ވެނެޒޫލާގެ ރައީސް ނިކޯލަސް މަޖޫރޯ ހައްޔަރު ކުރެވިދާނެ މައުލޫމާތު ފޯރުކޮށްދިންމީހަކަށް 50 މިލިއަން ޑޮލަރުގެ ރިޝްވަތެއް އެމެރިކާ ސަރުކާރުން ހުށައަޅައިފިކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ.
މިއީ އެމެރިކާގެ ތާރީޚުގައި ގައުމެއްގެ ރައީސަކު ނުވަތަ އެމެރިކާއިން ކޮންމެހެން ހައްޔަރުކުރަން ބޭނުންވާ މީހަކަށް ހުށައަޅާފައިވާ އެންމެ މަތީ ރިޝްވަތު ކަމުގައިވެސް ބުނެފައިވެއެވެ. މި ބޮޑު ރިޝްވަތުގެ ސަބަބުން ރައީސް ޓްރަމްޕް އާއި ރައީސް މަޖޫރޯގެ ދުޝްމަނީ ވަރަށް ރަނގަޅށް ހާމަވެގެން ހިނގައްޖެއެވެ.
މީގެކުރިން އެ މަނިކުފާނު ހައްޔަރުކުރުމަށް އެހީ ފޯރުކޮށްދިން ފަރާތަކަށް ހުށައަޅާފައިވަނީ 15 މިލިއަން ޑޮލަރ އެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕްގެ 50 މިލިއަން ޑޮލަރގެ ރިޝްވަތުގެ ސަބަބުން އިތުރުވެގެންދާނީ އެމެރިކާއާއި ވެނެޒޫލާގެ ދެކޮޅުވެރިކަމާއި އެގައުމުގެ އެތެރޭގެ ހަމަނުޖެހުން ކަމުގައި ތަޖްރިބާކާރުން ބުނަމުންގެންދެއެވެ. ޖޯރޖް ވޯޝިންގޓަން ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައެންސްގެ ޕްރޮފެސަރ އެލެކްސް ޑައުނެސްގެ ރައުޔުގައި ކަމުނުދާމީހާކަމަށް ބަލައިގެން ގައުމެއްގެ ވެރިޔަކު ނަގާ ހޫރާލުމަށްފަހު ދެން އެ ޖާގައަށް ފައްތާ ރަނގަޅު މީހާއަކީ ފަސްމީރު ކުރިރުކެއް ކަމަށް ބެލުމަށްވުރެން މޮޔަ ވިސްނުމެއް ނޯންނާނެއެވެ. މިއީ މިހާތަނަށް އެމެރިކާއިން ރެޖީމް ޗޭންޖް ކުރުމުގެ ނަތީޖާ ފެންނަން އޮތްގޮތެވެ. އިރާގާއި ލީބިޔާ އޮތީ ކުރިމަތިން ހާމައަށް ފެންނާށެވެ.
ރައީސް މަޖޫރޯ ހައްޔަރުކުރަން ބޭނުންވެފައިހުރިލެއް ބޮޑުކަމުން 2017 ވަނައަހަރު ރައީސް ޓްރަމްޕް ވެރިކަމުގައި ހުންނެވި އިރުވެސް ވެނެޒޫލާގެ ރައީސް ހައްޔަރުކުރަން އެހީވެދިން މީހަކަށް 15 މިލިއަން ޑޮލަރުގެ ރިޝްވަތު ހުށައަޅާފައި އޮތުމާއެކު އެ ގައުމުގެ ދިފާއީ ވަޒީރާއި އުއްތަމަފަނޑިޔާރަށްވެސް މިލިއަން މިލިއަނުން ރިޝްވަތުދޭނެކަމަށްވެސް އޮތީ ވިދާޅުވެފައެވެ. އެމެރިކާގެ ޑިކްޝަނަރީގައި މިގޮތަށް އިއުލާންކުރާ ރިޝްވަތަކީ ހަދިޔާއެވެ.
ރައީސް ޓްރަމްޕްގެ ވިސްނުންފުޅު ހުރީ މިލިޓްރީގެ ވަސީލަތް ބޭނުންކޮށްގެންވިޔަސް މަޖޫރޯ ވެރިކަމުން ދުރުކުމަށް ކަމުގައި ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.`މަޖޫރޯގެ ވެރިކަން ވައްޓާލުމަކީ އެމެރިކާއިން މިއަދު އެކަނި ބޭނުންވެގެން އުޅޭ ކަމެއް ނޫނެވެ. އެކަމުގައި އުޅެ އުޅެ ޒަމާންތަކެއް ފާއިތުވެގެން ދަނީއެވެ. މަޖޫރޯއަށް ފިލައިގެން ނުހުރެވޭނެއެވެ. ގާނޫނުގެ ކުރިމައްޗަށް ގެނެސް އޭނާގެ ކުށްތަކަށް އަދަބު ދެވޭނެއެވެ. އެމެރިކާގެ ބަންޑާރަ ނައިބު ޕާމް ބޮންޑި ވިދާޅުވެފައި ވެއެވެ.
