އަންނަ ސެޕްޓެމްބަރުމަހު އޮންނަ އދގެ ޖެނެރަލް އެސެމްބްލީގައި ފްރާންސުން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން ބުރާސްފަތި ދުވަހު ވިދާޅުވެފައިވެއެވެ.
ފްރާންސުން މިގޮތަށް އަމަލު ކޮށްފިނަމަ ފްރާންސް ހިމެނިގެންދާނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތް ޖީ- ސެވަންގެ ފުރަތަމަ ގައުމު ކަމުގައެވެ. ފްރާންސްގެ އިތުރުން މިގްރޫޕްގައި ހިމެނެނީ އެމެރިކާ،އިގިރޭސިވިލާތް،އިޓަލީ،ޖަރމަނީ،ކެނެޑާ އަދި ޖަޕާނެވެ.
ސޯޝަލްމީޑިޔާ ޕްލެޓްފޯމް އެކްސްގައި ލިއުއްވަމުން މެކްރޯން ވިދާޅުވެފައިވަނީ މިވަގުތު އެންމެ އިސްކަމެއް ދޭންޖެހިފައިވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމާއިއެކު ފަލަސްތީން އާބާދީ ސަލާމަތް ކުރުން ކަމުގައެވެ. ސުލްހަ ގާއިމް ކުރެވޭނެ ކަމަށާ، ވަގުތުން ހަމަލާތައް ހުއްޓާލާ ހޮސްޓެޖުން މިނިވަންކޮށް އަދި އިންސާނިއްޔަތަށްޓަކާ ވެދެވޭ އެހީ ވަރަށް ބޮޑަށް އިތުރު ކުރަންޖެހޭ ކަމަށް ލިއުއްވާފައި ވެއެވެ.
މެކްރޯންގެ ނިންމެވުމަށް ފަލަސްތީންގެ އިސްއޮފިޝަލުން މަރުހަބާ ވިދާޅުވެފައިވީ ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވާފައެވެ. ނަތަންޔާހޫ ވިދާޅުވީ ފްރާންސުން އެހެން ހަދައިފިނަމަ އެއީ އޮކްޓޯބަރު 7ގެ ހަމަލާތަކަށް ހަމާސްއަށް ދެވޭ ހަދިޔާއެއްކަމަށާ އެކަންވާނީ އިޒްރޭލުގެ ދެމިއޮތުމަށް ހުރި ނުރައްކަލަކަށް ކަމުގައެވެ.
އެމެރިކާއިންވެސް ވަނީ ރައީސް މެކްރޯންގެ ނިންމެވުން ހަރުއަޑުން ”ރިޖެކްޓް“ ކުރާކަމަށް ބުނެފައެވެ.އަދި އެއީ ”ރެކްލަސް“ ނުވަތަ ނިކުމެދާނެ ނުރައްކާތެރި ނަތީޖާއަކަށް ވިސްނާލުމެއް ނެތި ނިންމެވި ނިންމުމެއްކަމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވެއެވެ.
ރައީސް މެކްރޯންގެ ޕޯސްޓްގައި އިތުރުރަށް ލިއުއްވާފައި ވާ ގޮތުގައި ފްރާސުން ފަލަސްތީންގެ ދައުލަތް ގަބޫލު ކުރަން ނިންމީ މެދުއިރުމަތީގައި ދާއިމީ ގޮތެއްގައި ސުލްހަ ދެމިއޮންނަން ޖެހޭނެކަމަށް އަބަދުވެސް ގަބޫލުކުރަމުން އައި އައުމާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހަމަމިއާއެކު ހަމާސް ގެ ކިބައިގައިވާ ހަތިޔާރުގެ ބާރުވެރިކަން ނިމުމަކަށް ގެނެސް ޣައްޒާ އަލުން އާބާދު ކުރުމަށް އިސްކަމެއް ދޭންޖެހޭ ކަމަށްވެސް ލިއުއްވާފައިވެއެވެ.އަދި މި ނިންމުން ނިންމެވިކަން އަންގަވާ ފަލަސްތީންގެ ރައީސް މަހްމޫދް އައްބާސް އަށް ފޮނުއްވި ސިޓީ ފުޅެއްވެސް ޕޯސްޓާއެކު އެޓެޗް ކުރައްވާފައި ވެއެވެ.
މެކްރޯންގެ ނިންމެވުމާއި އެކު މަހްމޫދް އައްބާސްގެ ފަރާތްޕުޅުން އޭނާގެ ޑެޕިއުޓީ އަދި ހަމާސް ޖަމާއަތުންވެސް ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
އދގެ މެމްބަރުންގެ ގޮތުގައި 193 ގައުމު ތިބިއިރު،140އަށް ވުރެ ގިނަ ގައުމުން ވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލު ކޮށްފައެވެ.