ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވެގެން، ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް 43 ރަށަކުން މިހާތަނަށް މަޢުލޫމާތު ފޮނުވާފައި ވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި، މީގެތެރޭގައި ހިމެނެނީ އަތޮޅުތަކުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އިޢުލާންކޮށްފައިވާ ރަށްތަކެވެ.
އަމިއްލަ ގޯތީގެ ބިންތަކުގައި ގެދޮރު އެޅުމަށް ސަރުކާރުން ހުޅުވާލި މި ފުރުސަތަކީ، ބަންޑާރަ ގޯތީގައި ގެދޮރު އެޅުމަށް މާލީގޮތުން ދަތި މީހުން އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތެކެވެ.
ގެދޮރު އެޅުމަށް އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާތަނަށް ހުޅުވާލާފައިވަނީ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގުމަށް އިޢުލާންކޮށްފައިވާ 57 ރަށުގެ ރައްޔިތުންނަށެވެ.
ސަރުކާރުން ފަހިކޮށްދޭ ގެދޮރުވެރިކަމުގެ މަޝްރޫޢުގައި، އަމިއްލަ ގޯތީގައި އިމާރާތްކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދާއި ގޯތީގެ ތަފްސީލުތައް ހޯދުމުގެ މަސައްކަތް ކުރުމަށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކައުންސިލްތަކަށް އެންގީ މި އަހަރުގެ ޖުލައި މަހުއެވެ.
އެ ވުޒާރާއިން ބުނީ، މަޢުލޫމާތު ލިބިފައިވާ ރަށްތަކުގައި، މަޝްރޫޢުތައް ވަނީ ޕްރީ ކޮލިފިކޭޝަން އިވެލުއޭޝަން މަރުހަލާގައި ކަމަށެވެ.
މި މަރުހަލާގައި ކުރިއަށްދާނީ، ކޮންޓްރެކްޓަރުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.