ވެނެޒޫލާއިންމަސްތުވާތަކެތި އެމެރިކާއަށް ފޮނުވަމުން ގެންދާ ކަމުގެ ބަހަނާގައި ކެރީބިއަން ސަރަހައްދަށް އެމެރިކާގެ އަސްކަރިއްޔާއިން ގެންދަނީ ކަނޑުގެ ބާރުތައް ޖަމާކުރަމުންނެވެ.
މަޖޫރޯ ހައްޔަރުކުރަން ރިޝްވަތު ހުށައެޅުމަކީ އެމެރިކާގެ ތާރީޚުގައި ބޭރުގެ ގައުމެއްގެ ވެރިޔަކު ހައްޔަރުކުރަން ފުރަތަމަ ފަހަރު ކުރިކަމެއް ނޫންކަމަށްވެސް ޕްރޮގެސަރ ޑައުނެސް ބުނެފައިވެއެވެ. 1989 ގައި ޕެނަމާގައި ވެރިކަންކުރި މެނުއަލް ނޮރިއޭގާގެ ބޮލަށް އެއްމިލިއަން ޑޮލަރ ވަނީ ހުށައަޅާފައެވެ. މި އިއުލާން އާ ގުޅިގެން އެތައް ހާސް ފަރާތަކުން ޕެންޓަގަންއަށް މައުލޫމާތު ފޯރުކޮށްދިންކަމަށްވެއެވެ. އެންމެފަހުން ޔޫ އެސް. މިލިޓްރީން އަރައިގަނެ ނޮރިއޭގާ ހައްޔަރުކުރީ އެވެ. އަދި 2003 ވަނައަހަރު އިރާގުގެ ރައީސް ސައްދާމް ހުސައިންގެ އިސްތަށިފުޅަށްވެސް 25 މިލިއަން ޑޮލަރގެ ރިޝްވަތުވަނީ އެމެރިކާއިން ހުށައަޅާފައެވެ.
ސައދާމް ހުސައިންގެ ފިރިހެންދަރިންނާބެހޭ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށްވެސް 15 މިލިއަން ޑޮލަރގެ ރިޝްވަތު އެމެރިކާއިން އޮތީ ހުށައަޅާފައެވެ. އެކަމަކު އޭރު އެމެރިކާއިން ތިބީ އިރާގަށް އަރައިގަނެގެންނެވެ.
ވެނެޒޫލާއަށްދިމާވެފައިވާ ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުމުގެތެރެއަށް ފަގީރުކަމުގެ މުސީބާތާ ކުރިމަތި ވެފާއޮތުމުގެ ސަބަބުން ކުއްލިއަކަށް ސަރުކާރު ބަދަލުވެގެން ހިނގައްޖެނަމަ އެގައުމުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމުގެ ބިރުބޮޑުމަކަށްވެސް ޑައުނެސް ބުނެފައިވެއެވެ.
މަޖޫރޯ ގެ ސަރުކާރު ވައްޓާލުމުން އެމެރިކާ ސަރުކާރުވެސް އުދަނގޫ ފައްތަރަކަށް ވައްޓިގެން ހިގަނއިދާނެކަމަށް އިލުނޯއި ޔުނިވަރސިޓީގެ ޕޮލިޓިކްސް ސައިންސްގެ ޕްރޮފެސަރ ނިކޯލަސް ގްރޮސްމަން ބުނެފައިވެއެވެ.
ބާރުގެ ބޭނުންކޮށްގެން ގައުމެއްގެ ވެރިކަން ވައްޓާލައިފިނަމަ އެ ގައުމުރައްޔިތުން ގައުމުގައި ތިބުމަށް ބިރުން އެހެން ގައުމުތަކަށް ހިޖުރަ ކުރަންފަށާނެއެވެ. މިއީ އަވަށްޓެރި ގައުމުތަކަށްވެސް ބޮޑު މުސީބާތަކަށް ވެގެންދާނެއެވެ.
މަޖޫރޯގެ ސަރުކާރު ވައްޓާލުމަށް ރައީސް ޓްރަމްޕް ހުށައަޅާފައިވާ ރިޝްވަތާބެހޭގޮތުން އަލްޖަޒީރާއިން ވައިޓްހައުސްއިން މައުލޫމާތު ސާފުކުރަން ގުޅުމުން ވައިޓް ހައުސްގެ ތަރުޖަމާން ބުނެފައިވަނީ ވެނެޒޫލާގެ ސަރުކާރު ވައްޓާލަން އެމެރިކާއަށް ކުރެވުނު ކޮންމެކަމެއް ކުރާނެ ކަމަށެވެ.
އަލްޖަޒީރާއާ ވާހަކަދެއްކި ވެނެޒޫލާގެ ބައެއްމީހުންތިބީ މަޖޫރޯގެ ވެރިކަން ވެއްޓޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެމީހުން ބަޔާންކޮށްދީފައިވާގޮތުގައި ވެނެޒޫލާއަކީ ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް ފެތުރިފައިވާ އަދުލު އިންސާފު ލިބޭނެ މަހްކަމާއެއްވެސް ފެންނަން ނެތް ގައުމެކެވެ.
![]()
