ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ނިންމައިފިއެވެ.
މިކަންހާމަކޮށް އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)
ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.
އެ ހަރަކާތް މި އަހަރު ބާއްވަން ނިންމާފައިވަނީ 8 ސެޕްޓެމްބަރު 2025ގައެވެ.
އަދި ހަރަކާތުގެ ޕާޓްނާރ އެއާލައިނަކީ ގަތަރު އެއާވޭސްއެވެ.
އެމްއޭސީއެލް އެފެކްސް ކުރިއަށް ދިޔަނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެއެވެ.
ނަމަވެސް އެފެކްސްއާ އޮޕަރޭޝަންތަކަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ވަނީ ނިންމައިފައެވެ.
މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވާނެއެވެ.
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވެއެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވެފައިވެއެވެ