ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ޤައުމަށް ނުދިއުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި

Loading

September 9, 2025
profile
Facebook
Twitter
WhatsApp

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމަށް ދިވެހިން ދަތުރުނުކުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނުގައި، ނޭޕާލުގެ އިދާރާތަކުންނާއި، އިންޑިއާ ހައިކޮމިޝަނާއި، މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވަނީ އެދިފައެވެ. އަދި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އޭގެ އިތުރުން، ނޭޕާލުގެ ވެރި ރަށް ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، އެ ސިޓީގައި ދިރިއުޅޭ މީހުން ދަތުރުފަތުރުކުރުމުގައި ސަމާލުކަން ދިނުމަށާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކާއެކު ސޯޝަލް މީޑިއާ ބަންދުކުރުމާއެކު، ނޭޕާލުގައި އިއްޔެ ފެށުނު ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. 

އެ ޤައުމުގައި އާންމުވެފައިވާ ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާގެ އަމާޒު ބަދަލުކޮށް މިއަދު އިތުރަށް ފުޅާކޮށްފައިވާއިރު، ތަންތަނުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް