ޖޯޑަންގައި ހުންނަ އަސްކަރީ މަރުކަޒަކަށް އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން މަރުވި ހާދިސާއާ، ޗައިނާގެ ކުންފުނިތަކަކުން ފޯރުކޮށްދިން ހައި-ރިޒޮލިއުޝަން ސެޓެލައިޓް ފޮޓޯތަކާ ގުޅުން ހުރި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ. މިއާއެކު ތެހެރާނަށް އެހީތެރިވުމުގައި ބެއިޖިންގްގެ ދައުރާ މެދު އަނެއްކާވެސް ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހޯދުންތަކަކީ ޖޯޑަންގެ އުތުރުއިރުމަތީގައި އޮންނަ މުވަފަޤް ސަލްތީ އެއާ ބޭސްއަށް ޖުލައި 17 ގައި ދިން ހަމަލާއާ ގުޅުންހުރި ހޯދުންތަކެކެވެ. އީރާނުގެ މިސައިލްތައް އަރާފައިވަނީ އެމެރިކާ ސިފައިން ނިދާ ކޮޓަރިތަކަށެވެ. މި ހަމަލާގައި ތިން ސިފައިން މަރުވެ، އިތުރު ހަތަރު މީހަކު ޒަޚަމްވެގެން ސިއްހީ އަވަސް ފަރުވާއަށް އެހެން ތަނަކަށް ގެންދަން ޖެހުނެވެ. މީގެއިތުރުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި މަރުކަޒުގައި ހުރި ޕައިލެޓުން ތިބި އަދި ޕައިލެޓުން ނެތް މަތިންދާބޯޓުތަކަށް ވެސް މި ހަމަލާ އަމާޒުކޮށްފައިވެއެވެ.
މި ރިޕޯޓް ނުކުމެފައި މިވަނީ، އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމަށް އީރާނަށް އެހީތެރިވެދާނެ ސެޓެލައިޓް ފޮޓޯތައް ޗައިނާގެ ކުންފުނިތަކުން ފޯރުކޮށްދެމުންދާ ކަމަށް ބުނެ ޓްރަމްޕްގެ ސަރުކާރުން ބެއިޖިންގްއަށް އެތައް މަހެއް ވަންދެން އިންޒާރު ދެމުން އައިސްފައި ވަނިކޮށެވެ.
ވޮޝިންޓަނުން ޗައިނާ ސަރުކާރުގެ މައްޗަށް މި ހަމަލާގައި ސީދާ ބައިވެރިވި ކަމުގެ ތުހުމަތެއް ނުކުރެއެވެ. ޗައިނާގެ އޮފިޝަލުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އީރާނަށް ދޭ އެހީތެރިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެވޭ އެހީތެރިކަމެއް ކަމަށް ބުނެ، މި ހަމަނުޖެހުމުގެ ތެރެއަށް ބެއިޖިންގް ވައްދަން އުޅެނީ ބޭއިންސާފުން ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް ޗައިނާއިން ވަނީ ރައްދު ދީފައެވެ.
ޗައިނާގެ ތިން ކުންފުންޏެއް ކަމަށްވާ މިޒާޓް ވިޝަން، އާތު އައި އަދި ޗަންގް ގުއަންގް އިން އީރާނަށް ފޯރުކޮށްދޭ ސެޓެލައިޓް ފޮޓޯތަކުގެ ސަބަބުން އެމެރިކާއާއި އެޤައުމުގެ ބައިވެރިންގެ ފުރާނައަށް ނުރައްކާވާ ކަމަށް ބުނެ، އެމެރިކާއިން ވަނީ މެއި މަހުގެ ތެރޭގައި އެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
މާހިރުންނާއި ކުރީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ފޮޓޯތަކަކީ އީރާނުގެ ފުޅާ ޖާސޫސީ ނެޓްވޯކުގެ އެއްބައި އެކަންޏެވެ. މި ނެޓްވޯކްގެ ތެރޭގައި އެ ޤައުމުގެ އަމިއްލަ ސެޓެލައިޓްތަކާއި، އިންސާނީ ޖާސޫސީ މައުލޫމާތާއި، އަދި ރަޝިޔާއިން ލިބޭ މައުލޫމާތުތައް ވެސް ހިމެނެއެވެ.
ޗައިނާ ނުވަތަ ރަޝިޔާގެ ސެޓެލައިޓް ޖާސޫސީ މައުލޫމާތުގެ އެހީގައި މެދުއިރުމަތީގައިވާ އެމެރިކާގެ ކަނޑުގެ އަދި އަސްކަރީ ވަސީލަތްތައް މޮނިޓަރ ކުރުމުގެ ފުރުސަތު އީރާނަށް ލިބިދާނެތީ އެމެރިކާގެ އޮފިޝަލުން މިހާރު ދަނީ އިތުރަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ މިހާރުވެސް ނުތަނަވަސްވެފައިވާ އެމެރިކާ-ޗައިނާގެ ގުޅުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ.
![]()
