ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި މުއްދަތު ހަމަވެފައިވާ ކުޑަކުދިންގެ ކާނާގެ މުއްދަތު ހަމަވާ ތާރީޚް ބަދަލުކޮށް އަލުން ޕެކް ކޮށް، ވިއްކުމަށްޓަކައި ދޫކުރަމުން ދިޔަ، ދެގުދަން ރެއިޑްކޮށް އެދެތަން ބަންދު ކޮށްފިއެވެ. އަދި ގަވާއިދާޚިލާފަށް ހިންގަމުން އައި ދެ ގުދަނުގައި ހުރި މުދަލުގެ ވެރިން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ސައޫދީ މިނިސްޓްރީ އޮފް ކޮމާސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ދެ ގުދަން ރެއިޑް ކުރުމުގެ އޮޕަރޭޝަންގައި ވަނީ ފޭކް އެކްސްޕަޔަރީ ޑޭޓް ޖަހާފައިވާ 8 ޓަނުގެ ތަކެތި އަތުލައިގެންފައެވެ.
ދެކުނު ރިޔާޟް ގެ އަޒީޒިއްޔާ އަދި ޚާލިދިއްޔާ ޑިސްޓްރިކްޓްގައި ހިންގަމުން އައި ދެގުދަން އިންސްޕެކްޝަން ޓީމް ތަކުން ރެއިޑް ކޮށްފައިވަނީ ކަމާބެހޭ އެހެން ބައެއް އިދާރާތަކާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައެވެ.
ރެއިޑް އަށް ފަހު އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ބަދަނުގެ ބާވަތްތައް، ތޮޅިއޮށް،ކެންޑީ އަދި ހިމުން ކޮފީ ވެސް ހިމެނެއެވެ. މިތަކެއްޗާއެކު ފޭކް ތާރީޚް ޖަހާފައިވާ ސްޓިކާތަކާ އަދި ފްރޯޑް ހިންގަން ބޭނުންކުރާ ތައްގަނޑުތައް ފަދަ ތަކެތި ފެނި އަތުލާފައި ވެއެވެ.
މިކަމުގައި ހައްޔަރު ކުރެވުނު މީހުންގެ މައްޗަށް 3އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު އެއް މިލިއަން ރިޔާލައިން ހޫރިމަނާ ކުރެވޭނެއެވެ.
ކޮމާޝަލް ފްރޯޑް ނުވަތަ ވިޔަފާރީގައި މަކަރު ހެދުމަކީ ސައޫދީ ސަރުކާރުން ވަރަށް ހަރުކަށި އަދަބު ދޭ ކަމެކެވެ.