ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، އެ ސަރަހައްދު ބަލައިފާސްކޮށްފައި ވަނީ މި ސެޕްޓެންބަރު މަހުގެ 8ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބައެއްގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެމީހުން ބަލައިފާސްކުރުމަށްފަހު ކަމަށެވެ.
އެ ސަރަހައްދު ބެލިބެލުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި، އެ ތަކެތި ފެނިފައިވަނީ ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.