އަރިއަތޮޅު އުތުރުބުރީ މާފަރުފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ހަމަޖައްސާފައިވަނީ، މާފަރުފަޅަކީ ފެރިދޫގެ ތަރައްޤީގައި ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުން ބޭނުންކުރެވޭނެ ތަނަކަށް ހެއްދެވުމަށްޓަކައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ކަނޑައަޅުއްވާފައިވަނީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ނިންމެވުމާއެކު އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/22 ގަރާރުން ވަނީ، ގަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އިސްލާހުކުރައްވައި، އެ ގަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު އިތުރުކުރައްވާފައެވެ.