަގުބޮޑު ފަރުވާތަކާއި ޞިއްޙީ ވަސީލަތްތައް މަދުވުމުގެ ސަބަބުން ފަރުވާ ހޯދަން ދަތިވެފައިވާ ޤައުމުތަކަށް ވަރަށް މުހިންމު ކަމެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ނިސްބަތުން 20 އަހަރާއި 79 އަހަރާ ދެމެދުގެ ކޮންމެ ނުވަ މީހަކުން އެކަކީ ހަކުރުބަލި ހުންނަ މީހެކެވެ. ދުނިޔޭގައި ހަކުރުބަލީގެ ނިސްބަތް އެންމެ މަތީ ޕާކިސްތާނުގައެވެ. އެއީ 31.4 އިންސައްތައެވެ. ދެވަނައިގައި 25.7 އިންސައްތައާއެކު މާޝަލް އައިލެންޑްސް އުޅޭއިރު، ތިންވަނައިގައި 25.6 އިންސައްތައާއެކު އުޅެނީ ކުވައިތެވެ.

އަނގައިން ކާ ގުޅަ ބޭސްތައް ކަމަށްވާ، ޖީ.އެލް.ޕީ ބޭސްތަކުގެ ސަބަބުން ޚަރަދު ކުޑަވެ، ފިނިކޮށްފައި ބަހައްޓަންޖެހޭ ޖެހުން ނިމުމަކަށް އައިސް، އެކަހެރި ސަރަޙައްދުތަކަށް ބޭސް ފޯރުކޮށްދިނުން ފަސޭހަވެގެންދާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެ ޤައުމުތަކުގައި އަމިއްލައަށް އުފައްދާ “ސެމަގްލޫޓައިޑް“ގެ 30 ދުވަހުގެ ޑޯޒެއް ލިބެން ހުންނަނީ ގާތްގަނޑަކަށް 18 ޑޮލަރަށެވެ.

މި ބޭސްތަކަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް، ކާހިތްވުން ކުޑަކޮށްދިނުމުގެ އިތުރުން، ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދޭ ބޭސްތަކެކެވެ.

ނަމަވެސް، އިންޖެކްޝަނެކޭ އެއްފަދައިން އަނގައިން ކާ ބޭހުންވެސް މެދުކެނޑުމެއްނެތި އެދެވޭ ނަތީޖާއެއް ލިބޭތޯ ކަށަވަރުކުރުމަށްޓަކައި އިތުރު ދިރާސާތައް ބޭނުންވާ ކަމަށް މާހިރުން ވިދާޅުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް